ބާސާއިން ބޮޑު ތަފާތަކުން މޮޅުވެ، ސެމީއާ ގާތަށް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލްގައި އެފް ސީ ބާސެލޯނާ އާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި ފުރަތަމަ ލެގު ބާސާއިން ކާމިޔާބުކޮށް މި މުބާރާތުގެ ސެމީ ފައިނަލްގެ އުންމީދު ބޮޑު ކޮށްފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ތަފާތު ބޮޑު ނަތީޖާ އެއްކަމަށްވާ ހަތަރު ލަނޑު ސުން ލަނޑުންނެވެ.

ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗު އެ ޓީމުން ފަށާފައިވަނީ ވެސް ވަރަށް ފޯރިގައެވެ. މި ގޮތުން މެޗުގެ ކުރީކޮޅު ބާސާއިން ދިޔައީ ހަމަލާ އަކަށްފަހު ހަމަލާއެއް ޑޯޓްމަންޑްގެ ގޯލަށް އަމާޒު ކުރަމުންނެވެ. މި ގޮތުން ފުރަތަމަ 10 ވަރަކަށް މިނެޓްގެ ތެރޭގައި ތިން ލަނޑުގެ ލީޑެއް ނެގޭހާ ފުރުސަތު ލިބިގެންދިޔައެވެ.

މި މެޗުގެ ލީޑު ބާސާއިން ނަގާފައިވަނީ މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާއެވެ. މިއީ އޭނާ މި ފަހަރުގެ މުބާރާތުގައި ކާމިޔާބު ކުރި 12 ވަނަ ލަނޑެވެ.

ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު އެ ޓީމަށް ލިބިގެންދިޔައެވެ. އަދި ޑޯޓްމަންޑްއަށް ގިނައިރު ޑިފެންސަށް އިސްކަން ދޭން ޖެހުނު ނަމަވެސް އެ ޓީމުންވެސް ދޭތެރެ ދޭތެރެއިން ހަމަލާ އުފެއްދޭތޯ މަސައްކަތް ކޮށްފައިވެއެވެ. މިގޮތުން ކަރިމް އަޑެމީ އާއި ސާހޫ ގުރާސީ ނުރައްކާތެރި ދެ ހަމަލާއެއް ފުރަތަމަ ހާފު ނިމެނިކޮށް އުފެއްދިއެވެ.

މި މެޗުގައި ބާސާގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިން ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. އަދި މެޗުގެ 66 ވަނަ މިނެޓުގައި ބާސާގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީ ލެވަންޑޯސްކީ ވަނީ ބާސާއަށް ކްއާޓާ ފައިނަލްގައި ބޮޑު ލީޑެއް ނަގައިދީފައެވެ. މިއީ އޭނާ ބާސާއަށް ކާމިޔާބު ކޮށްދިން 99 ވަނަ ލަނޑެވެ.

މި މެޗުގައި ބާސާގެ ފަހު ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލެމީން ޔަމާލްއެވެ. މިއާއެކު ބާސާއިން މިވަނީ މި މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ގާތް ގަޑަކަށް ކަށަވަރު ކޮށްފައެވެ. މި މެޗުގައި ރަފީނިއާ ލަނޑެއް ކާމިޔާބު ކުރުމުގެ އިތުރުން ލެވަންޑޯސްކީ އާއި ޔަމާލް ކާމިޔާބު ކުރި ދެ ލަނޑެއް ޖެހުމަށްވީ އެހީތެރިކަމާއެކު އޭނާ މިވަނީ ޗެމްޕިއަންސް ލީގުގެ މުބާރާތެއްގައި ބާސާއަށް އެންމެ ގިނަ ލަނޑު ޖެހުމުގައި ބައިވެރިވި ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމުގެ ކުރީގެ ތަރި ލިއޮނެލް މެސީ ހަދާފައިވާ ރިކޯޑާއި އަރާ ހަމަކޮށްފައެވެ.

އެއީ 2011-2012 ވަނަ އަހަރުގެ ސީޒަންގެ މުބާރާތުގައި 19 ލަނޑު ޖެހުމުގައި ބައިވެރިވެގެންނެވެ. ރަފީނިއާ ވެސް މި މެޗުގައި ކާމިޔާބު ކުރި ލަނޑާއި އަދި މި ދެ ސިސްޓާއެކު މިވަނީ 19 އަށް މިއަދަދު އަރުވާފައެވެ. އަދި ކުރިއަށް އޮތް މެޗާއެކު ސެމީގެ މި ރިކޯޑް މުގުރާލުމުގެ ފުރުސަތު ވެސް ރަފީނިއާއަށް މިޙާރު އެބައޮތެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގު އޮންނާނީ މިމަހުގެ 15 ދުވަގުގެ ރޭ ޑޯޓްމަންޑްގެ ދަނޑުގައެވެ.

comment ކޮމެންޓް