5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން 490،000 އަށްވުރެ ގިނަ ގަސް އިންދައިފި

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން 5.2 މިލިއަން ގަސް އިންދައިފި -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ފެހިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 490,000 އަށްވުރެ ގިނަ ގަސް އިންދައިފިކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން އިއްޔެ ބުނެފިއެވެ.

ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ އެ މަޝްރޫޢުގެ ދަށުން މިހާތަނަށް ފަސްލައްކައާ ގާތްކުރާ އަދަދަކަށް އިންދިފައިވާ ކަމަށާއި، ކޮންމެ ގަހެއް އިންދުމަކީ ދިވެހިރާއްޖެ އިތުރަށް ފެހިކޮށް، ސިއްހަތަށް ފައިދާ ހުރި މާހައުލަކަށް އެއް ފިޔަވަޅު ކުރިއަށް ދިއުން ކަމަށެވެ.

މިހާރު މި މަޝްރޫއުގެ ދަށުން 498،968 ގަސް ވަނީ އިންދައިފައެވެ.

އަދި ކޮންމެ ގަހަކީ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށާއި، އެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުވެ، ވައި ސާފުވެ، ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރެވޭނެކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ އެ މަޝްރޫޢުގައި ރައްޔިތުންގެ ބައިވެރިވުން ބޮޑު ކަމަށް ފާހަގަކުރެވޭ ކަމަށާއި، ސްކޫލް ކުދިންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ފަރުދުން އެ މަސައްކަތުގައި ބައިވެރިވަމުންދާކަމަށެވެ.

އެ ވުޒާރާއިން ބުނީ ކުންފުނިތަކާއި މުއައްސަސާތަކުން ވައުދުވެފައިވާ ގޮތުން 5.2 މިލިއަން ގަސް އިންދޭނެ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އެޗްޑީސީ: 1،000،000
  • އެމްޕީއެލް: 1،000،000
  • އެސްޑީއެމް ފާމް: 750،000
  • އާރްއޭސީއެލް: 600،000
  • ސްޓެލްކޯ: 500،000
  • އެހެނިހެން: 1،369،456

ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ އެ މަޝްރޫޢުގައި ބައިވެރިވެ، އެހީތެރިވަމުންދާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދައިކުރައްވާފައިވެއެވެ.

ފަސް އަހަރުގެ ދައުރުގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އޭގެ ބޭނުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް މަސައްކަތް ކުރުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

comment ކޮމެންޓް