ޖަލްސާ ނުބޭއްވި ނަމަވެސް މަޖިލީހުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށް ޕީޖީ ލީޑަރުން ބުނެފި

ޕީއެންސީ އަދި އެމްޑީޕީގެ ޕީޖީ ލީޑަރުން: ނާޒިލް އަދި ފަލާހު ވިދާޅުވީ ޖަލްސާ ނުބޭއްވި ނަމަވެސް މަޖިލީހުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިއްޔެއާއި މިއަދުގެ ޖަލްސާ ނުބޭއްވި ނަމަވެސް، މަސައްކަތްތައް ނުހުއްޓި ކޮމިޓީ މަރުހަލާގައި ކުރަމުން ގެންދާ ކަމަށް ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުން މިއަދު ބުނެފިއެވެ.

ފާއިތުވެ ދިޔަ ރޯދަ މަހު ބޮޑު ޗުއްޓީއަކަށް ދިޔުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަށާފައި ވަނީ މި ހަފުތާގެ ހޯމަ ދުވަހުއެވެ. ނަމަވެސް ހޯމަ ދުވަހަށް ފަހު އިއްޔެއާއި މިއަދުގެ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

"ސަން" އާ ވާހަކަދައްކަވަމުން ސަރުކާރު މައި ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ ޖަލްސާ ނެތް ނަމަވެސް މަސައްކަތްތައް މަޖިލީހުގައި ކުރަމުންދާ ކަމަށެވެ. އެގޮތުން އިއްޔެއާއި މިއަދު ވެސް ކޮމިޓީގައި ވަރަށް ބައިވަރު މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މެންބަރުން ޗުއްޓީގައި ތިބެ ވެސް މަޖިލީހުގެ މަސައްކަތްތައް ބައެއް ހާލަތުގައި ކުރައްވާ ކަމަށެވެ. މީގެ ކުރިން ވެސް މަޖިލިސް ދެފަހަރަކަށް ޗުއްޓީއަށް ދިޔައިރު ވެސް ޗުއްޓީގެ 50 ޕަސެންޓު މެންބަރުން ހޭދަކުރީ މަސައްކަތުގައި ކަމަށް ފަލާހު ވިދާޅުވިއެވެ.

"...މަޖިލީހުގެ މަސައްކަތްތަކަކީ އެކަހަލަ ގޮތަކަށް އޮންނަ ކަމެއް ދެއްތޯ؟ އަންނަ ހަފުތާގެ ހޯމައިން ފެށިގެން އަނެއްކާވެސް ޖަލްސާތައް އޮންނާނެ. މިހާރު ވެސް މަސައްކަތް ކުރަމުން މިދަނީ ކޮމިޓީގައި،" ފަލާޙު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުން އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވެސް ވިދާޅުވީ ހަމަ އެ ވާހަކައެވެ. އާއްމު ގޮތެއްގައި މަޖިލިސް ޗުއްޓީއަށް ފަހު އެނބުރި އަންނައިރު މާ ބޮޑު މަސައްކަތެއް ޖަލްސާގައި ކުރުމަށް ނުހުރެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮމިޓީގެ މަސައްކަތް ނިމޭވަރަކުން އެޖެންޑާ ކުރެވޭނީ. އިއްޔެ ވެސް މިއަދު ވެސް ކޮމިޓީގެ މަސައްކަތްތައް އެބަ ކުރިއަށްދޭ،" ނާޒިލް ވިދާޅުވިއެވެ.

https://sun.mv/204524

ފާހަގަކޮށްލެވޭ ގޮތުގައި ސަބަބެއް ނާންގާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ ސީދާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަމުރުފުޅަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އިއްޔެ ވަނީ ތުހުމަތުކުރައްވައިފިއެވެ. މީކާއިލް ވިދާޅުވީ، އެއީ ރައްޔިތުންގެ މަޖިލީސް މުލިއާގޭ ކައުންޓަރަށް ބަދަލުވީމައި ވާގޮތް ކަމަށެވެ.

އަދި އެއީ ދުވަހަކު ވެސް މީގެ ކުރިން ކަންކުރާ ގޮތެއް ނޫން ކަމަށާއި މިހާރު ޖަލްސާތަކުގެ އެޖެންޑާތައް ގިނަ ފަހަރަށް ލިބެނީ ދަންވަރުގެ ވަގުތުގައި ކަމަށް ވިދާޅުވެ މީކާއިލް ނުރުހުން ފާޅުކުރެއްވިއެވެ.

ރަމަޟާން މަހުގެ ފަހު 10ގެ ބަންދާއި، އީދު ބަންދަށްފަހު މަޖިލީހުގެ މަސައްކަތްތައް ހޯމަ ދުވަހު ފެށިއިރު އެ ދުވަހުގެ ޖަލްސާގައި ވެސް ސަރުކާރުގެ ފަރާތުން ގަރާރެއް ނުވަތަ ކުއްލި މައްސަލައެއް ހުށަހަޅައިފައެއް ނުވެއެވެ. ނަަމަވެސް އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައަކާއި ގަރާރެއް ހުށަހެޅިއެވެ.

https://sun.mv/204514

އެގޮތުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި, ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ހިންގަމުން ދާ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަވަސްކުރަން ގޮވައިލައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. ނަމަވެސް އެ މައްސަލައަކީ ގަވައިދަށް ފެތޭ މައްސަލައެއް ނޫންކަމަށް ނިންމައި ބަލައިނުގަންނަން ރިޔާސަތުން ނިންމީއެވެ.

މީގެ އިތުރުން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ އެމްއެމްއޭއިން ފައިސާ ޗާޕުކުރަން އުޅޭކަމަށް މައުލޫމާތު ލިބޭތީ، އެ ކަމުގެ މައުލޫމާތު ސާފުކޮށް، ވެރިކަންކުރާ ބާރުން ކުރާ ކަންކަން ބަލައި، ޖަވާބުދާރީކުރުވުމާ މެދު މެންބަރުން ދެކޭ ގޮތް ބެލުމަށް ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރުގެ ބަހުސްކުރުން ކުރިއަށް ގެންދިޔައެވެ.

ހޯމަ ދުވަހާއި އިއްޔެއަށް އެޖެންޑާކޮށްފައި އޮތީ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް އެކަންޏެވެ. އެއަށްފަހު މިއަދަށް އޮތީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއާއި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަދި މާލިއްޔަތު ކޮމިޓީގެ މަސައްކަތްތައް އޮތީ އެޖެންޑާކޮށްފައެވެ.

comment ކޮމެންޓް