އަންނަ މަހުން ފެށިގެން ތައިލޭންޑަށް އެރުމުގެ ކުރިން "ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭނެ

ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާއެކު، އެ ގައުމަށް އެރުމުގެ ކުރިން ޑިޖިޓަލް އެރަވައިލް ކާޑެއް ފުރިހަމަ ކުރަން ލާޒިމުކޮށްފިއެވެ.

ތައިލޭންޑުގެ އިމިގްރޭޝަން އުސޫލަށް ގެނައި ބަދަލާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކު ތައިލެންޑަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭނެ ކަމަށެވެ.

އެއީ އޮންލައިން ފޯމެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. މި އޮންލައިން ފޯމް ފުރަން ޖެހޭނީ ދަތުރަށް ފެށުމުގެ ތިން ދުވަހުގެ ތެރޭގައެވެ.

ޚާރިޖީ ވުޒާރާއިން ބުނީ މީގެ ސަބަބުން، ރާއްޖެއާއި ތައިލެންޑާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އަދި، ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރު ވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށް ބުންޏެވެ.

އެހެންކަމުން ތައިލެންޑަށް ދަތުރުކުރައްވާ ދިވެހިން، ރާއްޖެއިން ފުރުމުގެކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ރާއްޖެއިން ބޭރުގައި އުޅޭއިރު އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް ވަނީ އެދިފައެވެ.

ތައިލޭންޑަކީ ބޭސްފަރުވާއަށާއި، ޗުއްޓީތަކަށް ގިނަ ދިވެހިން ދާ ގައުމެކެވެ. އެ ގައުމާއެކު ގުޅުން ބަދަހިކުރުމުގެ ތެރެއިން މި ސަރުކާރުން ވަނީ ތައިލޭންޑަށް ދިވެހި ސަފީރެއް ކަނޑައަޅުއްވައި، އެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ކަނޑައަޅުއްވައިފައެވެ.

comment ކޮމެންޓް