ބްރޯޑްކޮމްގެ ނައިބު ރައީސަކަށް ޝިފްލާ

ބްރޯޑްކޮމްގެ ނައިބު ރައީސް ޝިފްލާ އިބްރާހީމް: އޭނާ އެ މަގާމަށް އައްޔަން ކުރީ މިއަދު-- ފޮޓޯ: އަމީނާ ނައީމް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސްއަކަށް ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޓަެރު, އަދި ނޫސްވެރިޔާ ޝިފްލާ އިބްރާހީމް މިއަދު އިންތިޚާބުކޮށްފިއެވެ.

ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޝިފްލާ, މިއަދު އެ ކޮމިޝަންގެ ނައިބު ރައީސަކަށް އިންތިޚާބުކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު ފަޒީން މިދިޔަ މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފަޒީން ބްރޯޑްކޮމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ, މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް މަޖިލީހުން ބަލައި ފިޔަވަޅު އަޅަން މަސައްކަތް ކުރަމުން ދަނިކޮށެވެ.

ބްރޯޑްކޮމްގެ ރައީސް ސޮފާ ޝަފީގު މިއަދު ވިދާޅުވީ ތައުލީމާއި ތަޖުރިބާގެ ގޮތުން މިވަގުތު ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގައި ހުންނެވި އެންމެ ޤާބިލް އެއްބޭފުޅާ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ހޮވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ޝިފްލާއަށް މަޖިލީހުގެ ތަޅުމުން 2021 ވަނަ އަހަރު ރުހުން ދިނީ، އޭނާ އެ މަގާމަށް ކުރިމަތިލެއްވި ތިން ވަނަ ފަހަރުއެވެ. ކުރީގެ ދެ ފަހަރު ރުހުން ދީފައެއް ނުވެއެވެ.

ޝިފްލާއަކީ ދާއިރާގެ ތައުލީމާއި ތަޖުރިބާ ހުރި ފަރާތެކެވެ. ޝިފްލާ ވަނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން މާސްޓާ އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ހާސިލްކުރައްވައިފައެވެ.

ޝިފްލާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރު ޓެލެވިޒަން މޯލްޑީވްސްގެ އެނައުންސާ ޓްރެއިނީއެއްގެ ގޮތުގައެވެ. ޝިފްލާ ވަނީ ޕްރެޒެންޓަރެއްގެ އިތުރުން ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފައެވެ.

comment ކޮމެންޓް