"އަހަންނަކަށް ނޭނގެ ތިދެމީހުން އެހާ ލޯބިން އުޅެފަ ޖެހުނީ ކޮން މައްސަލައެއް ކަމެއް... އެކަމަކު، އަހަރެން ބުނާނީ މީ މައްސަލަ ޖެހެންވީ ވަގުތެއް ނޫނޭ... ޔަލްވީ ބަނޑުބޮޑު... މީ ޔަލްވީއަށް ލޯބިދޭންވީ ވަގުތު... ދޫކޮށްލާފަ ދާންވީ ވަގުތެއް ނޫން... ބަނޑުބޮޑުއިރު، ކޫސަނި ކަންކަމާ ރުޅިގަދަވެ ކަންކަން ވާނެ... ރަޔައްޓެ ރަނގަޅަށް ހުރި މީހާ ޖެހޭނެ އެކަންކަން ހިންދާލަން... ކެތްކުރަން... ނޫނީ ކުދިކުދި ކަންކަން ބޮޑެތި ކަންކަމަށް ބަދަލުވާން ފަށާނެ..." އަފްސަމް ދިނީ މުޅީންވެސް ރަނގަޅު ނަސޭހަތެވެ.
********
"އަހަރެން ޔާލް ކުށްވެރިއެއް ނުކުރަން... އަނެއްހެން ބުނަންޏާ، ވީ އެއްވެސް ކަމެއްގަ ޔާލްގެ ކުށެއްވެސް ނެތް... އެކަމަކު، އަހަންނަށް އެތާކު ނޫޅެވޭނެ! އަހަންނަކީ ޔާލްގެ މަންމަ ގަބޫލުކުރާ ފެންވަރު ހުރި މީހެއް ނޫން.." ރަޔާން ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ދެން ޔަލްވީ ގޮވައިގެން ރަށަށް ދާންވީނު... ނޫނީ ތަނެއް ހިފައިގެން ދެމީހުން ޗޭންޖްވާންވީނު..." އަފްސަމް ލަފާދިނެވެ.
"ޔާލް ބޭނުމެއް ނުވޭ އަހަންނާ އެކީ ދާކަށް..." ރަޔާންގެ އަޑުގައި ހިތާމައިގެ އަސަރުވިއެވެ.
"ބޭނުންނުވަނީތަ؟... ނޫނީ މަޖުބޫރުވެގެންތަ؟" އަފްސަމް އިނީ ޔަގީންނުވެފައެވެ.
ވެގެންއުޅޭގޮތް އެނގުމުން، އަފްސަމްވެސް އިނީ، ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަފީސާއަކީ ރަޔާން ބުނި ދަރަޖައަށް ވެއްޓިދާނެ މީހެއް ކަމަކަށް އޭނާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ދެމަފިރިއެއްގެ ދެމެދުގައި ހިނގާ ޒާތީ ކަންކަމަށް މައިންބަފައިން ބަސްކިޔާ ހަދަންވެއްޖެނަމަ، އެގުޅުމެއްގައި ރެނދުނުލައި ނުދާނެކަމީ އެންމެންނަށްވެސް ކަށަވަރުވާ ހަގީގަތެކެވެ.
"ހުރިހާވެސް މައްސަލައަކީ މައިދައިތަދޯ..." އަފްސަމް ވިސްނައިލިއެވެ. "ތިހެންވިއްޔާ، މީ އެއްގޮތަކަށްވެސް ފަހަތަށް ޖެހެންވީ ވަގުތެއް ނޫން... މައިޓުގެ ޕްލޭނަކީ ކޮބައިކަން އެބަ އެނގެއެއްނު... ތި ދެމީހުން ދުރުކުރުން... އެކަން ކާމިޔާބުވިޔަދީގެން ނުވާނެ... އެ ޕްލޭން ޖެހޭނީ ޕްލޮޕްކޮށްލަން... ބޭނުންވަނީ ރަޔައްޓެގެ ހިތްވަރެއް... ރަޔައްޓެ ތައްޔާރުތަ؟"
ނޫޑްލްސްތަށި ހިފައިގެން އައި ލިމްޔާއަށް އަފްސަމް ބުނި އެއްޗެއް އަޑު އިވުނެވެ. ލިމްޔާއަށް ވީގޮތް އެނގުމުން އެއްޗެއް ނުބުނެއެއް ނުހުރެވުނެވެ.
"މަންމަވެސް ބުނި ނަފީސައްތަގެ ވަރަށް އެހެން ކަހަލަ ސްޓައިލެއް ހުންނަ ވާހަކަ..." ނޫޑުލްސްތަށި ރަޔާންގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ބަހައްޓަމުން ލިމްޔާ ބުނެލިއެވެ. "އަހަރެންވެސް ތިދެމީހުންގެ ލައިފް ސަލާމަތްކުރަން އެހީވާނަން..."
"ޔާލްގެ ވިސްނުން ބަދަލެއްނުވާނެ...." ޔަގީންކަން ކުޑަ ރާގަކަށް ރަޔާން ބުނެލިއެވެ.
"މާ އަވަހަށޭ ތި ފަހަތަށް ޖެހެނީ... އެއްގޮތަކަށްވެސް ރަށަށް ދާނެކަމެއް ނެތް... އަހަރެން ބުނާގޮތެއް ހަދާބަލަ!.." އަފްސަމް ރަޔާންގެ ކައިރިއަށް ޖެހިފައި، ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.
*********
ޔަލްވީގެ ކައިރީގައި އިށީނދެލައިގެން އިން ނަފީސާގެ މޫނުން ފެންނަމުންދިޔައީ ކަންބޮޑުވުމުގެ އަސަރެވެ. ޔަލްވީގެ އަތަށް އައިވީ ގުޅާފައިވާއިރު، ވަރުބަލިވެގެން އޮތީ ނިދިފައެވެ. ހޭވެރިކަން ހުރިނަމަ، ޔަލްވީ މަސައްކަތްކުރާނީ ރަޔާންގެ ކައިރިއަށް ދާންކަން ނަފީސާއަށް އެނގެއެވެ. ވީއިރު، ނިދިފައި އޮތުންވެސް މާ ރަނގަޅޭ އޭނާގެ ހިތަށް އެރިއެވެ. ނަފީސާ ދޭތެރެއަކުން ޔަލްވީގެ މޫނަށް ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަދެއެވެ. އެންމެ ހިނދުކޮޅަކަށް ނަމަވެސް ޔަލްވީގެ ކައިރިން ދުރަށްދާކަށް އޭނާ ބޭނުމެއް ނުވެއެވެ.
ނަފީސާގެ ހަރަކާތްތަކަށް ބަލަން ދޮރުމަތީގައި ހުރި ނިމާލުގެ މޫނުން ފެންނަމުންދިޔައީ ކަންބޮޑުވުމުގެ އަސަރެވެ. ނަފީސާ ޔަލްވީދެކެވާ ލޯބި ވަނީ ހައްދުފަހަނައަޅައި ގޮސްފައެވެ. ނަފީސާއެކޭ ބަލިމީހެކޭ ތަފާތެއް ނެތެވެ. ދަރިފުޅު ބީވުމަށްފަހު، އަލުން ލިބުމުން، ދޫކުރަން ނަފީސާއަށް އުނދަގޫވަނީއެވެ. ދެރައީ ނަފީސާއަށް ވިސްނޭގޮތް ގޯސްވީމައެވެ. ދަރިންނަކީ އަބަދު މައިންބަފައިންގެ މުށުގެ ތެރޭގައި ގެންގުޅެވޭނެ ބައެއް ނޫންކަން ނަފީސާއަށް ނުވިސްނެނީއެވެ. ކޮންމެވެސް ދުވަހަކުން އެކުދިންގެ އަމިއްލަ ދިރިއުޅުމެއް ފަށަން ދޫކޮށްލަން ޖެހެއެވެ.
"މޭމް ބުނީ ކުރުނބާ!" ތާސާ ތަބަކެއް ހިފައިގެން އެތެރެއަށް ވަންނަން އުޅުމުން، ނިމާލު އެކަން ހުއްޓުވިއެވެ.
"ގެނޭ ތި ކުރުނބާ!... ތާސާ ދިޔަސް އެންމެ ރަނގަޅު..." ނިމާލު ތާސާގެ އަތުން ތަބަށް އަތުލިއެވެ.
"މީ އެ ރަޔާންގެ ކަންތައް... އޭނަގެ ފަހަތުން ދާންއުޅެގެންނޭ ޔަލްވީ އަނބުރައިގަތީ..." ނިމާލު އެތެރެއަށް ވަންތަން ފެނުމުން، ނަފީސާ ޝަކުވާކުރަން ފެށިއެވެ.
ނިމާލު ފެންނައިރަށް ނަފީސާ ދައްކަނީ އެއް ވާހަކައެކެވެ. ރަޔާންގެ ގޯސްވާހަކައެވެ. އެއީ ހަމަ ޔަގީނުންވެސް ރަޔާންގެ ރަށުން އައިއިރު، ނަފީސާގެ ވިސްނުން ހުރިގޮތެއް ނޫނެވެ. އޭރު ޔަލްވީއަށް އައިސްފައިވާ ބަދަލު ފެނި، ނަފީސާގެ ހިތް ރަޔާނަށް ރަނގަޅުވިކަމަށް ނިމާލަށް ގަބޫލުކުރެވުނެވެ. އެކަމަކު، އެހާ އަވަހަށް ނަފީސާގެ ވިސްނުން ބަދަލުވީ ކީއްވެބާއޭ ނިމާލުގެ ހިތަށް އެރިއެވެ.
"ނަސީބެއް އަހަންނަށް ޔަލްވީގެ ކައިރީ ހުރެވުނުކަން... އެހެންނޫނީ ވެއްޓޭނީ މުށިތަކު މައްޗަށް... ބަނޑުގަ އޮތް ކުއްޖާއަށް ކަމެއްވިނަމަ، ރަޔާންއާ ދެކޮޅަށް ދައުވާކުރީމުސް... އޭނައަށް ވަރިހަމައޭ ކޮންމެ ގޮތެއްވެސް... ނައްޓާލައިގެން ދިޔައިރު، އެއްވެސް ކަމަކަށް ވިސްނާލީކީވެސް ނޫނޭ... އެއްވެސް ގޮތެއްފޮތެއް ނެތް..." ނަފީސާ ކުދިކިޔުން ހުއްޓައެއް ނުލިއެވެ. އެއް ވާހަކައެއް ތަކުރާރުކޮށް ދައްކަން ފެށިއެވެ.
"ތިނޫން ވާހަކައެއް ދައްކަފާނަންތަ ނަފީސާ..." ނިމާލު ހުރީ ބޮލަށް އުނދަގޫވެފައެވެ. ނަފީސާގެ ތަބީއަތު ރަނގަޅު ނޫންކަން އެނގޭއިރުވެސް، ނިމާލަކަށް ކެތެއް ނުކުރެވުނެވެ.
"ނުދައްކާ ހުރެވޭތަ؟... އެހުރީ ކަންތައް ކުރިގޮތް.." ނަފީސާ ދުލެއް ނުކުރިއެވެ.
"އެބަ އަންނަން ބޭރަށް ނުކުމެލާފަ..." ނިމާލު ތެދުވެގެން އެތަނުން ދިޔައީ އެހެންގޮތެއް ނެތިގެންނެވެ.
ދެ ދުވަސްވީއިރު، ޔަލްވީއަށް ތެދުވެ އުޅެވޭވަރުވިއެވެ. ކުރިން އެއްގޮތަކަށްވެސް ނުކެވުނަސް، ޔަލްވީ ހިތްވަރުކޮށްފައި ކާން ފެށިއެވެ. ނިމާލުގެ ނަސޭހަތާއި އެއްގޮތަށް ބަނޑުގައި އޮތް ދަރިފުޅަށްޓަކައި ހިތްވަރުކުރިއެވެ. ނަފީސާގެ ވާހަކަތަކުން، ޔަލްވީއަށް ޔަގީންވީ، ރަޔާން އޭނާ ދޫކޮށް ރަށަށް ދިޔައީ ކަމުގައެވެ. ރަޔާނަށް ދަރިއަކު މުހިއްމު ނުވާކަމަށް ނަފީސާ ބުނި ބުނުން ޔަލްވީގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. ވިހަ ތީރެއްހެން އެ ޖުމުލަ ޔަލްވީގެ ހިތް ޒަހަމުކުރަމުން ދިޔައެވެ. ރަޔާން ނުގުޅާ ވޭތުވަމުންދިޔަ ކޮންމެ ދުވަހެއް، ޔަލްވީގެ ހިތުގައިވާ ޒަހަމް ފުންކުރަމުން ދިޔައެވެ. ޔަލްވީއަށް ނުވިސްނުނީ، އޭނާގެ ސަބަބުން ރަޔާން އެދެމަފިރިންނަށް ލިބެން އުޅޭ ދަރިފުޅަށް އަދަބު ދިން ސަބަބެކެވެ. ރަޔާނަކީ ދުރުވިސްނޭ މީހެއް ކަމުގައި ޔަލްވީ ގަބޫލުކުރި ނަމަވެސް، އެވިސްނުން ބަދަލުވިއެވެ. ރަޔާންދެކެ ރުޅި އަންނަން ފެށިއެވެ. މަޑުމަޑުން ޔަލްވީގެ ވިސްނުން ބަދަލުވާން ފެށިއެވެ. ރަޔާނަށް މާފުނުކުރުމަށް ނިންމި ނަމަވެސް، ޔަލްވީގެ ހިތުން ރަޔާނަށް ދެވިފައިވާ މަގާމަކަށް ފަނޑުކަމެއް ނާދެއެވެ. ލޯތްބަކަށްވެސް މެއެވެ.
ކޮޓަރި ދޮރުގައި ޓަކި ޖަހައިލި އަޑު އިވުމުން، ޔަލްވީ ތެދުވިއެވެ. ފޯނު އަތްދަބަހަށް ލާން އުޅެފައިވެސް ޔަލްވީގެ ހިޔާލު ބަދަލުވިއެވެ. ފޯނު ބާލީސްދަށަށް ލިއެވެ. ނިމާލު ބުނެގެން ޔަލްވީ ހުރީ ބޭރަށް ދާން ތައްޔާރުވެގެންނެވެ. ފޯނު ގެންދަން ބޭނުންނުވީ، ބޭކާރު އުއްމީދެއް ކުރަން ބޭނުން ނުވާތީއެވެ. ޔަލްވީގެ ފޯނަށް ގުޅަނީ ރަޔާން އެކަންޏެވެ. ރަޔާން ނުގުޅާއިރު، ފޯނު ގެންގުޅުމުގެ ބޭނުމެއް ޔަލްވީއަކަށް ނުވިސްނުނެވެ. ދޮރު ހުޅުވައިލިއިރު، ޔަލްވީ ހީކުރީ ދޮރުމަތީގައި ހުންނާނީ ނިމާލު ކަމަށެވެ. ތާސާ ފެނުމުން، ޔަލްވީއަށް ހައިރާންކަމެއް ލިބުނެވެ.
"ފްރެންޑް ހުރީ ބޭރުގަ... ގެއަށް ނުވަންނަނީ..." ޖެހިލުންވެފައި ހުރެ ތާސާ ބުނެލިއެވެ.
"ފްރެންޑެކޭ؟ ކާކު؟" ޔަލްވީ ބޭރު ދޮރާއި ދިމާއަށް ހިނގައިގަތެވެ.
ޔަލްވީ ދޮރު ހުޅުވިއިރު، ދޮރުމަތީގައި ހުރީ ލިމްޔާއެވެ. ލިމްޔާ ފެނުމުން، ޔަލްވީއަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބުނެވެ.
"ލިމް.. އާދޭ އެތެރެއަށް... ކީއްވެ ބޭރުގަ ތިހުރީ؟" ޔަލްވީ އުޅުނީ ލިމްޔާ އެތެރެއަށް ވައްދާށެވެ.
"ނޫނޭ... ރަށަށް ދާން އުޅޭތީ މީޓްކޮށްލަން މިއައީ... ހިނގާ ބޭރަށް ގޮސްލަމާ.." ލިމްޔާ އެދުނެވެ.
"އެއީ ތެދެއް..." ނިމާލުގެ އަޑު އިވުނީ ޔަލްވީގެ ފަހަތުންނެވެ. "މިއަދު ދެން ދަރިފުޅު ލިމްޔާއާ އެކީ ގޮސްލާ!... ބައްޕަ މަންމަ ހަމައަކަށް އަޅުވާނަން..."
ލިމްޔާއާއި ނިމާލު އެކަކު އަނެކަކަށް ބަދަލުކުރި ސިއްރުވެރި ނަޒަރު ޔަލްވީއަކަށް ނުފެނުނެވެ.
"ސޮރީ ބައްޕާ!... ލިމް ރަށަށް ދާތީ އަޅުގަނޑާ ބައްދަލުކޮށްލަން އެއައީ... ލިމްއާ އެކީ ބޭރަށް ގޮސްލިޔަސް، އެންމެ ރަނގަޅުތަ؟" ޔަލްވީ މާފަށް އެދުނެވެ.
ޔަލްވީ ތައްޔާރުވީ ނިމާލު ބުނެގެން ބޭރަށް ދާން ނަމަވެސް، ހަގީގަތަކީ، ކަންކަން ރޭވި ނިމުނީ ނިމާލާއި ލިމްޔާމެން މަޝްވަރާކުރިގޮތަށް ކަމެވެ. ޔަލްވީއަށް އެއިން ކަމެއްގެ ކުޑަވެސް ހިލަމެއްނުވެއެވެ.
"އަވަހަށް ގޮސްލާ! ބައްޕައާއެކީ ދެވިދާނެއެއްނު ކޮންމެ ގަޑިއަކުވެސް..." ނިމާލު ހިނިތުންވެލިއެވެ.
ޔަލްވީމެން ކާރަށް އަރާ ނައްޓާލި މަންޒަރު ބަލަން ހުރެފައި، ނިމާލު ދޮރުޖެހިއެވެ. ތާސާއާއި ދެމީހުން އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. ބިރުވެރި އެއްޗަކަށް ބަލާހެން ނަފީސާގެ ކޮޓަރިއާއި ދިމާއަށް ތާސާ ބަލައިލިއެވެ. ހުރިހާ ކަމެއްވެސް އަމާން އޮމާންކޮށް ނިމުނީތީ، ދެމީހުންގެ މޫނުންވެސް ފެންނަމުން ދިޔައީ ހަމަޖެހުމުގެ އަސަރެވެ. ބާކީ އޮތީ ނިމާލުގެ މަސައްކަތެވެ. ނިމާލު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަންއިރު، ނަފީސާ ވުޟޫޢުކޮށްގެން ފާހާނާއިން ނުކުންނަނީއެވެ.
"ނަމާދަށް އަރަން އުޅެފަ، ކޮންތާކަށް ގޮއްސަ ތިއައީ؟" ނަފީސާ މުސައްލަ ނަގައި ފަތުރައިލިއެވެ.
"ފާހާނާއަށް ވަންގޮތަށް ނަފީ ނުކުތީކީ ނޫންވިއްޔަ..." ނިމާލު ސަމާސާކޮށްލިއެވެ.
********
ކާރު ހުއްޓައިލީ ޔަލްވީ އުއްމީދުކުރި މަންޒިލަކަށް ނޫނެވެ. ޔަލްވީ ވަށައިގެން ހޯދައިލިއެވެ. ޔަލްވީ ހީކުރީ، ލިމްޔާ ދާނީ ރެސްޓޯރެންޓަކަށް ކަމަށެވެ. އެކަމަކު، އެއިން ހިސާބަކުންވެސް ރެސްޓޯރެންޓެއް ފެންނާކަށް ނެތެވެ.
"މީ އަހަރެން އުޅޭ އެޕާޓްމަންޓް... ވަދެލަމާ!" ލިމްޔާ އެދުނެވެ.
ޔަލްވީ ހިނިތުންވެލިއެވެ. ލިފްޓްގައި ހުރިއިރުވެސް ވާން އުޅެނީ ކީއްކަމެއް ޔަލްވީއަށް ކުޑަކޮށްވެސް ނޭނގެއެވެ. ލިމްޔާގެ ފަރާތުންވެސް ޝައްކުވާ ކަހަލަ ކަމެއް ނުފެނެއެވެ.
"ކޮބާ އަފްސަމް؟" ލިފްޓްގެ ދޮރު ހުޅުވުމުން، ޔަލްވީ އަހައިލިއެވެ. "ހަބަރެއްވެސް ނުވޭ"
"ހަބަރެއް ނުވާނެއެއްނު، އެހެން ދުނިޔެއެއްގަ އުޅޭ ދުވަސްކޮޅެއް މީ... މިހާރުވެސް ވީ ފްރެންޑެއްގެ ކަމަކު ބޭރަށް ގޮސް..." ގޭގެ ދޮރު ހުޅުވައިލަމުން، ލިމްޔާ ސަމާސާކޮށްލިއެވެ. "އެހާ ވަރަށް ހަނދާންކުރީމަވެސް، މިއާދެވުނީ ޑްރިންކް ނުގަނެ... ޔަލްވީ މަޑުކޮށްލާ އެތެރޭގަ... އެބަ އަންނަން މިތާ ތިރީގަ އިން ފިހާރައަށް ވަދެލާފަ.."
ޔަލްވީ އެއްޗެއް ބުނާނެ ފުރުސަތެއްނުދީ ލިމްޔާ ދޮރު ލެއްޕިއެވެ. ކޮރިޑޯގައި ފިލާހުރި އަފްސަމް ނުކުތުމުން، ލިމްޔާ އެއްލޯ މަރައިލިއެވެ.
"ސަކްސަސް ދޯ.." އަފްސަމް ބުނެލިއެވެ.
"ދެން އޮތީ އެދެމީހުންގެ ހިތްވަރެއް..." ލިމްޔާ ދޫކޮށްލީ ފުން ނޭވާއެކެވެ. "އައި ވިޝް، ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް..."
ލިމްޔާ ގޭގެ އެކި ތަންތަން ބަލަމުން ކުރިއަށް ދިޔައެވެ. ކުޑަ އެޕާޓްމަންޓެއް ނަމަވެސް، ހިތްފަސޭހައެވެ. ދެމީހަކު އުޅެވޭނެހައި ޖާގަ ތަނަވަހެވެ. ވަށައިގެން ފެންނަމުންދިޔަ މަންޒަރުތައް ޔަލްވީގެ ހިތަށް ދިރުން ގެނެސްދިނެވެ. ހުދު ފާރުތަކާއި، ފަރުނީޗަރުތައް ރަމްޒުކޮށްދިނީ ލޯތްބާއި އޯގާތެރިކަމެވެ. ޔަލްވީގެ ގެ ކިތަންމެ ބޮޑު ނަމަވެސް، ރަޔާނާއި ނުލައި އެގޭގައި ޔަލްވީއަށް އުފާވެރިކަމެއް ނުލިބެއެވެ. އަރާމު ކޮޓަރިއެއްގައި އުޅުނަސް، ޔަލްވީގެ ހިތް ނުތަނަވަސްވެއެވެ. ނޭވާ ހާސްވެއެވެ. ލޯތްބަކީ އެހާ މުހިއްމު އެއްޗެއްކަން ޔަލްވީއަށް ވިސްނުނީ ރަޔާން ދުރަށް ދިޔުމުންނެވެ.
ސޯފާ ފެނުމާއިއެކު ޔަލްވީގެ ފިޔަވަޅުތައް ހުއްޓުނެވެ. ހިތުގެ ތެޅުން މަޑުޖެހުނެވެ. ސޯފާގައި މީހަކު އިނެވެ. އެމީހަކު އިނީ ޔަލްވީއަށް ފުރަގަސްދީގެން ނަމަވެސް، ޔަލްވީއަށް އެއީ ކާކުން އެނގުނެވެ.
"ރެން..." ޔަލްވީއަށް ހިތާއިހިތުން ބުނެވުނެވެ.
ރަޔާން ސޯފާއިން ތެދުވިއެވެ. ޔަލްވީއާއި ކުރިމަތިލިއެވެ. ޔަލްވީގެ ދެލޮލަށް ގިނަވި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަން ނެގީ ހިނދުކޮޅެކެވެ. ރަޔާން ފެނުމުން، ޔަލްވީއަށް ލިބުނީ ހައިރާންކަމެވެ. އުފާވިއެވެ. ދެރަވިއެވެ. ރުޅި އައެވެ. ހުރިހާ ޖަޒުބާތުތަކެއް އެކުވެ، ހިތުގައި އުފެދުނު ޝަކުވާތަކާއިއެކު، ޔަލްވީއަށް އިސްކުރެވުނީ ރުޅިއެވެ.
(ނުނިމޭ)