އޭލެވަލް ހަދާ ނިސްބަތް 77 ޕަސެންޓް އިތުރުވެއްޖެ

ސީއެޗްއެސްސީގައި އޭލަވަލް ކިޔަވާ ދަރިވަރުންތަކެއް: އޭލަވަލް ކިޔާ މިންވަރު ވަނީ އިތުރުވެފައި-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސަރުކާރު ސްކޫލުތަކުގައި އޭލެވަލް ހެދި ދަރިވަރުންގެ ނިސްބަތް 77 ޕަސެންޓް އިތުރުވެފައިވާ ކަމަށް, އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

އޯލެވަލްއައްފަހު ނަތީޖާ ރަނގަޅު ނަމަވެސް އޭލެވަލް ނުހަދައި ފައުންޑޭޝަން ހަދައިގެން ޑިގްރީއަށް ކިޔަވަން ފެށުމަކީ ބައެއް ދަރިވަރުންގެ ނަޒަރުގައި އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް އޭލެވަލް ހަދަން މިހާރު އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ބޮޑަށް ބާރު އަޅައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން މިނިސްޓަރު ޝަފީއު ދެއްވި ހިތާބުގައި ވިދާޅުވީ މަތީ ސާނަވީއަށް އުނގެނުމުގެ ފުރުސަތު ވީހާވެސް ގިނަ ދަރިވަރުންނަށް ފަހިކޮށްދިނުމަށްޓަކައި ނިމިދިޔަ ދިރާސީ އަހަރުގެ ތެރޭގައި އޭލެވަލް އެކްސްޕެންޝަން ޕައިލެޓް ޕްރޮގްރާމެއް އަތޮޅުތެރޭގެ 23 ސްކޫލެއްގައި ކުރިއަށް ގެންދިޔަ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: އޭލަވަލް ކިޔަވާ އަދަދު ވަނީ އިތުރުވެފައި-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިއާއެކު މިދިޔަ ދިރާސީ އަހަރުގައި ސަރުކާރު ސްކޫލުތަކުން އޭލަވަލްއަށް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 77 ޕަސެންޓް އިތުރު ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މަތީ ސާނަވީއަށް ދަރިވަރުން އިތުރު ވެގެން ދިއުމަކީ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ބާރަކަށް ވާނެ. މި ޕްރޮގްރާމް އިތުރު ލާނިން ޕާތްވޭސްތަކާއެކު މި އަހަރު ފުޅާ ކުރެވިގެން ދާނެ," މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސްކޫލުތަކުގައި ދަރިވަރުން އުނގެނޭ މާހައުލަކީ ހިތްގައިމު މާހައުލަކަށް ހެދުމަށްޓަކައި މިދިޔަ އަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހު އިފްތިތާހު ކުރި "ކޫލް ސްކޫލް" ޕްރޮގްރާމުގެ ތެރެއިން ސަރުކާރު ސްކޫލުތަކުގައި ހުރި 3,740 ކުލާސް ރޫމް, މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި ހުރި ގޮތްޖެހުންތައް ފިލުވާލުމަށް, "އެޑިއުކޭޝަނަލް ގަވާނަންސް" އިތުރަށް ހަރުދަނާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ޑިވިޝަންތަކާއި ޑިޕާޓްމަންޓްތަކާއި ސެކްޝަންތަކުގެ އޮނިގަނޑުތައް މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން އަންނަ ކަމަށެވެ.

"އަދި ހަމައެހެންމެ މި ދާއިރާގެ ސިޔާސަތުތަކާއި ނިންމުންތައް ހެއްކާއި ގަރީނާގެ މައްޗަށް ނިންމުމުގެ މުހިންމުކަމަށް ބަލައި އާޓިފިޝަލް އިންޓެލިޖެންސާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އަލީގައި ތަރައްގީ ކުރެވިގެންދާ އާ އެޑިއުކޭޝަނަލް މެނޭޖުމަންޓް ސިސްޓަމްގެ މޮޑިއުލްތައް މި ދިރާސީ އަހަރުގައި ރޯލް އައުޓް ކުރަން ފެށޭނެ," މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ ދިރާސީ އައު އަހަރު މިއަދު ފަށާފައި ވާއިރު، އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މި އަހަރުގެ ކިޔެވުން ފަށާފައި ވަނީ 90،000 އެއްހައި ދަރިވަރުންނާ އެކުގައި ކަމަށެވެ.

comment ކޮމެންޓް