އިންގްލިޝް ޕްރިމިއާ ލިގުގެ ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ މިސްރުގެ ފޯވާޑް މުހަންމަދު ސަލާހް އެ ޓީމާއެކު އާ އެއްބަސް ވުމަކަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ލިވަޕޫލާއެކު ސަލާހް ހަދާފައިވާ އެއްބަސްވުން މިސީޒަން މިމުމާއެކު ހަމަވެގެންދާނެއެވެ. އަދި އެންމެ ފަހުން ލިބެމުންދާ ޚަބަރު ތަކަށްބަލާއިރު ލިވަޕޫލުން ސަލާހް އާއެކު އެއްބަސްވުމަކަށް އައުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިގެން ގޮސްފައެވެ.
ނަމަވެސް މި އެއްބަސްވުމުގައި ސޮއި ކުރެވޭނީ ކިހާ ތާކުކަމެއް އަދި ބުނަން އަވަސް ކަމުގައިވެއެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ލިވަޕޫލާ ގުޅުނު ސަލާހަކީ ފުރަތަމަ ސީޒަނުން ފެށިގެން އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއަކަށް ވަނީ ވެފައެވެ. އެހެން ނަމަވެސް މިހާތަނަށް އިވެމުންދިޔަ ޚަބަރު ތަކަށް ބަލާއިރު އޭނާ މި ސީޒަނަށްފަހު ކްލަބްގައި މަޑު ކުރުމަށްވުރެ ފުރުސަތު ބޮޑީ ބަޑު ނުކުރުމެވެ.
ސަލާހް ހޯދުމަށް ސައުދީ ޕްރޯ ލީގުގެ ކުލަބްތަކުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އަދި ސީޒަން ނިމެން މިހާ ކައިރިވެފައިވާއިރު ވެސް އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުން ތެރިޔާގެ އެއްބަސްވުން އާކުރެވިފައިނުވުމުން މިއީ އޭނާގެ ފަހު ސީޒަނަށް ވެގެން ހިނގައިދާނެކަމަށް ގިނަ ބަޔަކަށް އޮތީ ހީވެފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ސަލާހު ވަނީ މިއީ އޭނާ ލިވަޕޫލަށް ކުޅޭ ފަހު އަހަރު ކަމުގައި ހާމަކޮށްފައެވެ. އަދި ކޮންޓްރެކްޓް އާ ކުރުމާއި ގުޅޭގޮތުން ކްލަބުން އޭނާ އާއި މަޝްވަރާ ނުކުރާކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ހާމަކުރިގޮތުގައި ލިވަޕޫލްގައި މަޑު ކުރުމަށްވުރެ ފުރުސަތު ބޮޑީ މަޑު ނުކުރުން ކަމަށެވެ. އަދި އެއްބަސް ވުމަކަށް އާދެވުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
ނަމަވެސް މި ހުރިހާ ކަމަކާއެކުވެސް ސަލާހްގެ ކުޅުމަށް މި ސީޒަނުގައި މިއިން އެއްވެސް ކަމެއްގެ އަސަރެއް ކުރާތަނެއް ނުފެނެއެވެ. މިގޮތުން މިސީޒަން އޭނާ މިހާތަނަށް ވަނީ ޕްރިމިއާ ލީގުގައި 27 ލަނޑު ކާމިޔާބު ކޮށް 17 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
ސަލާހްގެ އިތުރުން ކެޕްޓަން ވާޖިލް ވެން ޑައިކްގެ ކޮންޓްރެކްޓްވެސް މިސީޒަނާއެކު ހަމަވެގެންދާނެއެވެ. ވެން ޑައިކް މި ހަފުތާގެ ކުރީކޮޅު ހާމަކުރިގޮތުގައި އޭނާ އާއެއްބަސްވުމަކަށް އައުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ނަމަވެސް ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް މި ސީޒަނާއެކު އެ ޓީމު ދޫކޮށްލާނެކަމަށް މިހާރު ވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ.