ގޫގުލްއިން އެ ކުންފުނީގެ އެންމެ ފަހުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް ކަމުގައިވާ ޖެމިނައި 2.5 ޕްރޯ އެކްސްޕެރިމެންޓަލް މޮޑެލް ގޫގުލްގެ އެހެން ޓޫލްތަކަށް ފުޅާކުރަމުންދާ ކަމަށް އެ ކުންފުނިން އިޢުލާނުކޮށްފިއެވެ.
މި އިޢުލާނާއެކު، އެ ކުންފުނީގެ އޭޖެންޓިކް ޑީޕް ރިސާޗް ޓޫލް މިހާރު ހިންގަމުންދާނީ އެންމެ ފަހުގެ ޖެމިނައި މޮޑެލް މެދުވެރިކޮށް ކަމަށް ބުނެފައިވެއެވެ.
ގޫގުލްގެ އިއުލާނުގައި، މި އައު ލާޖް ލެންގުއޭޖް މޮޑެލް (އެލްއެލްއެމް) ބޭނުންކުރުމުން ޑީޕް ރިސާޗް ޓޫލްގެ ތަޙްލީލީ ވިސްނުމުގެ ޤާބިލިއްޔަތު އިތުރުވާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މި ފީޗާ ލިބޭނީ އޭއައި ޕްލެޓްފޯމްގެ ފައިސާ ދައްކައިގެން ބޭނުންކުރާ ފަރާތްތަކަށް އެކަނި ކަމަށްވެސް ބުނެފައިވެއެވެ. ހިލޭ ބޭނުންކުރާ ފަރާތްތަކަށް ޑީޕް ރިސާޗް ޓޫލް ލިބޭނީ ޖެމިނައި 2.0 ފްލޭޝް ތިންކިން (އެކްސްޕެރިމެންޓަލް) މޮޑެލް މެދުވެރިކޮށެވެ.
ގޫގުލްއިން ބުނެފައިވާ ގޮތުގައި، ޖެމިނައި 2.5 ޕްރޯ އެކްސްޕެރިމެންޓަލް އޭއައި މޮޑެލް ވަނީ ފާއިތުވި މަހު ގިނަ އިތުރުކުރުންތަކަކާއެކު ތަޢާރަފުކޮށްފައެވެ. މިއީ އެކުލެވިފައިވާ ވިސްނުމުގެ ގާބިލިއްޔަތު ހިމެނޭ ފުރަތަމަ ޖެމިނައި ސިލްސިލާ ކަމަށްވެސް ބުނެފައިވެއެވެ. މި ސަބަބަށްޓަކައި، މި މޮޑެލް ޑީޕް ރިސާޗަށް އެކުލަވާލުމަކީ ފަސޭހަ ކަމެއް ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.
ގޫގުލްއިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނިން ވަނީ ޖެމިނައި 2.5 ޕްރޯ އެކްސްޕެރިމެންޓަލް ބޭނުންކޮށްގެން ޑީޕް ރިސާޗްގެ އިންޓާނަލް ޓެސްޓެއް ހަދާފައެވެ. އަދި މި ޓެސްޓުގައި، އުފެއްދި ރިޕޯޓުތައް ވާދަވެރިންގެ ރިޕޯޓުތަކަށްވުރެ ރޭޓަރުން އިސްކަންދީފައިވާ ކަމަށް ބުނެފައިވެއެވެ.
ޚާއްޞަކޮށް، ތަޙްލީލީ ވިސްނުމާއި، މަޢުލޫމާތު އެއްކުރުމާއި، އިންސައިޓްފުލް ރިސާޗް ރިޕޯޓުތައް އުފެއްދުމުގައި ފާހަގަކުރެވޭ ކުރިއެރުމެއް ލިބިފައިވާކަން ޓެސްޓަރުންނަށް ފާހަގަކުރެވިފައިވާ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.
ޖެމިނައި އެޑްވާންސްޑް ސަބްސްކްރައިބަރުންނަށް މި އޭއައި އޭޖެންޓް ބޭނުންކުރެވޭނީ ވެބް މެދުވެރިކޮށާއި އެންޑްރޮއިޑް އަދި އައިއޯއެސް އެޕްތަކުންނެވެ. އެހެންނަމަވެސް، ހިލޭ ބޭނުންކުރާ ފަރާތްތަކަށް ޖެމިނައި 2.0 ފްލޭޝް ތިންކިން (އެކްސްޕެރިމެންޓަލް) މޮޑެލް މެދުވެރިކޮށް ޑީޕް ރިސާޗް ބޭނުންކުރެވޭނެއެވެ.
ގޫގުލްއިން ފުރަތަމަ ޑީޕް ރިސާޗް ތަޢާރަފުކުރީ މިދިޔަ ޑިސެމްބަރު މަހެވެ. އޭރު މި ފީޗާ ލިބެން ހުރީ ހަމައެކަނި ޖެމިނައި އެޑްވާންސްޑް ބޭނުންކުރާ ފަރާތްތަކަށެވެ. ނަމަވެސް މި އަހަރު މި އޭއައި އޭޖެންޓް ހުރިހާ ޔޫޒަރުންނަށް ފޯރުކޮށްދީފައިވެއެވެ.
ޑީޕް ރިސާޗްގެ ގާބިލުކަމުގެ ތެރޭގައި ގިނަ ފިޔަވަހިތަކެއްގެ މައްޗަށް އެކުލެވޭ ދިރާސާ ޕްލޭންތައް އެކުލަވާލުމާއި، ވެބް ސާޗްތައް ހިންގުމާއި، މައުޟޫއާ ގުޅޭ މަޢުލޫމާތު އެއްކުރުން ހިމެނެއެވެ. މީގެ އިތުރުން، އެއްކުރެވޭ މަޢުލޫމާތު ދިރާސާކޮށް، ތަފުސީލީ ރިޕޯޓެއް ތައްޔާރުކޮށް ޔޫޒަރުންނަށް ހުށަހެޅުމުގެ ގާބިލުކަންވެސް ލިބިގެންވެއެވެ.