އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޗައިނާއިން އިމްޕޯޓްކުރާ މުދަލަށް ކަނޑައަޅާފައިވާ އާ ޓެރިފްތަކާ ގުޅިގެން އެޕަލްގެ އައިފޯނު 16ގެ އަގު ދުނިޔޭގެ މާކެޓްތަކުގައި 30 ޕަސެންޓާއި 43 ޕަސެންޓާ ދެމެދުގެ މިންވަރަކުން އިތުރުވެދާނެކަމަށް ލަފާކޮށްފިއެވެ.
ޓެކް ރިޕޯޓްތައް ބުނާގޮތުގައި މިހާރު އެމެރިކާގައި 799 ޑޮލަރަށް ވިއްކާ އައިފޯނު 16 ގެ އަގު 1،142 ޑޮލަރަށް އަރައިދާނެ ކަމަށް ބެލެވެއެވެ.
އެންމެ މަތީ ފެންވަރުގެ އައިފޯނު 16 ޕްރޯ މެކްސްގެ އަގު މިހާރުގެ 1،599 ޑޮލަރުން 2،300 ޑޮލަރާ ހަމައަށް އަރައިދާނެ ކަމަށް ލަފާކުރެވެއެވެ. އެންމެ އަގުހެޔޮ މޮޑެލްކަމުގައިވާ އައިފޯނު 16އީ ގެ އަގުވެސް 599 ޑޮލަރުން 856 ޑޮލަރަށް އިތުރުވެދާނެއެވެ.
ގިނަ އައިފޯނުތައް އުފައްދަނީ ޗައިނާގައި ކަމަށްވުމާއެކު، އާ ޓެރިފްތަކުގެ ދަށުން މި އުފެއްދުންތަކަށް 54 ޕަސެންޓުގެ ޓެރިފެއް ދައްކަން ޖެހޭނެއެވެ. މިހާރު އެޕަލްއަށް ދިމާވެފައިވަނީ މި އިތުރު ޚަރަދު ކުންފުނިން އަމިއްލައަށް އުފުލުމާއި ނުވަތަ ކަސްޓަމަރުންނަށް ޚަރަދު ބަދަލުކުރުމުގެ ޗޮއިސްއެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރާ ޚިލާފަށް، މިފަހަރު އެޕަލްއަށް އެއްވެސް އިސްތިސްނާއެއް ދީފައެއް ނުވެއެވެ. އެޕަލްއިން އަހަރަކު 220 މިލިއަނަށްވުރެ ގިނަ އައިފޯނު ވިއްކައެވެ. މީގެ ތެރޭގައި އެމެރިކާ، ޔޫރަޕް އަދި ޗައިނާގެ މާކެޓްތައް ހިމެނެއެވެ.
އެޕަލްއިން އައިފޯނު 17 ނެރެންދެން އަގުތަކަށް ބޮޑެތި ބަދަލުތަކެއް ނުގެންނާނެ ކަމަށް ބެލެވުނު ނަމަވެސް، އިސްތިސްނާއެއް ނުލިބިއްޖެނަމަ އަވަހަށް އަގު ބޮޑުކުރަން މަޖުބޫރުވެދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.
މި ޓެރިފްތައް ތަޢާރަފުވަނީ އައިފޯނަށް ހުރި ޑިމާންޑް ދަށްވަމުންދާ ދަނޑިވަޅެއްގައެވެ. އެޕަލްގެ އައު "އެޕަލް އިންޓެލިޖެންސް" ފީޗަތައް - މީގެ ތެރޭގައި އޭއައި ބޭނުންކޮށްގެން ފޮނުވާ ނޯޓިފިކޭޝަންތަކާއި ޗެޓްޖީޕީޓީ އިންޓެގްރޭޝަން ހިމެނޭ ގޮތަށް އަދި ސޭލްސް އިތުރުކުރުމަށް ނުވަތަ ގިނަ ބަޔަކު އައު އައިފޯނަށް ބަދަލުވުމަށް މާ ބޮޑު އަސަރެއް ކޮށްފައެއް ނުވެއެވެ.
އަގުތައް ބޮޑުތަނުން އިތުރުވުމުން އެޕަލްގެ ވިޔަފާރި އިތުރަށް ދަށްވެ، ސެމްސަންގް ފަދަ ވާދަވެރިންނަށް ފައިދާވެދާނެއެވެ. ސެމްސަންގްއަށް އެމެރިކާގެ ޓެރިފްތަކުގެ އަސަރު ކުޑަވަނީ ސައުތު ކޮރެއާއަށް މި ޓެރިފްތަކުގެ އަސަރު ކުޑަވުމުގެ ސަބަބުންނެވެ.
ބައެއް ލަފާކުރުންތަކުން ދައްކާގޮތުގައި މި ޓެރިފްތަކުގެ ސަބަބުން އެޕަލްއަށް 40 ބިލިއަން ޑޮލަރާ ހަމައަށް ގެއްލުންވެދާނެއެވެ.
އެޕަލްއިން މިކަމާ ގުޅޭގޮތުން އަދި ރަސްމީ ބަޔާނެއް ނެރެފައި ނުވިޔަސް، ޗައިނާގެ އިސްވެރިންނާއި ވައިޓް ހައުސްއާ އެކު މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
މިވަގުތަށް، ދުނިޔޭގެ ކަސްޓަމަރުން ކުރިއަށް އޮތް ތަނުގައި އައިފޯނުގެ އަގު ބޮޑުތަނުން އިތުރުވެދާނެކަމަށް ތައްޔާރުވާން ޖެހިދާނެއެވެ.