އައްޑޫ ސިޓީގެ ތަރައްގީއާއި ކުރިއެރުމަށް، އެ ސިޓީގެ ގަމުގައި އީކުއޭޓާ ވިލެޖު ހިންގާ ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލް ސާވިސްއިން އަބަދު ވެސް އެއްބާރުލުން ދޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން މިފަދައިން ބުނީ، ގަމުގެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މަގަކާއި އީކުއޭޓާ ވިލެޖުގެ އިމާރާތަކާ ފުށުއަރާ މައްސަލަ ބޮޑުވެ، މަޝްރޫއު އިތުރަށް ކުރިޔަށް ގެންދިއުމަށް ހުރަސް އެޅިފައި ވަނިކޮށެވެ.
މި މަހު 17ގެ ކުރިން އެ އިމާރާތް ހުސްނުކުރެވިއްޖެނަމަ، މަގު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަންޖެހޭނީ ވަކި މަޝްރޫއެއްގެ ގޮތުގައި ކަމަށާއި، އެ ކަމުގެ ސަބަބުން އެއާޕޯޓު މަޝްރޫއު ކުރިޔަށްގެންދާ އިންޑިއާގެ ރެނާޓަސްއަށް ސަރުކާރުން ބަދަލު ދޭން ޖެހިދާނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އިމާރާތެއް ހުސްނުކުރެވިގެން އެއާޕޯޓު މަޝްރޫއު ނިމުން ލަސްވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވުމާ ގުޅިގެން އައްޑޫ ރައްޔިތުންވަނީ ފާޑުކިޔައި، ނުރުހުން ފާޅު ކުރަން ފަށައިފައެވެ.
މި މައްސަލައިގައި، ކައިމޫއިން ނެރުނު ބަޔާނެއްގައިވަނީ، އެ ތަނުގެ ބިމާއި، އަލަށް ހަދާ މަގާ ފުށުއަރާއިރު، އެ ބިމުގައި ހުރީ އީކުއޭޓާ ވިލެޖުގެ ވަރަށް މުހިންމު އިމާރާތެއް ކަމަށެވެ. މީގެ ތެރޭގައި ބަދިގެއާއި، މުވައްޒަފުންގެ އެކޮމޮޑޭޝަނާއި، މެސްރޫމާއި، ލޯންޑްރީއާއި، ގަރާޖަކާއި، މުވައްޒަފުންގެ މުނިފޫހިފިލުވުމުގެ ސަރަހައްދަކާއި، ގެސްޓުންނަށް ޚާއްސަ ސްކުއަޝް ކޯޓެއް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ހުރިހާ ތަނަކީ ވެސް ރިސޯޓުގެ ދުވަހުން ދުވަހަށް ހިންގުމަށް ކޮންމެހެން ބޭނުންވާ ތަންތަން ކަމަށް ވަނީ ބުނެފައެވެ.
ކައިމޫއިން ބުނީ، މިނިސްޓްރީ އޮފް ޓޫރިޒަމާއެކު ގާތުން މަސައްކަތްކޮށް، މި މައްސަލައަށް ހައްލު ހޯދުމުގައި ދެމިތިބޭ ކަމަށެވެ. އަދި އެއްބާރުލުން ދިނުމުގެ ރޫހެއްގައި މަސައްކަތްކުރުމުން، އެންމެންނަށް ވެސް ފައިދާވާނެ ނަތީޖާއަކަށް ވާސިލުވެވޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
އައްޑޫގެ ތަރައްގީއަށް އެހީތެރިވެދިނުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މަގާ ފުށުއަރާ އިމާރާތަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީގެ މިލްކެކެވެ.
އެހެން ނަމަވެސް އެ ތަަންވަނީ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދީފައެވެ.
މި އެއްބަސްވުން ހަދާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 1999ގައެވެ. އަދި އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި، 2017ގައި އެއްބަސްވުން އައުކޮށްފައިވާނެ ކަމަށް ވަނީ ބުނެފައެވެ.
ކައިމޫއިން ވަނީ 20 އަހަރަށްވުރެ ގިނަ ދުވަހު އެ ހޮޓެލް ހިންގައިފައެވެ.