ޒަމާނުންސުރެއް ދިވެހިން މޫސުމުގެ ކަންކަން ބަލަމުން އަންނަ ނަކަތް ކަލަންޑަރުގައި މިއަދު ހުޅަނގު މޫސުން ފެށޭނެ ކަމަށް އޮތް ނަމަވެސް އަދި ހުޅަނގު މޫސުން ނުފެށޭ ކަމަށާއި ނަމަވެސް ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށް, މެޓް އޮފީހުން މިއަދު ބުނެފިއެވެ.
ނަކަތް ކަލަންޑަރު ބުނާގޮތުން މިއަދު އައްސިދަ ނަކަތް ފެށެއެވެ. އެއީ ހުޅަނގު މޫސުން ފެށޭ ނަކަތް ކަމަށް އޮވެއެވެ. މިއީ އޭޕްރީލް އަށް ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ. މި ނަކަތް ފެށޭއިރު ކޮޅިގަނޑު އައި ނަމަވެސް ފަހުން ހޫނު ގަދަ ވާނެ ކަމަށް އޮވެއެވެ.
އެހެންކަމުން މި ނަކަތަށް ބަލައި ބައެއް މީހުން އަންނަނީ ހުޅަނގު މޫސުން ފެށިއްޖެ ކަމަށް ބުނަމުންނެވެ.
ނަމަވެސް މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓަކު މިއަދު "ސަން" އަށް ވިދާޅުވީ ހުޅަނގު މޫސުމާއި އިރުވައި މޫސުން ފެށޭ ދުވަސް ނަކަތާ ދިމާ ނުވާތާ އެތައް އަހަރެއް މިހާރު ވެފައިވާ ކަމަށެވެ. އަދި މި އަހަރުގެ ހުޅަނގު މޫސުން އަދި ނުފެށޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހުޅަނގު މޫސުން ފެށޭނެ ވަކި ދުވަހެއް އަދި ދަންނަވަން ދަތި. އެކަން އަދި ނުނިންމާ," އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރު ހުޅަނގު މޫސުން ފެށުނު ކަމަށް މެޓުން ނިންމީ މެއި ނުވަ ވަނަ ދުވަހެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް މުޅިން ވެސް ހުޅަނގު މޫސުން ފެށިފައި ވަނީ މެއި މަހުގައި ކަމަށް މެޓުން ބުންޏެވެ.
"މެއި މަހު ފެށުނަސް އެ މަހުގެ އެކި ތާރީޚުތަކުގައި ހުޅަނގު މޫސުން ކުރިން ވެސް ފެށިފައި މި ހިރީ," އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ހުޅަނގު މޫސުން އަދި ނުފެށުނު ނަމަވެސް ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭވެހި, ވައިގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ.
މިހާރު މޫސުން ގޯސްވަނީ ބޭ އޮފް ބެންގާލްގެ ލޯ ޕްރެޝާ އޭރިއާއަކާ ގުޅިގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މެޓު އޮފީހުން ވަނީ މިއަދުގެ ހެނދުނު 8:45 އިން 14:00 އަށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.