އައްޑޫ ލިންކްރޯޑު ތަރައްގީ ކުރަން، 829 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކޮށްފި

އައްޑޫ ލިންކްރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި --- ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ

އައްޑޫ ސިޓީގެ ލިންކްރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް 829 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބުނީ މި މަޝްރޫގެ ދަށުން ލިންކްރޯޑުގެ މަގުތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށެވެ.

އެގޮތުން ލިންކުރޯޑުގެ 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރުއެޅުމާއި ފޭދޫގައި ފެންހިންދާ ނިޒާމު ގާއިމްކުރުމާއި މަގުމަތީގައި ނިޝާންތައް ހަދައި ބޯޑު ހަރުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ، 829 މިލިއަން ރުފިޔާއަށް، ތިން އަހަރާއި 11 މަހުގެ ތެރޭގައި ނިންމުމަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ.

މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީއާއި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް