އާންމުކޮށް ލައިގެން އުޅޭ ހެދުމެއް ރީތިކަމަށް އަންހެނެއް ގާތުގައި ބުނެފި ނަމަ އެންމެ ފުރަތަމަ ޖަވާބެއްގެ ގޮތުގައި ގިނަ ފަހަރަށް ލިބޭނީ އޭގައި ޖީބު ހުންނަ ކަމުގެ ވާހަކައެވެ. ގިނަ ފަހަރަށް މިއީ ވަރަށް ބޮޑު އުފަލަކަށް ވެއެވެ. މިއީ އަންހެން ހެދުންތަކުގައި ޖީބު ހުންނަލެއް މަދުވުމުންނެވެ. އެކަމަކު އެއީ ކީއްވެ ހެއްޔެވެ؟
ގިނަ ފަހަރަށް އަންހެނެއްގެ ޖީންސް ނުވަތަ ހެދުމެއްގައި ޖީބެއް ހުރެއްޖެ ނަމަ އެއީ ބޭނުން ކުރެވޭ އެއްޗެއްސެއް ނޫނެވެ. ބޭނުންކުރެވޭ ގޮތަށް ޖީބެއް ހަދާފައި ހުރި ނަމަ އެއީ ގިނަ ފަހަރަށް އެއްޗެއް އެއަށް ލެވޭ ވަރަށް ވުރެ ކުޑަކޮށް ހަދާފައި ހުންނަ އެއްޗެއްސެވެ.
"އަސްލު މާ ފަސޭހަ ކަމެއް ނޫން އަބަދު އަތަށް ފޯނު ލައިގެން އުޅުމަކީ. އެކަމަކު ލާ އެއްވެސް ޖީންސްއެއްގެ ޖީބަކަށް ފޯނެއް ނުލެވޭ. ދެއްކުމަށް ހަދާފަ ހުންނަ އެއްޗެއް އެއީ،" ޒުވާން އަންހެނަކު ކިޔައިދިނެވެ.
އޭނާ އިތުރަށް ކިޔައިދިން ގޮތުގައި ޖީންސްތަކުގެ ފަހަތުގައި ހުންނަ ޖީބަށް ފޯނު ލައިގެން ގިނަ ފަހަރަށް އުޅޭ ސަބަބަކީ އެއީއެވެ. އޭނާ ބުނި ގޮތުގައި އެ ފޯނު ލެވޭ ހަމައެކަނި ޖީބަކީ ގިނަ ފަހަރަށް ޖީންސްގެ ފަހަތު ޖީބެވެ.

އަންހެނެއްގެ ހެދުމެއް
ތަޖުރިބާކާރުން ބުނާގޮތުގައި ޖީބުތަކުގެ ފަހަތުގައިވެސް ވަނީ ސެކްސިސްޓް ނުވަތަ ޖިންސީ ތަފާތުކުރުމުގެ ވިސްނުމެކެވެ. ފިރިހެނުންގެ ޖީންސް އަދި ލާ ކޮންމެ އެއްޗެއްގައި ޖީބުތައް ހުންނަ ފަދައިން އަންހެނުން ލާ އެއްޗެހީގައި ޖީބު ނުހުންނަންވީ ސަބަބެއް ނެތެވެ. ގިނަ އަންހެނުން ބޭނުންވަނީ ލާ ހުރިހާ އެއްޗެއްގައި ވެސް ބޭނުންކުރެވޭ ވަރުގެ ޖީބު ހުންނާށެވެ.
ރޯޑް އައިލެންޑް ސްކޫލް އޮފް ޑިޒައިންގެ އެޕެރަލް ޑިޒައިން ލެކްޗަރާ އެއް ކަމަށްވާ ހަނާ ކާލްސަން ބުނިގޮތުގައި ޖީބުތަކުގެ ޑިޒައިންތައް އަދިވެސް އޮތީ ކުރީ ޒަމާނުގެ ބޯދާ ވިސްނުމުގެ ތެރޭގައެވެ. އަދި އެއީ ފިރިހެނުންނަށް ބާރުތައް ދީ އަންހެނުން ދެރަ ކޮށްލާ ވިސްނުމެއް އަށަގެންނުވުމަށެވެ. އަންހެނުންނަށް ޚާއްސަ އުފެއްދުންތައް ވެސް ކުރީން ޑިޒައިންކޮށްފައިވަނީ ގިނަ ފިރިހެނުންނަށް ކަމަށްވާތީ އެ ޑިޒައިންތައް ތައްޔާރުކޮށްފައިވަނީ ހަމައެކަނި ދައްކާލުމުގެ ގޮތުން ކަމަށް އޭނާ ފާހަގަކުރެއެވެ.
އަދި ފިރިހެނުންގެ އުފެއްދުންތަކުގެ ޑިޒައިންތަކަށް ހޭދަކުރާ މިންވަރަށް މަސައްކަތް ހޭދަ ކުރުމަށް ބޭނުން ނުވާކަން މި ޑިޒައިންތަކުން ހާމަވާ ކަމަށް އޭނާ ބުނެއެވެ.
މީގެ އެކި ވިސްނުންތަކެއް ވި ނަމަވެސް އަންހެނުން އަންނަނީ އަންހެން ޑިޒައިންތަކުގައި ޖީބު އިތުރު ކުރުމަށް ގޮވާލަމުންނެވެ. އަދި ޒުވާން އަންހެން ޑިޒައިނަރުން އަންނަނީ އެތައް ހެދުންތަކާއި ޖީންސް ފަދަ ތަކެތީގެ ޑިޒައިންތައް އަންހެނުން ބޭނުންވާ ގޮތްތަކަށް ޑިޒައިން ކުރަމުންނެވެ.