މި އަހަރުގެ ފިތުރު އީދުގެ ހަނދު ފެންނާނެ ދުވަހަކާ މެދު ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމާއި ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ޙަސަން ހަމީދާ ދެމެދު ޚިޔާލު ތަފާތުވެއްޖެއެވެ.
ރާއްޖޭގެ ކަލަންޑަރުގައި އޮތް ގޮތުން އީދު ދުވަހަކީ މި މަހުގެ 31ވާ ހޯމަ ދުވަހެވެ. ނަމަވެސް މައުމޫން ވަނީ އަންނަ އާދިއްތަ ދުވަހަކީ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް ވިދާޅުވެފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ސައުދީ އަރަބިއާއާއި މިސްރާއި ތުރުކީއާއި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މި މަހުގެ 29ވަނަ ދުވަހު އިރުއޮއްސުމަށް ފަހުގައި އަށް މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހަނދު ނޯއްސި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ ކަމަށެވެ.
އެހެންވެ، ޖެހިގެން އަންނަ އާދިއްތަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭކަމަށް މައުމޫން ފާހަގަކުރެއްވިއެވެ.
މި މަހުގެ 29 ވަނަ ދުވަހު ރާއްޖެއަށް އިރުއޮއްސެނީ 18:14 ގައި ކަމަށާއި ހަނދު އޮއްސެނީ ވެސް، ހަމަ އެ ގަޑީގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތް ނަމަވެސް ގިނަ އިސްލާމީ ޤައުމުތަކަށް އެ ދުވަހަކީ ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމަށް ވާނެތީ، އާދިއްތަ ދުވަހަކީ ރާއްޖެއަށް ވެސް ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެންނަކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު އެހެން ވިދާޅުވެފައިވަނީ، ހަނދު ސާބިތު ކުރުމުގައި ޢަމަލު ކުރަމުން އަންނަ އުޞޫލުތަކާއި ހަމަތަކުގެ އަލީގައި ކަން ފާހަގަކުރައްވާފައިވެއެވެ.
ޑރ. ހަސަން ހަމީދު ވެސް މިއަދު ވަނީ، މި އަހަރުގެ ފިތުރު އީދުގެ ހަނދު ރާއްޖެއަށް ފެންނާނެ ދުވަސް އޭނާގެ ބްލޮގުގައި ލިޔުއްވާފައެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި، ފިތުރު އީދުގެ ހަނދު ފެންނަ ދުވަސް ބެލުމަށް އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، އެ ހަނދު އުފަންވާ ވަގުތު ބެލުމެވެ. އެގޮތުން ފޮތްފޮތުންނާއި އިންޓަނެޓުން އެ މައުލޫމާތު ބެލެން އޮތްއިރު، އެ މައުލޫމާތުން ދައްކާ ގޮތުގައި، އަންނަ ހޮނިހިރު ދުވަހު އައު ހަނދު އުފަންވަނީ މާލޭގަޑިން ހަވީރު 3:57 ގައެވެ. ގާތްގަޑަކަށް ހަވީރު 4 ޖަހާއިރެވެ. ހަނދު އޮއްސޭ ގަޑިއަކީ ހަވީރު 6:14 ކަމަށާއި އެ ދުވަހު އިރު އޮއްސެނީ ވެސް 6:14 ގައި ކަމަށް ޑރ. ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެއީ ހަނދު އޮއްސޭ ގަޑިއާއި އިރު އޮއްސޭ ގަޑި ދިމާވާ ހާލަތެއް ކަމަށާއި އެ ހާލަތުގައި އިރުގެ ދަޅަޔާ ހެދި ހަނދެއް ނުފެންނާނެ ކަމަށެވެ. އެ ދުވަހު ހަނދު ނުފެންނާނެ ކަމަށް ބެލެވޭ އިތުރު ސަބަބުތަކެއް ވެސް ޑރ. ހަސަންގެ ބްލޮގުގައި ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، އެ ހިސާބުތަކަށް ބަލާއިރު، މައްކާއަށް ހަނދު އުފަންވުމާއި އޮއްސުމާ ދެމެދު ވާނީ ގާތްގަޑަކަށް ހަތަރު ގަޑިއިރު ކަމަށާއި އެހާ ޅަ ހަނދެއް، މައްކާގެ އުޑުމަތި ކިތަންމެ ސާފު ވިއަސް ނުފެންނާނެ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.
އެހެންވެ، ޖެހިގެން އަންނަ، މާރިޗް 30ވަނަ ދުވަސް އީދަކަށް ނުވާނެ ކަމަށާއި ފިތުރު އީދު ދުވަހަކަށް ވާނީ 31ވާ ހޯމަ ދުވަސް ކަމަށް ޑރ. ހަސަން ވިދާޅުވެފައިވެއެވެ.