ނޭޕާލުން ދިވެހި ދަރިވަރުންނަށް އިތުރު އިންޓާންޝިޕް ފުރުސަތުތަކާއި މެޑިސިން ކިޔެވުމުގެ ފުރުސަތުތަކުގެ އިތުރުން، ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަ ކުރުމުގެ ފުރުސަތު ދޭނެކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ޕްރަޑިޕް ޕައުޑެލް ވިދާޅުވެއްޖެއެވެ.
ކޮމިޝަން އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް (ސީޕީޑީ)ގެ 58ވަނަ ޖަލްސާއަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޚަދީޖާ އަބްދުއްސަމަދު އަބްދުالله ވަނީ ނޭޕާލްގެ ހެލްތު މިނިސްޓަރާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ރާއްޖޭގެ މެޑިކަލް ޕްރޮފެޝަނަލުންނަށް ނޭޕާލުގައި ޕޯސްޓްގްރެޖުއޭޓް ސްޕެޝަލިޓީތަކާއި ސަބް ސްޕެޝަލިޓީއަށް ކިޔެވުމުގެ އާ ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން ނޭޕާލާއެކު ހަދާފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ފައިނަލް ކުރުމާ ގުޅޭގޮތުންނެވެ.
އެގޮތުން، ރާއްޖޭގެ ޑޮކްޓަރުންނަށް ނޭޕާލުގައި ކިޔެވުމާއި އިތުރު ހުނަރުތައް ހޯދުމުގެ ފުރުސަތުތައް ކުރިއަށް އޮތްތަނުގައި ފަހިކޮށްދެއްވާނެ ކަމަށް ނޭޕާލްގެ ހެލްތު މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ސޮއިކުރާނެ އިތުރު އެއްބަސްވުންތަކާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާތައް ކުރައްވާފައެެވެ. އަދި ދެގައުމުގެ ދެމެދުގައި ތައުލީމީ ފުރުސަތުތައް ބަދަލުކުރުމުގެ މުހިންމުކަން ދެބޭފުޅުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭން މީގެ ކުރިން ސޮއިކޮށްފައިވާ އެމްއޯޔޫތަކުގެ ދަށުން ޕޯސްޓްގްރެޖުއޭޓް ކިޔެވުމަށް ނޭޕާލަށް ދަރިވަރުން ފޮނުވާފައިވާއިރު، ރާއްޖޭގެ ބައެއް ދަރިވަރުން ވަނީ ޓްރިބުވާން ޔުނިވާސިޓީ އާއި ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް (އެންއޭއެމްއެސް)އިން ކިޔަވާފަ އެވެ.
އެގޮތުން، 2015ވަނަ އަހަރު ޓްރިބުވާން ޔުނިވާސިޓީގައި އަށް ދަރިވަރަކު ކިޔަވާފައިވާއިރު، 12 ދަރިވަރަކު ނޭމްސްގައި ކިޔަވާފައިވެއެވެ. އަދި 2016ވަނަ އަހަރު ޓްރިބުވާން ޔުނިވާސިޓީގައި ނުވަ ދަރިވަރުން ކިޔަވާފައިވާއިރު، ނޭމްސްގައި އަށް ދަރިވަރަކު ކިޔަވާފައިވެއެވެ.
މީގެ އިތުރުން، 2017ވަނަ އަހަރު ޓްރިބުވާން ޔުނިވާސިޓީއަށް ހަތް ދަރިވަރުން ގޮސްފައިވާއިރު، 2018ވަނަ އަހަރު 11 ދަރިވަރަކު ނަމްސްގައި ކިޔަވާފައިވެއެވެ.
ނޭޕަލަކީ އަމިއްލަ ގޮތުން މެޑިސިން ކިޔެވުމަށް ވެސް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދާ ގައުމެކެވެ.