މަޝްހޫރު ދިވެހި ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ 'ސޮރީ'ގެ ޓްރެއިލާ ރޭ އާންމުކޮށްފިއެވެ.
ނަހުލާގެ އަސަރުގަދަ ސޮރީ ދައްކަން ކައިރިވާ ވަރަކަށް ބެލުންތެރިންގެ ކެތްތެރިކަން އަންނަނީ ކޮޅުންލަމުންނެވެ. ފިލްމާ ގުޅޭ ތަފާތު މައުލޫމާތުތައް އަންނަނީ ފިލްމު ނެރުން ކައިރިވާވަރަކަށް އާންމުކުރަމުންނެވެ.

ސޮރީގެ ޓްރެއިލާގެ މަންޒަރެއް ----
މިގޮތުން، ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފިލްމުގެ ޓެރެއިލާގެ އިތުރުން ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ވެސް ވަނީ ނެރެފައެވެ.
އަންނަ ޖޫން މަހު 17ގައި ދެއްކުމަށް ހަމަޖެހިފައިވާ ސޮރީގެ ޓްރެއިލާގައި ވަނީ، މަންމައާ ބައްޕައާ ދުރުގައި އުޅޭ ކުއްޖެއްގެ އިހުސާސްތައް ދައްކުވައިދީފައެވެ. އަދި، ލޯތްބާއި ހިތާމައިގެ މަންޒަރުތަކެއް ޓެރެއިލާގައި ވަނީ ހިމަނާފައެވެ.
ފިލްމާ ގުޅިގެން ރޭ ނަހުލާ ބުނީ، ފިލްމުގައި ކުޑަ ދެ ކުއްޖަކު ވަރަށް ބޮޑު ރޯލެއް ކުޅޭތީ ފިލްމު އަސަރު ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށާއި މިއީ ކޮންމެހެން ވެސް ބަލަން ޖެހޭ ފިލްމެއް ކަމަށެވެ. އެގޮތުން، ފިލްމުން ލިބޭ ވަރަށް ފައިދާހުރި އިބުރަތުގެ ބޭނުން ހިފަން ނަހުލާ ވަނީ އެދިފައެވެ.

ސޮރީގެ ޓެރެއިލާގެ ތެރެއިން ----
"އެހެންވީމައި މި ފިލްމު ބަލާފައި ހަމަގައިމުވެސް އަސަރުކުރާނެ. ހަނދާން ވެސް ނުނެތޭނެ. އެކަމަކު ވެސް ނަގާ ބައެއް ޑިސިޝަންތައް ރަނގަޅު ކުރަން އެބަ ޖެހޭ. ހަދާ މިސްޓޭކެއްގެ ސަބަބުން މުޅި ދިރިއުޅުން ބޮޑު ހިތަމާއަކަަށް ވެގެން މިދަނީ. އެކަހަލަ ކަންތައް ވިޔަ ނުދެއްޗޭ" ނަހުލާ ބުންޏެވެ.
މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއުގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި ދޮށީ ދަރިފުޅު މަރިޔަމް އީނާޝް ސިނާންގެ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ވާޝިޔާ މުހައްމަދުގެ އިތުރުން ހުސައިން ސޮބާހު ވެސް ފެންނާނެއެވެ.