ބުއްދީގެ ބޭނުން ހިފޭނީ ތައުލީމު ލިިބިގެން، އެދެނީ ތަރުބިއްޔަތުގައި ފަރުވާކުޑަ ނުކުރަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިން ދަރިވަރުންތަކަކާއެކު -- ފޮޓޯ/ ރައީސް އޮފީސް

ބުއްދީގެ ބޭނުން ހިފޭނީ ތައުލީމު ލިބިގެންކަމަށާއި، ބެލެނިވެރިންގެ ކިބައިން އެދެނީ ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތެއް ފޯރުކޮށްދިނުމުގައި އެއްވެސް މިންވަރަކަށް ފަރުވާ ކުޑަ ނުކުރުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން އެ މަނިކުފާނު ނެރުއްވި ޚިޠާބުގައި ވަނީ، މާތްﷲ އިންސާނާއަށް ދެއްވި އެންމެ އަގުބޮޑު ނިއުމަތަކީ ބުއްދި ކަމަށެވެ. އަދި ބުއްދީގެ ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ސިކުނޑިތަކަށް ދެވޭ ކާނާއަކީ ތަޢުލީމު ކަމަށް ރައީސް ވިދާޅުވިއެވެ.

"ރަނގަޅު ތަޢުލީމެއް ނުދެވޭ ކޮންމެ މުޖުތަމަޢެއް ބަދަލުވެގެން ދާނީ، ތަހުޒީބުކަމެއް، ތަމައްދުނެއް ނެތް އަބާއްޖަވެރި ވެށްޓަކަށެވެ،" ރައީސްގެ ޚިޠާބުގައިވެއެވެ.

އެއާއެކު ރައީސް ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް ޤައުމަށް ބޭނުންތެރި ހަރުދަނާ ދަރިއަކަށް ހެދުމަށް ޓަކައި ކިޔަވައިދިނުމަކީ ސަރުކާރާއި ރައްޔިތުންގެ ވެސް ވާޖިބެެއް ކަމަށެެވެ.

އަދި ކޮންމެ ޢުމުރެއްގައި ވެސް އިތުރަށް ކަންކަން އުނގެނެން މަސައްކަތް ކުރުމަކީ، ކޮންމެ އިންސާނެއްގެ ވެސް ކާމިޔާބީއާ ގުޅިފައިވާ އެންމެ ބޮޑު ސިއްރު ކަމަށް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް ވަނީ މުދައްރިސުންނަށާއި، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރީންނަށް އަޅުގަނޑުގެ ކަމަށް ކަމޭހިތައިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި ދަރީންނަށް ރަނގަޅު ތަޢުލީމާއެކު ހަރުދަނާ ތަރުބިއްޔަތެއް ދިނުމުގައި ''އެންމެ ހިނދުކޮޅެއް ވެސް'' ފަރުވާކުޑަ ނުކުރުމަށް ރައީސް ވަނީ ބެލެނިވެރިންގެ ކިބައިން އިލްތިމާސްކުރައްވައިފައެވެ.

"ލޮބުވެތި ދަރިވަރުންނަށް އަޅުގަނޑުގެ ނަސޭހަތަކީ، ކިޔެވުމަށް ޚާއްޞަކޮށް ޢުމުރުގައި މި ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ބަސްއަހައި ހެޔޮލަފާ ދަރީންތަކެއްކަމުގައި ވުމެވެ،" ރައީސްގެ ޚިޠާބުގައިވެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ވަނީ ފަށައިފައެވެ. މި ދިރާސީ އަހަރު އަންނަ ޑިސެމްބަރު މަހުގެ 25އަށް ނިމެނޭއެވެ. އެއަށްފަހު އައު ދިރާސީ އަހަރު ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ 27ގައެވެ.

comment ކޮމެންޓް