ގުޅުންތައް ބަދަހި ކުުރުމަށްޓަކައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔޫއޭއީ އަށް!

ޔޫއޭއީ ގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު އިސްރާއީލުގެ ޚާރިޖީ ވަޒީރު ޣަދްޣޫން ސާއިރު އާ އަބޫ ދަބީ ގައި ބައްދަލުކުރަނީ

އަބޫދަބީ (8 އެޕްރީލް 2025) : އިސްރާއީލޭ ކިޔާ ޒަޔަނިސްޓް އެންޓިޓީގެ ޚާރިޖީ ވަޒީރު ޣަދްޣޫން ސާއިރު ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އަށް ގޮސް ޔޫއޭއީ ގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު އާ ބައްދަލުކޮށްފިއެވެ.

"ޔޫއޭއީ" ގެ ރަސްމީ ނޫސް އެޖެންސީ ބުނިގޮތުގައި މިއީ ޔޫއޭއީ އާއި އިސްރާއީލާ ދެމެދުގައިވާ ގުޅުންތައް އިތުރަށް ބަދަހި ކުރުމުގެ ގޮތުން އިސްރާއީލުގެ ޚާރިޖީ ވަޒީރު އެ ގައުމަށް ކުރި ދަތުރެކެވެ. މި ދަތުރުގައި ޣައްޒާގެ މައްސަލައާ ބެހޭގޮތުން ވެސް އިސްރާއީލުގެ ޚާރިޖީ ވަޒީރާ ޔޫއޭއީގެ ޚާރިޖީ ވަޒީރު މަޝްވަރާ ކުރާނެއެވެ.

މި މަޝްވަރާތަކުގައި ހަމާސް ޖަމާއަތުގެ އަތް ދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމާ އަދި އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލުމުގެ ވާހަކަތައް ވެސް ހިމެނެއެވެ.

އަބޫދަބީގައި ދެއްވި ބަޔާނެއްގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ވަނީ ޔޫއޭއީން އިސްރާއީލަށް ކުރާ އިތުބާރާއި ބާއްވަމުން ގެންދާ ގާތް ގުޅުންތަކާ ގުޅިގެން ޔޫއޭއީގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

އިސްރާއީލެކޭ އެއްގޮތަށް ޔޫއޭއީއަކީ ވެސް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ޖަމާއަތްތަކާއި އަދި ފަލަސްތީނުގެ މުޖާހިދުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކުރާ ގައުމެކެވެ.

އދ.ގައި ހުންނަވާ ޔޫއޭއީގެ މަންދޫބު ވަނީ ޣައްޒާގެ މައްސަލާގައި އިސްރާއީލުގެ ބަދަލުގައި ހަމާސް ކުށްވެރި ކުރައްވައި އދ.ގެ އެތައް ޖަލްސާތަކެއްގައި ވާހަކަ ދައްކަވާފައެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާދިނީ ހަމާސްގެ ސަބަބުންކަމަށް ވިދާޅުވެ އދ. ގައި ހުންނަވާ ޔޫއޭއީގެ މަންދޫބުވަނީ އިސްރާއީލުގެ ރަހީނުން މިނިވަންކޮށް ހަތިޔާރު ބަހައްޓައި އިސްރާއީލަށް އަމާން ދިނުމަށް އެތައް ފަހަރެއްގެ މަތިން ހަމާސް ޖަމާއަތަށް ގޮވާލައްވާފައެވެ.

އިސްރާއީލަށް އިއުތިރާފްވެ އިސްރާއީލާ ގުޅުންތައް އުފައްދާފައިވާ މަދު އަރަބި ގައުމުތަކުގެ ތެރެއިން އިސްރާއީލާ އެންމެ ގާތް ގުޅުންތައް ބާއްވަމުން ގެންދާ ގައުމަކީ ވެސް ޔޫއޭއީއެވެ.

ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވި ޕްލޭނަށް ވެސް ތާއީދު ކުރި ހަމައެކަނި އަރަބި ގައުމަކީ ޔޫއޭއީއެވެ. އެކަމާ ދެކޮޅަށް މިސްރުގައި ބޭއްވި އަރަބި ސަމިޓަށް ޔޫއޭއީގެ ރައީސް ޙާޒިރުވެ ވަޑައިގެންފައި ނުވާއިރު ޔޫއޭއީ ވަނީ ޓްރަމްޕްގެ ޕްލޭނާ ދެކޮޅަށް އަރަބި ސަމިޓުން ނެރުނު ބަޔާނަށް ވެސް ދެކޮޅު ހަދާފައެވެ.

އަދި ޔޫއޭއީގެ ޚާރިޖީ ވަޒީރު ވަނީ އެ ސަމިޓަށްފަހު އެމެރިކާއަށް ވަޑައިގެން ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކޮށްލުމަށް ޓްރަމްޕް އިއުލާން ކުރެއްވި ޕްލޭނާ ދެކޮޅަށް އަރަބި ސަމިޓުން ނެރުނު ބަޔާނާ ޔޫއޭއީ ދެކޮޅުކަން ހާމަކުރައްވައި ޓްރަމްޕްގެ ޕްލޭން ތަންފީޒު ކުރުމަށް ޓަކައި އެކަމަށް އިންވެސްޓް ކުރަން ތައްޔާރަށް އޮތްކަން ވެސް ހާމަކުރައްވާފައެވެ.

ޔޫއޭއީ އަކީ ޣައްޒާގެ އާންމުންނަށް އިންސާނީ އެހީ ދިނުމުގެ ނަމުގައި އިންސާނީ އެހީގެ ހަރަކާތްތަކެއް ވެސް ޣައްޒާގައި ހިންގާ ގައުމެކެވެ. އަދި ޣައްޒާގެ ހާލުގައި ޖެހިފައިވާ އާންމު ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައެއް ޚަރަދުތައް ވެސް ކުރާ ގައުމެކެވެ.

ނަމަވެސް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ނަމުގައި ޔޫއޭއީން ޣައްޒާގައި ހިންގަނީ އިސްރާއީލަށް ޖާސޫސުކޮށްދީ ހަމާސްގެ ބިންގަރާސްތައް ހުންނަ ތަންތަން ދެނެގަނެ އެ މައުލޫމާތު އިސްރާއީލާ ހިއްސާ ކުރުމުގެ މަސައްކަތްތަކެއްކަމަށް ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުންވަނީ ތުހުމަތުކޮށްފައެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު ޣަދްޣޫން ސާއިރު ވަނީ ޣައްޒާގެ ތުއްތު ކުދިންނަކީ ވެސް މުސްތަގްބަލްގައި ހަތިޔާރު ހިފައިގެން އިސްރާއީލާ ދެކޮޅަށް ތެދުވާނެ ބައެއްކަމަށް ސިފަކޮށް ޣައްޒާގެ ތުއްތު ކުދިން މެރުމަކީ އިސްރާއީލު ކުރަންޖެހޭ ކަމެއްކަމަށް ބުނެ ވާހަކަދައްކާ މީހެކެވެ.

އަދި ޣައްޒާގެ އަންހެނުން ވިހާނީ މުސްތަގްބަލްގެ މުޖާހިދުން ކަމަށް ސިފަކޮށް ޣައްޒާގެ އަންހެނުން މެރުމަށް ވެސް ގޮވާލާ މީހެކެވެ. އިސްރާއީލުގެ ޚާރިޖީ ވަޒީރަކީ ޔޫރަޕުން އިސްރާއީލަށް ހިޖުރަ ކޮށްފައިވާ މީހެކެވެ.

ޔޫއޭއީ އަކީ އިސްރާއީލުގެ ނުރައްކާތެރި ޖާސޫސީ އިދާރާ މޫސާދުގެ ވެސް ބޮޑު މަރުކަޒެކެވެ. ހަމާސް ނައްތާލެވެންދެން ޣައްޒާގެ ހަނގުރާމަ ދިގު ދަންމާލުމަށް ބައެއް އަރަބި ގައުމުތަކުން އިސްރާއީލުގެ ކިބައިން އެދިފައިވާކަމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް