މީކާއީލަށް އިއްބެގެ ރައްދެއް: މަޖިލީހަކީ ރައްޔިތުންގެ ތަނެއް، ރައީސަށް ބާރު ފޯރުވޭނެ ކަމަކަށް ނުދެކެން

ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ތަނެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެ ތަނަށް ބާރުފޯރުވޭނެ ކަމަށް ނުދެކޭ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.

ބޮޑު ޗުއްޓީއަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށުމަށް އިއްޔެ ޖަލްސާއެއް ބާއްވައި، މިއަދުގެ ޖަލްސާ ވަނީ ކެންސަލް ކޮށްފައެވެ.

އެއާއެކު، ސަބަބެއް ނާންގާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ ސީދާ ރައީސް މުއިއްޒުގެ އަމުރުފުޅަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ތުހުމަތު ކުރައްވައިފައެވެ.

https://www.sun.mv/204524

އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި، ރައީސް މުއިއްޒު މަޖިލީހަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ސުވާލު ކުރުމުން އިއްބެ ވިދާޅުވީ މަޖިލީހަކީ ވަކި ބާރެއް ކަމަށާއި، ރައީސް މުއިއްޒު މަޖިލީހަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި އެ މަނިކުފާނަށް މަޖިލީހަށް އެއްވެސް ނުފޫޒެއް ފޯރުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލީހަކަށް ރައީސް ޑރ. މުއިއްޒު އެއްވެސް ނުފޫޒެއް ފޯރުވާފައެއް ނުވާނެ. އަދި އަޅުގަނޑަކަށް ހިއެއް ނުވޭ އެ ކަން ކުރެވޭނެހެން ވެސް. އެ ކަން ކުރާކަށް ވެސް ނުޖެހޭނެ އެއްނޫންތޯ. ޕީއެންސީއަށް ނިސްބަތްވާ 75 މެންބަރުން މިހާރު ވެސް މަޖިލީހުގައި އެބަ އުޅޭ" އިއްބެ ވިދާޅުވިއެވެ.

އިއްބެ ވިދާޅުވި ގޮތުގައި މަޖިލީހުގައި ތިއްބަވާ ޕީއެންސީ މެންބަރުންނަށް، މަޖިލިސް ތަޅުމުގައި އެ ބޭފުޅުން ދައްކަން ބޭނުންވާ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނެތެވެ. މަޖިލީހަށް ނުފޫޒު ފޯރުވާ ވާހަކަ އިދިކޮޅުން ދައްކަނީ ޒާތީ ގޮތުން ދިމާކުރުމުގެ ނިޔަތުގައި ކަމަށް އޭނާ ވަނީ ސިފަ ކުރައްވައިފައެވެ.

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވަމުންދާ ކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޅުކުރެއެވެ.

މިފަދައިން ފާޅުކުރާ ކަންބޮޑުވުންތަކަށް މީގެ ކުރިން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވެސް ވަނީ ޖަވާބު ދެއްވާފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއް ނުވަތަ ރިޔާސަތުގެ ކޮންޓްރޯލު ވެސް އޮތީ ރައީސްގެ އަތްޕުޅުގައި ނޫންކަމަށާއި އެމަނިކުފާނަށް ވެސް ރައީސްގެ އެއްވެސް ނުފޫޒެއް ނުފޯރާ ކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ.

https://sun.mv/203822

ރައީސްގެ ހުއްދަ ނެތި، މަޖިލީހަށް ވަޒީރުން ހާޒިރުނުކުރުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ މެންބަރުންނަށް އަންގާފައިވާކަމަށް، އެއިން މެންބަރަކު "ސަން"އަށް ވަނީ މީގެ ކުރިން ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ ރައީސްގެ ހުއްދައާ ނުލައި، އެއްވެސް ވަޒީރަކު ވެސް، ނުވަތަ ސަރުކާރު ކުންފުންޏެއްގެ ވެރިއަކު ވެސް މަޖިލީހަށް ހާޒިރު ނުކުރަން އަންގައިފައިވާ ކަމަށެވެ.

https://www.sun.mv/203308

މަޖިލިސް މެންބަރުންގެ ބާރުތައް ހަނިވެގެންދާ ގޮތަށް މި ފަދަ އެންގެވުމެއް ޕީއެންސީގެ ޕީޖީ ގްރޫޕަށް އަންގާފައިވާއިރު، ޕާޓީ ބަދަލު ކުރުމުން، އަދި ޕާޓީން ވަކި ކުރުމުން ވެސް މަޖިލިސް މެންބަރުކަން ގެއްލޭގޮތަށް ވަނީ ގާނޫނަށް ވެސް ބަދަލު ގެނެސްފައެވެ.

އެ ގާނޫނު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަމުންދަނިކޮށް، އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލައެއް ފެންމަތިވެ، ބަލަމުންދިޔަ މައްސަލަވަނީ ހުއްޓިފައެވެ.

comment ކޮމެންޓް