މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތައް މަދުކުރެވޭނީ އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެގެން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގައި ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށް ޓަކައި، މާލޭގެ ވެހިކަލް ކެރީން ކެޕޭސިޓީ ކަނޑައެޅުމަށް ޓަކައި ދިރާސާއެއް ހެދުމަށް ސިޓީ ކައުންސިލުން ހަވާލުކުރީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާއެވެ.
އެ ދިރާސާ ބިނާކޮށްފައިވަނީ ޖުމްލަ ކެރީން ކެޕޭސިޓީއާއި، ކޮންމެ އުޅަނދެއްގެ ދުއްވުމުގެ ހުއްދަ ދެވޭނެ މުއްދަތާއި، ކުންފުނިތަކާއި މުއައްސަސާތަކަށް ދުއްވަން ހުއްދަ ދެވޭނީ ކިތައް އުޅަނދަށްތޯ، އަދި މި ކަންތައްތަކާ ގުޅިގެން ދޭ ލަފާގެ މައްޗަށެވެ.
އެ ދިރާސާ ރިޕޯޓުން ދައްކާ ގޮތުގައި މާލެ ސަރަހައްދަށް ކަނޑައަޅަން ފެންނަ ކެރީން ކެޕޭސިޓީއަށްވުރެ އިތުރަށް 30،000 އުޅަނދު މިހާރު ވެސް ދުއްވައެވެ. އޭގެ ތެރޭގައި 14 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 24،000 އަށްވުރެ ގިނަ އުޅަނދު ވެސް ހިމެނެއެވެ.
ރިޕޯޓުގައި ލަފާދީފައި އޮތީ 10 އަހަރު ތެރޭގައި މާލޭގައި ދުއްވަމުންދާ އުޅަނދުތަކުގެ އަދަދު މަދު ކުރުމަށެވެ.
މި ކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މާލެ ތޮއްޖެހުމުގެ މައްސަލައަށް ގެނެވޭނެ އެންމެ ރަނގަޅު ހައްލަކީ އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުން ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މާލެއަށް އެންމެ ރަނގަޅު އެއް ހައްލަކީ [ޕަބްލިކް] ޓްރާންސްޕޯޓުގެ ނިޒާމު ހަރުދަނާކޮށް ވަރުދަގަކުރުން. އަދި މިހާރު އެމްޓީސީސީން ގެންދާ އާރުޓީއެލް ބަހުގެ ޚިދުމަތް ފުޅާ ކުރެއްވިއްޖެ ނަމަ، މާލެ ސިޓީގެ ރައްޔިތުންނަށް ޓްރެފިކު ހައްލުތަކެއް ލިބިގެންދާނެ،" އާޒިމް ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މާލޭގެ ޓްރެފިކު މައްސަލައަށް އެތައް އަހަރެއް ވެފައިވާއިރު، މި މައްސަލަ ހައްލު ކުރުމަށް ވަގުތު ހޭދަވާނެ ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން މާލޭގައި ހަތަރުފުރޮޅުލީ އުޅަނދުގެ ޕާކިން ބިލްޑިންއެއް އެޅުމުގެ މަސައްކަތް ވެސް ކައުންސިލުން ކުރަމުން އަންނަކަމަށް އާޒިމްވަނީ ވިދާޅުވެފައެވެ.
ދިރާސާ ރިޕޯޓުގައިވާ ގޮތުން، މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ ހިފަހައްޓަން ފެންނަނީ 89،413 ގައެވެ. އެކަމަކު މިހާރު ވެސް މި ސަރަހައްދުގައި 119،472 އުޅަނދު ދުއްވައެވެ. މިއީ ކަނޑައަޅަން ފެންނަ ކަމަށް ދިރާސާގައި ބުނެފައިވާ އަދަދަށްވުރެ 30،059 އިތުރު އަދަދެކެވެ.