ހާމަ ކަމާއެކު މުއާމަލާތު ކުރެވިއްޖެނަމަ، އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށް އެމްޑީޕީ ސަރުކާރުގެ ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެ ހުށަހެޅުއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ތާއީދު ކުރައްވައިފައެވެ.
މި ދެ ޕާޓީން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން އަސްލަމް ވިދާޅުވީ، އެކުގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި، ހާމަކަން ބޮޑު ގޮތެއްގައި މުއާމަލާތް ކުރެއްވިއްޖެ ނަމަ، އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެ ޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުންނަށް ވެސް އެންމެ ފައިދާކުރާނީ ހާމަކަން ބޮޑު ގޮތެއްގައި އެ މަސައްކަތް ކުރިޔަށް ގެންދިއުމުންނެވެ. އެއީ އިތުބާރު ދަމަހައްޓަައި، މި ކަމުގެ ސަބަބުން މުހިންމު ކުރިއެރުމެއް ލިބޭނެކަން ޔަގީން ކުރުމަށް ޓަކައި ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީއާއި ޑިމޮކްރެޓްސް އަކީ ވެސް ކުރީގެ ރައީސް ނަޝީދު ހިއްސާވެގެން އުފެއްދި ދެ ޕާޓީއެވެ.
އެމްޑީޕީގެ ރައީސްކަން ކުރެއްވި ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތީ، 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް އެ ޕާޓީގައި އެ މަނިކުފާނަށް ތާއިދުކުރާ ފެކްޝަނަކާއި އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދު ކުރާ ފެކްޝަނެއް އުފެދި ބައިބައިވި ފަހުންނެވެ. އެގޮތުން ރިޔާސީ ޕްރައިމަރީގައި އެ ދެ ބޭފުޅުން ވާދަކުރައްވައި ނަޝީދު ނާކާމިޔާބުވުމުން އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދުކުރައްވާ މެންބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ތުހުމަތުތައް ކުރިއެވެ.

ރައީސް މުޙައްމަދު ނަޝީދު --
އެއަށްފަހު ނަޝީދަށް ތާއިދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފެއްދެވީއެވެ. އަދި އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވެ، ޖޫން 21، 2023ގައި އެ މަނިކުފާނު ވެސް ޕާޓީން ވަކިވެވަޑައިގަތެވެ.
އެއަށްފަހު ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުން ލިބުނީ ހަތް ޕަސެންޓް ވޯޓެވެ. އަދި ދެވަނަ ބުރުގައި އެމްޑީޕީއަށް ތާއިދު ކުރަން އެ ޕާޓީން ދެކޮޅުހެދިއެވެ.
އޭގެ ފަހުން އަހަރުތަކަކަށް ސިޔާސީ މަސައްކަތުން ދުރަށް ޖެހިވަޑައިގެންނެވިކަން އިއުލާނު ކުރުމަށްފަހު އެ މަނިކުފާނު ހުންނެވީ 11 ގައުމަކުން އުފެއްދި ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް ކަމުގައެވެ.