ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެވަނައަށް އިނގިރޭސިވިލާތް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ ހޮނިހިރުގެ ނިޔަލަށް 667،730 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މިދިޔަ ދެ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވެސް އިތުރު އަދަދެކެވެ.
މީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަނީ ޗައިނާއިންނެވެ. އަހަރުގެ މިހައިތަނަށް އެ ގައުމުން 76،674 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ މި އަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 11.5 އިންސައްތައެވެ.
ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 10.6 އިންސައްތަ ހިއްސާކުރަނީ މިދިޔަ އަހަރު ލިސްޓުގެ ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުންނެވެ. އެ ގައުމުން މި އަހަރު 70،561 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މިދިޔަ އަހަރު ދެވަނައިގައި އޮތުމަށް ފަހު މިހާރު ތިންވަނައަށް ވެއްޓިފައިވާ ރަޝިޔާއިން ރާއްޖެ އައިސްފައިވަނީ 70،538 ފަތުރުވެރިންނެވެ. ރާއްޖެ އައި ފަތުރުވެރިންގެ 10.6 އެ ގައުމުން ވެސް ހިއްސާކުރާއިރު، އިނގިރޭސި އަދި ރަޝިޔާ މާކެޓު އުޅެނީ ވަރަށް ވާދަވެރިކޮށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި ފެށުނު އޭޕްރީލްގެ ތެރޭގައި އެއް ދުވަހެއްގެ މަތިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މަހުގެ ފުރަތަމަ ދުވަހެވެ. އެ ދުވަހު އެކަނި ވެސް 8،106 ފަތުރުވެރިން ރާއްޖެ އައެވެ.
މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު
- 2024 - 2،046،615
- 2023 - 1،878،543
- 2022 - 1،675،303
ޖުމްލަ 1،189 ތަނަކުން ފަތުރުވެރިންނަށް ޚިދުމަތްދޭއިރު، މުޅި ރާއްޖޭގައި 63،453 ޓޫރިސްޓު ބެޑު އެބަހުއްޓެވެ. އޭގެ ތެރެއިން 98.9 އިންސައްތަ ހުރީ އޮޕަރޭޝަނަލް ކެޕޭސިޓީގައެވެ.
ރާއްޖޭގައި 179 ރިޒޯޓެއް ހުރިއިރު، އެ ތަންތަނުން 43،907 ޓޫރިސްޓު ބެޑު ހިއްސާކުރެއެެވެ. ޖުމްލަ 838 ގެސްޓްހައުސް ހުރިއިރު، އެތަންތަނުން ހިއްސާކުރަނީ 14،364 ޓޫރިސްޓު ބެޑެވެ. ހޮޓެލްތަކުން 2،038 ބެޑު ހިއްސާކުރާއިރު، ޓޫރިސްޓު ވެސެލްތަކުން 3،144 ބެޑު ހިއްސާ ކުރެއެވެ.
މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ޖުމްލަ 44 އެއާލައިނަކުން ވަނީ ރާއްޖެއަށް ސީދާ ދަތުރުތައް އަޅައިފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން އިނގިރޭސިވިލާތުގެ ފުޓުބޯޅަ ކްލަބް، ލިވަޕޫލާއެކު ވެސް އެ ކުންފުނިން ވަނީ ރާއްޖެ އިޝްތިހާރު ކުރުމުގެ އެއްބަސްވުމެއް ހަދައިފައެވެ.
އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރާ މީހުން އެންމެ އިސްކަންދޭ ގައުމެއްގެ ގޮތުގައި ރާއްޖޭގެ އަގު ވަޒަންކޮށް، ދަތުރުފަތުރުގެ އެންމެ މަތީ އެއް މަންޒިލުގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމެވެ.