ޅ. ނައިފަރުގައި ގުރުއާން ހިތުދަސްކުރާ މަރުކަޒެއް އަޅަން ވަޤުފު ފަންޑުން އެހީވާން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
ނައިފަރަކީ ގިނަ އަދަދެއްގެ ޒުވާން ހާފިޒުން ތިބި ރަށެކެވެ.
އެ ރަށުގެ ފުރަތަމަ ހާފިޒު ޝެއިހް މުހައްމަދު ނާޒިލް ގެންދަވަނީ އެ ރަށުގައި ޤުރުއާން ހިތުދަސްކޮށްދޭ ކްލާސްތަކެއް ހިންގަމުންނެވެ. އެ ކްލާސްތައް ނައިފަރުގައި ފެށީ 2020 ވަނަ އަހަރެވެ.
އިސްލާމިކް މިނިސްޓްރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، ގިނަ ކުދިންތަކެއް ގުރުއާން ހިތުދަސްކުރި ނައިފަރުގައި ގުރުއާން ދަސްކުރާ މަރުކަޒެއް ތަރައްގީކުރަން ބޭނުންވާ ވަސީލަތްތައް ހޯދަން އެހީއަށް އެދިފައިވާތީ، ވަޤުފު ފަންޑުން އެހީވާން ނިންމާފައިވާ ކަމަށެވެ.
އެކަމަކު، އެ ކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވައެވެ.
އިއްޔެ ރޭ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ހާފިޒުން ދަސްވެނިވުމުގެ ހަފުލާގައި ވެސް ނައިފަރަށް ނިސްބަތްވާ ހަ ކުއްޖަކު ވަނީ ދަސްވެނިވެފައެވެ.
ނާޒިލް މީގެ ކުރިން 'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ހާފިޒުން ތަމުރީނުކުރުމުގައި ޖާގައިގެ ދަތިކަމާއި ވަސީލަތްތައް ނެތުމުން ގޮންޖެހުންތައް ހުރިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.