ސައުދީ ސަފީރު ރައީސްގެ އަރިހަށް ވަދާއީ ޒިޔާރާތެއް ކުރައްވައިފި

ސައުދީ ސަފީރު ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރާތް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަތްރެކް ބިން ޢަބްދުﷲ އަލް އަޖާލީން އަލްދޮސާރީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރާތަކީ ސަފީރުކަމުގެ ދައުރު ހަމަވުމާ ގުޅިގެން ކުރެއްވި ވަދާއީ ޒިޔާރާތެކެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި ރައީސް ވަނީ މަތްރެކް ބިން ޢަބްދުﷲ އަލް-އަޖާލީން އަލްދޮސާރީގެ ސަފީރުކަމުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގައި ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދައުރުގައި ދެޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، ރައީސް ވަނީ ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.

ސައުދީ ސަފީރު ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރާތް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ދެއްކެވި ވާހަކަފުޅުގައި، ސައުދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި މިދިޔަ މެއި މަހު، އެ މަނިކުފާނު ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި، ސައުދީ ސަރުކާރުން ދެންނެވި ހޫނު މަރުހަބާއާއި، އަދާކުރެއްވި މެހެމާންދާރީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން، ރައީސާއި ސައުދީ އަރަބިއްޔާގެ ސަފީރު ދެއްވަމުންނެވެ.

މަތްރެކް ބިން ޢަބްދުﷲ އަލް އަޖާލީން އަލްދޮސާރީ ސަފީރުކަމަ ހަވާލުވެލެއްވީ 2020ވަނަ އަހަރެވެ.

ރާއްޖެއާއި ސައުދީއާ ދެމެދު ސިޔާސީގޮތުން ގުޅުން ގާއިމްކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 17 މާޗް 1981ގައެވެ.

comment ކޮމެންޓް