ސޮރީގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް!

މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "ސޮރީ"ގެ ޓްރެއިލަރު އާންމުކުރުމާއެކު ގިނަ ބައެއްގެ ތަރުހީބު އޮހެން ފަށައިފިއެވެ.

ނަހުލާގެ އަސަރުގަދަ ސޮރީ ދައްކަން ކައިރިވާ ވަރަކަށް ބެލުންތެރިންގެ ކެތްތެރިކަން އަންނަނީ ކޮޅުންލަމުންނެވެ. ފިލްމާ ގުޅޭ ތަފާތު މައުލޫމާތުތައް އަންނަނީ ފިލްމު ނެރުން ކައިރިވާވަރަކަށް އާންމުކުރަމުންނެވެ.

ފިލްމުގެ މަސައްކަތްތައް ނިމުމާ ގާތްވެފައިވާއިރު މިހާރު ކުރިއަށްދަނީ ފިލްމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

އެއާއެކު ދާދިފަހުން ވަނީ ފިލްމުގެ ރަސްމީ ޓްރެއިލަރާއެކު ފިލްމުގެ ޕޯސްޓަރު އަދި ލަވަތަކެއް ރިލީޒްކޮށްފައެވެ. ފިލްމުގެ ރަސްމީ ޓްރެއިލަރު އާންމުކުރުމާއެކު ޓްރެއިލަރަށް އަންނަނީ ބޮޑު މަގުބޫލުކަމެއް ލިބެމުންނެވެ.

އެގޮތުން ފިލްމުގެ ޓްރެއިލަރު ރިލީޒްކުރިތާ 24 ގަޑިއިރުގެ ތެރޭގައި ޓްރެއިލަރަށް އެއް ލައްކައަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. މިހާރު ޓްރެއިލަރުގެ ވިއުސް ދޮޅު ލައްކައާ ގާތް ކުރަނީއެވެ.

ނަހުލާގެ ފިލްމަށް ބެލުންތެރިން އިންތިޒާރުކުރަމުން އަންނަކަން މިކަމުން އެނގެއެވެ. މިއީ ނަހުލާ ކުރިން ވެސް ނެރޭ ފިލްމުތަކުގެ މަގުބޫލުކަމާ އެއްވަރު މަގުބޫލުކަމެކެވެ. ފޭނުން ތިބީ ޓްރެއިލަރު ބަލައި ފިލްމަށް ކެތްމަދުވެފައި ކަމަށް އެތައް ބަޔަކު ކޮމެންޓުގައި ބުނެފައިވެއެވެ.

ނަހުލާގެ ސޮރީ އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 17ގައެވެ.

މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއުގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި ދޮށީ ދަރިފުޅު މަރިޔަމް އީނާޝް ސިނާންގެ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހު ވެސް ފެންނާނެއެވެ.

comment ކޮމެންޓް