ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ރަނގަޅު އެއާޕޯޓުގެ އެވޯޑު، ސިންގަޕޫރުގެ ޗަންގީ އެއާޕޯޓު 13 ވަނަ ފަހަރަށް ހޯދައިފިއެވެ.
އެއާޕޯޓުގެ ހިދުމަތްތަކާއި ވަސީލަތްތަކަށް ބިނާކޮށް އެއާޕޯޓުތައް ރޭޓުކުރާ ކުންފުނި ކަމަށްވާ "ސްކައިޓްރެކްސް"ގެ އަހަރީ އެންމެ ރަނގަޅު އެއާޕޯޓުގެ ލިސްޓު ވަނީ ދާދިފަހުން އާންމުކޮށްފައެވެ.
މި ލިސްޓުގެ އެންމެ ކުރީގައި ހިމެނިފައިވަނީ ޗަންގީ އެއާޕޯޓެވެ. އެކި ފަހަރު މަތީން އެންމެ ރަނގަޅު އެއާޕޯޓުގެ މަގާމު މި އެއާޕޯޓު ހޯދި މިއީ 13 ވަނަ ފަހަރެވެ.
އެއާޕޯޓުގައި ފޫހި ފިލުވާލުމަށް އެކި ވަސީލަތްތައް ހުރުމުގެ އިތުރުން މި އެއާޕޯޓުގެ އެހެން ހުރިހާ ހިދުމަތެއްވެސް ވަރަށް ޒަމާނީ ކަމަށް ރޭޓިން އިން ހާމަކޮށްފައިވެއެވެ. މިއީ ފަތުރުވެރިން ޓްރާންސިޓު ކުރާއިރުވެސް ވަރަށް ހިތް ހަމަ ޖެހޭ މަންޒިލެއް ކަމަށް އެތައް ފަތުރުވެރިން ބުނެއެވެ.
ލިސްޓުގެ ދެވަނައިގައި ހިމެނެނީ ގަތަރުގެ ދޯހާގައި ހުންނަ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓެވެ. އަދި ތިންވަނައިގައި ހިމެނެނީ ޖަޕާނުގެ ހަނޭޑާގައި ހުންނަ ޓޯކިޔޯ އިންޓަނޭޝަނަލް އެއާޕޯޓެވެ.
މި ލިސްޓުގެ ގަދަ 20 ގައި ގިނައީ ޔޫރަޕުގެ އެއާޕޯޓުތަކެވެ. ނަމަވެސް ގަދަ ފަހެއްގައި ގިނައީ އޭޝިއާގެ އެއާޕޯޓުތަކެވެ. އެގޮތުން ހަމަދު އިންޓަނޭޝަނަލް އެއާޕޯޓު ފިޔަވާ ގަދަ ފަހެއްގައި ހިމެނެނީ އޭޝިއާގެ އެއާޕޯޓުތަކެވެ. އަދި ގަދަ ފަހެއްގައި ޖަޕާނު ދެފަހަރަށް ހިމެނިފައިވާއިރު ފަސްވަނައިގައި ހިމެނެނީ ޖަޕާނުގެ ނަތަރާ އެއާޕޯޓެވެ.
ސްކައިޓްރެކްސް އިން ދުނިޔޭގެ އެކި އެއާޕޯޓުތައް ރޭޓުކުރަނީ ފަސްތަރީންނެވެ. އެގޮތުން މި ރޭޓިން ލިސްޓުން ރާއްޖެއަށް ލިބެނީ ތިން ތަރިއެވެ. ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރޭޓިން ދާއިރާތަކުން އެންމެ މަދުން ރޭޓިން ލިބިފައިވަނީ އިމިގްރޭޝަން ހިދުމަތްތަކާއި ޓާމިނަލްގެ ފަސޭހަ ކަމުގެ އިތުރުން ޓާމިނަލްގެ ހިދުމަތްތަކަށެވެ. މި ދާއިރާތަކުގެ ގިނަ ހިދުމަތްތަކަށް ދީފައިވަނީ އެއް ތަރިއާއި އެއަށްވުރެ މަދުންނެވެ.