މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް އާ ޑިރެކްޓާ ޖެނެރަލެއް ހޯދަން އިއުލާނުކޮށްފި

ރައީސް ތެލަސީމިއާ ސެންޓަރަށް ވަޑައިގެން ހާލަތު ބެއްލެވުން: އެމްބީއެސްއަށް އާ ޑިރެކްޓާ ޖެނެރަލެއް ހޯދަން އިއުލާނުކޮށްފި -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އަށް އާ ޑިރެކްޓާ ޖެނެރަލެއް ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.

ތެލަސީމިއާ ސެންޓަރުން ދޭ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ވަނީ އެ ތަނުން ފަރުވާ ހޯދާ މީހުންނާއި އެ މީހުންގެ އާއިލާތަކުން މުޒާހަރާ ކޮށްފައެވެ. އެއާއެކު ޖެހިގެން އައި ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ސެންޓަރަށް ވަޑައިގެން ތަނުގެ ހާލަތު ބައްލަވާލައްވައިފައެވެ. އެއަށް ފަހު ރައީސް ވިދާޅުވީ އެ ސެންޓަރުގައި 2017 ވަނަ އަހަރުން ފެށިގެން ޑިރެކްޓާ ޖެނެރަލެއް ނެތް ކަމަށެވެ.

އެއާއެކު މިދިޔަ މަހުގެ 24 ވަނަ ދުވަހު، އަށް އަހަރަށް ފަހު ވަނީ އެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފައެވެ. އެ މަގާމަށް ހަމަޖައްސާފައި ވަނީ އަހްމަދު މައުސޫމްއެވެ.

އެމްބީއެސްއިން ބުނީ އެމްބީއެސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި، ސިވިލް ސާވިސްގެ ތެރެއިން، އެހެން އިދާރާއެއްގައި މަސައްކަތް ކުރައްވަމުންގެންދިޔަ ޑިރެކްޓާ ޖެނެރަލެއް ހަމަޖެއްސީ ކަމަށެވެ. އަދި އެބޭފުޅާގެ ބެލުމުގެ ދަށުން ކުރަން ހުރި މަސައްކަތަށް ކުރިޔަށްގެންދަން މިހާރު ފަށާފައިވާ ކަމަށް ވެސް އެމްބީއެސްއިން ބުންޏެވެ.

ނަމަވެސް ތެލެސީމިއާ ގާނޫނުގައި ބުނާ ފަދައިން އެމްބީއެސްއަށް ފަންނީ ޑިރެކްޓާ ޖެނެރަލެއް ހަމަޖައްސަން ޖެހެއެވެ. އަދި އެއީ ވަކި އިޖުރާއާތުތަކަކާއި އުސޫލުތަކެއްގެ ތެރެއިން ގާނޫނާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަމެއްގެ އިތުރުން ވަގުތު ވެސް ހޭދަވާ އިޖުރާއާތެއް ކަމަށް އެމްބީއެސްއިން ބުންޏެވެ.

އެއާއެކު ސިވިލް ސާވިސް ކޮމިޝަނުން މިއަދު ވަނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައި އިއުލާނުކޮށްފައެވެ.

އެއީ ދާއިމީ މަގާމެކެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި 12،534 ރުފިޔާ، މުސާރައިގެ ގޮތުގައި 21،884 ރުފިޔާ އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި 339 ރުފިޔާ ދުވާލަކަށް ލިބޭ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. އޭގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތާއި ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

މި މަގާމަށް އެދި ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ މި މަހުގެ 17ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިންނެވެ.

https://www.sun.mv/204013

ތެލަސީމިއާ ސެންޓަރުގެ ހާލަތު މިއަދާ ހަމައަށް އައިއިރު އެނގިނުލައްވާ ކަމަށާއި، ނަމަވެސް ދެން ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅު ކުރުމަށް ޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގައި ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ހައްލުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.

ތެލަސީމިއާ ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްކަމާއި ޑިރެކްޓަރު ކަމުގެ މަގާމަށް ވެސް ދެ ބޭފުޅުން ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ބުންޏެވެ. އަދި ތެލަސީމިއާ ސެންޓަރަށް, ވަރަށް އަވަހަށް ފިޒީޝަނެއްގެ އިތުރުން އެތަނަށް މި ވަގުތަށް ބޭނުންވާ ފަސް ނަރުހުންނާއި، އެހެނިހެން އިދާރީ މުވައްޒަފުން ވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް