އެމެރިކާއިން އެތެރެކުރާ ޗައިނާގެ މުދަލުން ނަގާ ޑިއުޓީ ބޮޑުކުރުމުން، ޗައިނާއިން ރައްދުދިނުމުގެ ގޮތުން، އެ ގައުމަށް އެތެރެކުރާ އެމެރިކާގެ މުދަލުން ނަގާ ޑިއުޓީ 84 ޕަސެންޓަށް ބޮޑުކޮށްފައެވެ.
އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް މި އަހަރު ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ، އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ކުޑަ ނަމަވެސް އެހެން ބޮޑެތި ގައުމުތަކުން އެތެރެކުރާ އެމެރިކާގެ މުދަލަށް ނަގާ ޑިއުޓީ ބޮޑު ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވަމުންނެވެ. އެހެންވެ، އެ ގައުމުތަކަށް ރައްދު ދިނުމަށް ކަމަށް ވިދާޅުވެ ޓްރަމްޕް އިމްޕޯޓް ޑިއުޓީ ބޮޑު ކުރައްވަމުން ގެންދަވާއިރު، އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ ޗައިނާއިން އެތެރެކުރާ މުދަލަށް ނަގާ ޑިއުޓީއަށެވެ.
މީގެ ކުރިން ވެސް ދެ ގައުމުން ވެސް ޑިއުޓީ ބޮޑުކޮށްފައިވާއިރު، މިއަދުން ފެށިގެން ޗައިނާގެ މުދަލުން ނަގާ ޑިއުޓީ ވަނީ 104 ޕަސެންޓަށް އިތުރުކޮށްފައެވެ.
އެ ފިޔަވަޅާ ގުޅިގެން ޗައިނާ ސަރުކާރުގެ ޓެރިފް ކޮމިޝަން އޮފީހުން ވަނީ، މާދަމާއިން ފެށިގެން، އެމެރިކާގެ މުދަލުން ނަގާ ޑިއުޓީ 34 ޕަސެންޓުން 84 ޕަސެންޓަށް އިތުރުވާނެ ކަމަށް އިއުލާންކޮށްފައެވެ.
މީގެ އިތުރުން ޗައިނާގެ ކޮމާސް މިނިސްޓްރީން ވަނީ އެމެރިކާގެ ބައެއް ކުންފުނިތަކަށް ފިޔަވަޅުތައް އަޅަން ވެސް ނިންމައިފައެވެ. އެގޮތުން، އަސްކަރީ އަދި މަދަނީ ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ޗައިނާއިން އުފައްދާ ބައެއް ތަކެތި އެމެރިކާގެ 12 ކުންފުންޏަކަށް ވިއްކުން އެ ގައުމުން ވަނީ މަނާކޮށްފައެވެ. އަދި ޗައިނާގެ ކުންފުނިތަކާ ވިޔަފާރިކުރުމާއި އެ ގައުމުގައި އިންވެސްޓު ކުރުން މަނާކޮށްފައިވާ ކުންފުނިތައް ހިމެނޭ ލިސްޓުގައި، އެމެރިކާގެ އިތުރު ހަ ކުންފުންޏެއްގެ ނަން ވަނީ ހިމަނައިފައެވެ.
އެމެރިކާއާއި ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރީގެ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާއިރު، ޗައިނާއިން ވަނީ އެ ގައުމުން އެފަދަ ހަނގުރާމައެއް ފަށަން ބޭނުންނުވާ ކަމަށާއި ނަމަވެސް ޗައިނާގެ މަސްލަހަތުތަކަށް ގެއްލުންވާ ގޮތަށް ފިޔަވަޅު އަޅާނަމަ އެ ގައުމުން ވެސް "މަޑުން ނޯންނާނެ" ކަމަށް ބުނެފައެވެ.
ޓްރަމްޕް ވިދާޅުވާ ގޮތުގައި އެ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ އިގުތިސާދީ ހާލަތު ރަނގަޅުވެ، އެހެން ގައުމުތަކާ ދެމެދު ވިޔަފާރީގެ ހަމަހަމަކަން ގާއިމުވާނެއެވެ. ނަމަވެސް ބައެއް އިކޮނޮމިސްޓުން ވަނީ އޭގެ ސަބަބުން، އެމެރިކާއާ ގުޅިގެން މަސައްކަތް ކުރާ ގައުމުތަކާ ވެސް ގުޅުން ގޯސްވެ، ރިސެޝަންއަކަށް ވެސް ގޮސްދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމެރިކާއާއި ޗައިނާއިން މިދިޔަ އަހަރު ކުރި ވިޔަފާރީގެ އަގު 585 ބިލިއަން ޑޮލަރަށް އަރައެވެ. އެ މުއާމަލާތްތަކުގެ ތެރެއިން ގިނައީ، އެމެރިކާއިން އިމްޕޯޓް ކުރި ޗައިނާގެ މުދަލެވެ. އެގޮތުން އެމެރިކާއިން އެތެރެކުރި ޗައިނާގެ މުދަލުގެ އަގު 440 ބިލިއަނަށް އަރާއިރު ޗައިނާއިން އެތެރެކުރި އެމެރިކާގެ މުދަލުގެ އަގަކީ 145 ބިލިއަން ޑޮލަރެވެ.
ޗައިނާއިން އެމެރިކާއަށް އެންމެ ގިނައިން އެތެރެކުރާ ބާވަތަކީ ސްމާޓްފޯނެވެ. އެގޮތުން އެމެރިކާއިން އެތެރެކުރާ ޗައިނާގެ މުދަލުގެ ނުވަ ޕަސެންޓް ހިއްސާކުރަނީ ސްމާޓްފޯނެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ޗައިނާގައި އުފައްދާ، އެޕަލް ކުންފުނީގެ ސްމާޓްފޯނެވެ.
މިހާރު ގެނައި ބަދަލުތަކާއެކު، ޗައިނާއިން އެމެރިކާއަށް އެތެރެކުރާ ސްމާޓްފޯންތައް ފަދަ ތަކެތީގެ އަގުތައް އުފުލޭނެއެވެ.
ޗައިނާއާއި އެމެރިކާއިން އެއް ގައުމުން އަނެއް ގައުމަށް އަޅާ ފިޔަވަޅުތަކުގެ އަސަރު މުޅި ދުނިޔޭގެ އިގުތިސާދަށް ވެސް ކުރާނެއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ޗައިނާއާއި އެމެރިކާއިން ދުނިޔޭގެ އިގުތިސާދުގައި ހިއްސާވާ މިންވަރު މިދިޔަ އަހަރު 43 ޕަސެންޓަށް އަރައެވެ. އެ ދެ ގައުމުން ވިޔަފާރީގެ ހަނގުރާމައަކަށް ގޮސް، އޭގެ ސަބަބުން ދެ ގައުމުގެ އިގުތިސާދީ ކުރިއެރުން މަޑުޖެހި، ރިސެޝަންއެއް ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ތަކެތީގެ އަގު އުފުލި، އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވެސް އޭގެ އަސަރު ކުރާނެއެވެ.