ވޭތުވެދިޔަ އަހަރުތަކާ އަޅައިބަލާއިރު، މިދިޔަ އަހަރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އަށް ހުށަހަޅާފައިވާ މައްސަލަތައް 61 ޕަސަންޓު އިތުރުވެފައި ވާކަމަށް އެ އޮފީހުގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
އެ އޮފީހުގެ ރިޕޯޓުން ދެއްކިގޮތުގައި، މިދިޔަ އަހަރު އެ އޮފީހަށް 666 މައްސަލަ ވަނީ ހުށަހަޅައިފައެވެ. އެއީ 2023ވަނަ އަހަރާ އަޅައިބަލާއިރު 61 ޕަސަންޓު މަތީ އަދަދެކެވެ. އޭގެ ތެރެއިން 566 މައްސަލަ ވަނީ ރަޖިސްޓްރީ ކޮށްފައެވެ.
އެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ގިނަ ވުމުގެ ސަބަބަކީ އިދާރާތަކަށް ހުށަހެޅޭ ހުށަހެޅުންތަކަށް އެއްވެސް ޖަވާބެއް ނުދިނުމާއި، މުރާޖާކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކަށް ވެސް އެއްވެސް ޖަވާބެއް ނުދޭތީކަމަށް އެ ރިޕޯޓުގައި ފާހަގަ ކުރެއެވެ.
ވޭތުވެ ދިޔަ އަހަރު ރަޖިސްޓްރީކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ގިނައީ، މައުލޫމާތު ހޯދުމަށް ހުށަހަޅާ ހުށަހެޅުންތަކަށް އިދާރާތަކުން އިޖާބަދިނުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ހުށަހެޅުން ލިބިފައިވާ އިދާރާތަކުން އެއްގޮތަކަށް ވެސް އިޖާބަދީފައިނުވާތީ ހުށަހެޅި ޝަކުވާތަކެއްކަމަށް ވެސް އެ ރިޕޯޓުން ފާހަގަވެއެވެ.
މީގެ އިތުރުން، އެ އޮފީހަށް ހުށަހެޅޭ މައްސަލަތައް އިތުރުވަމުން ދާއިރު، މައްސަލަ ބެލުމާއި މައްސަލަތައް ދިރާސާކުރުމަށް އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެތްކަން އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މަޢުލޫމާތު ހޯދައި ތަންފީޒުކުރުމަށް އިދާރާތަކުން ދޭންވާ އަހަންމިއްޔަތުކަން ނުދިނުމަކީ ވެސް އެ އޮފީހަށް ދިމާވާ ގޮންޖެހުމެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަކޮށްފައިވެއެވެ.
އެގޮތުން ހާމަކުރަންޖެހޭ މަޢުލޫމާތު ހާމަކޮށްފައި ވަނީ މިހާތަނަށް ދައުލަތުގެ އެންމެ 11 އިދާރާއިންނެވެ.
ހަމައެއާއެކު އެ ކޮމިޝަނުން ވޭތުވެދިޔަ އަހަރު ހިންގާފައިވާ ހަރާކާތްތަކުގެ ތެރޭގައި:
- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ތަމްރީން ކުރުމުގެ 39 ޕްރޮގްރާމް ހިންގުން.
- އާންމުން ހޭލުންތެރިކުރުމުގެ ނުވަ ޕްރޮގްރާމް ހިންގުން.
އެ ހަރަކާތްތަކުގައި ޖުމުލަ 173 އިދާރާއަކުން 944 މީހުން ބައިވެރިވެފައިވާކަމަށާއި އެ ބައިވެރިންގެ ތެރޭގައި 141 އިންފޮމޭޝަން އޮފިސަރުން ހިމެނޭކަމަށް އެ ރިޕޯޓުގައި ބުނެއެވެ.
އަދި އޭގެ އިތުރުން އެހެނިހެން އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމާއެކު ވެސް ގިނަ ހަރަކާތްތަކެއް ހިންގާފައިވާކަން ރިޕޯޓުގައި ފާހަގަ ކުރެއެވެ.
އެ ކޮމިޝަނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކުރައްވައި އެ އޮފީހުގެ އިމާރާތުގެ ހާލަތު ވަނީ އެ ރިޕޯޓުގައި ފާހަގަކޮށްފައެވެ. އެގޮތުން އޮފީސް އިމާރާތުގެ އެކި ހިސާބުތަކުން ފެން ފޭބުމާއި މޯލްޑް ޖެހުމުގެ ސަބަބުން އޮފީސް މާހައުލަކީ، މިހާރު ސިއްޙީ ގޮތުން މުވައްޒަފުނަށް އެކަށީގެން ނުވާކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.