ކުޅުދުއްފުށީ ކަސްޓޯޑިއަލްގައި އަމިއްލައަށް މަރުވާން އުޅުނު މީހާއަށް ފަރުވާދެނިކޮށް މަރުވެއްޖެ

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން --

ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން އޭނާއަށް ހދ. ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މެންދުރުފަހު އޭނާ މަރުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ ކުޅުދުށްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި މީހަކު އެ ރޭ 21:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށެވެ.

އެހެންވެ، އޭނާއަށް ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެ ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން މި މަހުގެ ދެވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެއީ އެ ރަށު، މަނާޒު، ސާޖިދު ސަމީރު ކިޔާ މީހެކެވެ.

ފުލުހުން ހުކުރު ދުވަހު ބުނީ، މި ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ހާދިސާއާ ގުޅޭ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ދީފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން ވެސް ކުޅުދުއްފުށީ ޖަލުގައި ދަން ޖެހިގެން މީހަކު ވަނީ މަރުވެފައެވެ.

މީގެ އިތުރުން ފުލުހުން ބަލަހައްޓާ ކަސްޓޯޑިއަލް ޖަލެއްކަމަށްވާ ދޫނިދޫ ޖަލުގައި ވެސް މީހަކު ދަންޖެހިގެން މަރުވި މައްސަލަ މިދިޔަ އަހަރު ވަނީ ފެންމަތިވެފައެވެ.

comment ކޮމެންޓް