މަސް ދުވަހުގެ ބޮޑު ޗުއްޓީއަކަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މި އަހަރުގެ ކިޔެވުން ފަށާފައި ވަނީ 90،000 އެއްހައި ދަރިވަރުންނާ އެކުގައި ކަމަށެވެ.
އެގޮތުން މާލޭ ސަރަޙައްދުގައި ގްރޭޑް އެކަކަށް 2،000 އަށްވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފައިވާ ކަމަށާއި، މުޅި ރާއްޖެއިން 5،000 އަށްވުރެ ގިނަ ދަރިވަރުން ގްރޭޑް އެކަކަށް އަލަށް ވައްދާފައިވާކަމަށް މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ.
މިނިސްޓްރީން ބުނީ މި ދިރާސީ އައު އަހަރު އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަޙައްދުގެ ސްކޫލުތަކަށް 1،200 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގައި އެއް ސްކޫލުން އަނެއް ސްކޫލްއަށް 500 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމަށާއި ސަރުކާރު ސްކޫލުތަކުގައި ޖުމްލަ 84،000 އެއްހައި ދަރިވަރުން ކިޔަވަމުން އަންނަ ކަމަށެވެ.

7 އެޕްރީލް 2025: ދިރާސީ އާ އަހަރު ފެށުމަށް ޖަމާލުއްދީން ސްކޫލުގެ ދަރިވަރުން އެސެމްބްލީއެއްގައި -- ސަން ފޮޓޯ/ މާނިއު މުޙައްމަދު
މިނިސްޓްރީއިން ބުނީ އެހެން އަހަރުތަކާއި އެއްގޮތަކަށް މި އަހަރުވެސް މާލެ ސަރަހައްދުގައި ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކަމަށާއި މި އަހަރު، ކިޔަވާ ދަރިވަރުންގެ 33 އިންސައްތަ ދަރިވަރުން ކިޔަވަނީ މާލެ ސަހަރައްދުގެ ސްކޫލުތަކުގައި ކަމަށެވެ.
މިނިސްޓްރީއިން ބުނީ މި ދިރާސީ އަހަރުގެ ކިޔެވުން ފަށާފައި ވަނީ 11،000 ޓީޗަރުންނާ އެކުގައި ކަމަށެވެ. އޭގެތެރެއިން 10،000 ޓީޗަރުންނަކީ ސަރުކާރު ސްކޫލުތަކުގައި މަސައްކަތް ކުރާ ޓީޗަރުންކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އަދި އެޑިއުކޭޝަން މިނިސްޓްރު ޑރ. އިސްމާއިލް ޝަފީއު ވަނީ މި އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައި ވަނީ ދަރިވަރުންނަށް ބޭނުންވާނޭ ހުރިހާ ވަސީލަތްތަކަކާއި އެކުގައި ކަމަށް ވިދާޅުވެފައެވެ.