ވިޔާފާރިއާއި އިންވެސްޓްމަންޓު އިތުރުކުރަން މޯލްޓާއާއެކު މަޝްވަރާކޮށްފި

މިނިސްޓަރު ޚަލީލް މިހާރު މޯލްޓާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ތިމާވެށީގެ ދާއިރާއިން ރާއްޖެއާއި މޯލްޓާ ގުޅިގެން ދެ ގައުމުން މަސައްކަތް ކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު ޑރ. އިއަން ބޯގްއާ މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިނިސްޓަރު ޚަލީލު މިހާރު މޯލްޓާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މޯލްޓާގެ ބޮޑުވަޒީރުގެ ނައިބުގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި މޯލްޓާއަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެ ޤައުމު ކަމަށް ފާހަގަކުރެއްވިއެވެ. އަދި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ދެ ބޭފުޅުން ވެސް ފާހަގަކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން، ރާއްޖެއާއި މޯލްޓާއިން އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައާއި ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށާއި ވިޔަފާރީގެ އާ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމަށް ވެސް ދެ ބޭފުޅުން އެއްބަސްވެފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި، މަތީ ތަޢުލީމު ދާއިރާގެ ގުޅުން ވަރުގަދަކޮށް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވައިލައްވައިފައިވާކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓަރު މިހާރު މޯލްޓާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މޯލްޓާގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މުހިންމު މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދެވިދާނެ އައު ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، ދިރާސާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓރީއިން ވަނީ ބުނެފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޚަލީލާއެކު މިނިސްޓްރީގެ ސެކެޓްރީ، ޑރ. ހާލާ ޙަމީދު އަދި ސީނިއާ އަންޑާ ސެކެޓްރީ، ޙަސަން ޙުސައިން ޝިހާބު ބައިވެރިވެފައިވާކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް