ފަހަތުން އަރައި ޕީއެސްޖީއިން ވިލާގެ މައްޗަށް ކުރި ހޯދައިފި

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލްގައި ޕެރިސް ސެއިންޓް ޖާމެއިން އާއި އެސްޓަން ވިލާ ބައްދަލުކުރި ފުރަތަމަ ލެގު ޕީއެސްޖީއިން ކާމިޔާބުކޮށް ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ތިން ލަނޑު އެއް ލަނޑުންނެވެ.

މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީއިންނެވެ. މި ގޮތުން ޕީއެސްޖީއިން ހަމާލާއަށް އިސްކަން ދިންއިރު ވިލާއިން ބޮޑަށް ބެލީ ޑިފެންޑް ކުރުމާއެކު ލިބޭ ފުރުސަތުގައި ހަމަލާ އުފެއްދޭތޯއެވެ.

މި މެޗުގެ ކުރީކޮޅު ޕީއެސްޖީއިން ގިނަ ހަމަލާތަކެއް އުފެއްދި ތަން ފެނިގެންދިޔަ ނަމަވެސް މެޗުގެ ލީޑު އެންމެ ފުރަތަމަ ނެގިތަން ފެނިގެންދިޔައީ ވިލާއިންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި ވިލާއިން އުފެއްދި ކައުންޓާ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީ ދާދިފަހުން ފްރެންޗް ލީގު އާންގެ ޗެމްޕިއަންކަން ކާމިޔާބު ކޮށްފައިވާ ޕީއެސްޖީ ސިއްސުވާލީ މޯގަން ރޮޖާސްއެވެ.

ނަމަވެސް ވިލާއަށް މިލީޑު ދެމެހެއްޓޭގޮތްވީ ހަތަު މިނެޓް ވަންދެނެވެ.

ޕީއެސްޖީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 39 ވަނަ މިނެޓުގައި ޑިސާއަ ޑޯއޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު ކާމިޔާބު ކުރިއިރު މި މެޗުގައި އެހާތަނަށް ގިނަ ހަމަލާތަކެއް ދިފާއު ކުރަމުންދިޔަ ވިލާގެ ކީޕާ އެމިލިއާނޯ މާޓިނޭޒްއަށްވެސް މާބޮޑު ކަމެއް ކުރެވޭގޮތެއް ނުވިއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މި މެޗުގެ ލީޑު ޕީއެސްޖީއިން ނަގާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެސިތާ ހަތަރު ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ހަވިޗާ ކުވަރަޓްޝްހޭލިއާއެވެ.

މި ލަނޑާއެކު ޕީއެސްޖީއިން ހަމަޖެހިލިއިރު ވިލާ ފެނިގެންދިޔައީ އިތުރު ލަނޑެއް ބައިކޮޅަށް ވަނަނުދީ ވޭތޯ ބޮޑަށް ޑިފެންސް ކުރަން ފެށިތަނެވެ. މި ގޮތުން މި ހާފުގައި ދެން ފެނިގެންދިޔައީ ޕީއެސްޖީއިން އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔައިު ވިލާއިން އެ ފުރުސަތު އެ ޓީމަށް ނުދީ ފަރުޖެއްސޭތޯ ބެލި ތަނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތު ދެއްކުމުން ވިލާއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ކުރެވިދާނެކަމަށް ހީވި ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ނޫނޯ މެންޑޭޒް ކާމިޔާބު ކޮށްދިން ލަނޑުން ޕީއެސްޖީއިން މި މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގިއެވެ.

މި ދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ވިލާގެ ދަނޑުގައެވެ.

މި ކާމިޔާބީ އާއެކު ޕީއެސްޖިއިން ސެމީ ފައިނަލަށް ކުރާ އުންމީދު ބޮޑު ވެގެން ގޮސްފައިވާއިރު ވިލާއިން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރަން ބޭނުން ނަމަ ދެވަނަ ލެގުގައި ކުރަން ޖެހޭ މަސައްކަތް މި ވަނީ އިތުރު ވެގެން ގޮސްފައެވެ.

comment ކޮމެންޓް