ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އާސެނަލްގެ މެދުގައި ކުޅުނު ފުރަތަމަ ލެގު އާސެނަލް އިން ބޮޑު ތަފާތަކުން ކާމިޔާބުކޮށް ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ތަފާތު ބޮޑުކޮށް, ތިން ލަނޑު ސުން ލަނޑުގެ ނަތީޖާ އަކުންނެވެ.
އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ރެއާލްއަށް އާސެނަލްގެ ހަމަލާތަކާއި އެންމެ ފުރަތަމަ ކަށިގަނޑާއެކު ދިޔައީ ކުރިމަތިވަމުންނެވެ. މި ގޮތުން މެޗުގެ ފުރަތަމަ ހާފުގައިވެސް އާސެނަލްއިން ގިނަ ހަމަލާތަކެއް އުފެއްދިއެވެ.
މި މެޗުގައި ރެއާލްއަށް އެ ޓީމުގެ ފުރަތަމަ ހަމަލާ އުފެއްދިފައިވަނީ ވެސް މެޗުގެ 20 މިނެޓްގެ ކުޅުން ދިޔަ ފަހުންނެވެ. ނަމަވެސް މިއާއެކުވެސް މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މި މެޗުގެ ފުރަތަމަ ލަނޑު އާސެނަލް އިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 58 ވަނަ މިނެޓުގައި ލިބިގެންދިޔަ ހިލޭ ޖެހުމަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީ އާސެނަލްއަށް ލީޑު ނަގައިދިނީ ޑެކްލަން ރައިސްއެވެ. މިއީ އޭނާގެ ކެރިއަރުގައި ހިލޭ ޖެހުމަކުން ލަނޑެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މި މެޗުގައި އާސެނަލް އިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން އަނެއްކާވެސް ކާމިޔާބު ކޮށްދިނީ ރައިސްއެވެ. މި ލަނޑާއެކު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ރެއާލްއަށް ސިހުން ލިބިގެންދިޔައިރު އާސެނަލްގެ ހިތްވަރު ދިޔައީއިތުރު ވެގެންނެވެ. އަދި ނަތީޖާ އަކަށް ވެގެންދިޔައީ އެ ލަނޑު ކާމިޔާބު ކުރިތާ ފަސް މިނެތު ފަހުން އާސެނަލްއިން ތިން ވަނަ ލަނޑެއް ޖަހާ ފުރަތަމަ ލެގުގައި ބޮޑު ލީޑެއް ނެގުމެވެ.
މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފަހަކަށް އައިސް އާސެނަލްއަށް މުހިންމު ލަނޑުތަކެއް ކާމިޔާބު ކޮށްދެމުންދާ މިކެލް މެރީނޯއެވެ. މި މެޗުގައި ރެއާލް އިން ކުރަމުންދިޔަ މަސައްކަތަށް އިތުރަށް ހުރަސް އެޅިގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި އެ ޓީމުގެ އެޑުއާޑޯ ކަމަވިންގާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.
މި ކާމިޔާބީއާއެކު މި މަހުގެ 17 ވަނަ ދުވަހު ރެއާލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ނިކުންނައިރު އާސެނަލްއިން މި ވަނީ ގިނަ ބަޔަކު ހީކުރިގޮތާއި ހިލާފަށް ބޮޑު ލީޑެއް ނަގައިފައެވެ. ނަމަވެސް ތިން ލަނޑުގެ ތަފާތަކީ ރެއާލް ފަހަތުން އަރާ ހަމަނުކުރެވޭވަރުގެ ނަތީޖާއެއް ނޫނެވެ. އެހެން ކަމުން ރެއާލްއަށް މިމުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދުމުގެ ފުރުސަތު އަދި މުޅިން ނުގެއްލޭކަމަށް ބައެއް ފަރާތްތަކުން ހާމަކުރެއެވެ.
ނަމަވެސް އާސެނަލްގެ ފަރާތުން ރޭ ފެނިގެންދިޔަ ކުޅުން މި މެޗުގައި ތަކުރާރު ކުރެވިއްޖެނަމަ 2008-2009 ވަނަ އަހަރުގެ ސީޒަނަށް ފަހު ފުރަތަމަ ފަހަރަށް މި މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް އެ ޓީމަށް ހޯދުމަކީ ގާތް ކަމެކެވެ.