ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްސީވޭ-ޗާލީ އަލުން ހެދުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.
އެ މަޝްރޫއުގެ މަސައްކަތް ކުރަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ)ންއެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި 3،200 މީޓަރުގެ މި ޓެކްސީވޭ ނިމުމުން މިހާރަށްވުރެ ރަނގަޅަށް މަތިންދާބޯޓާއި ފަސިންޖަރުންނަށް ޚިދުމަތްދެވޭނެއެވެ. އެގޮތުން ފްލައިޓް ޓާން-އަރައުންޑް ވަގުތު މަދުކޮށް އޮޕަރޭޝަންސް ހަލުވި ވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަސައްކަތް ފެށުމަށް އިއްޔެ ހުޅުލޭ އައިލެންޑް ހޮޓެލްގައި ވަނީ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ފަރާތުން ޗާޖް ޑެފެއާޒް ހެ ފެން، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު، ބީޔޫސީޖީގެ ޗެއާމަން ލީ ވެއިޑޮން އަދި އެމްއޭސީއެލްގެ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވަޑައިގެންފައެވެ.

ވީއައިއޭގެ ޓެކްސީވޭ-ޗާލީ އަލުން ބިނާކުރަން ފެށި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްއޭސީއެލް
އެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވަނީ ސަރުކާރުން އެއާޕޯޓް ތަރައްގީ ކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ބީޔޫސީޖީއާއި އެމްއޭސީއެލް އެކުގައި ވީއައިއޭ ތަރައްގީ ކުރުމުގެ އެކި މަޝްރޫއުތައް ހިންގަމުންދާތާ 10 އަހަރުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެކުންފުނީގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
އިއްޔެ އަމަލީ މަސައްކަތް ފެށި ޓެކްސީވޭ-ޗާލީއަކީ ކުރީގެ ރަންވޭ އަދި މިހާރު ޓެކްސީވޭގެ ގޮތުގައި ބޭނުންކުރާ ތަނެކެވެ. މި ޓެކްސީވޭއަކީ ސުނާމީގައި ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ތަނެއްކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ މަތިމަތިން މަރާމާތު ކުރެވެމުންދިޔަސް، މި ޓެކްސީވޭ އަލުން ބިނާކުރުމުގެ ބޭނުން އޮތީ ބޮޑުވެފައި ކަމަށެވެ. އަދި އަލުން ބިނާކުރެވޭ ޓެކްސީވޭއަކީ އެމަޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ ތަނެއްކަން ފާހަގަކުރެއްވިއެވެ.

ވީއައިއޭގެ ޓެކްސީވޭ-ޗާލީ އަލުން ބިނާކުރަން ފެށި ރަސްމިއްޔާތުގައި ބީޔޫސީޖީގެ ޗެއާމަން ލީ ވެއިޑޮން ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްއޭސީއެލް
މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ބީޔޫސީޖީގެ ޗެއާމަން ލީ ވެއިޑޮން ވިދާޅުވީ އެމްއޭސީއެލްއާ އެކުގައި މަސައްކަތް ކުރެވުނު 10 އަހަރުތެރޭ ދެ ކުންފުނީގެ ގުޅުމަކީ ހަމައެކަނި ކޮންޓްރެކްޓަރަކާއި ކްލަޔަންޓަކަށްވުރެ، އިތުބާރުބޮޑު ޕާޓްނާޝިޕަކަށް ވެފައިވާ ކަމަށެވެ. އަދި ބީޔޫސީޖީގެ ކޮންމެ ޕްރޮޖެކްޓެއް ވެސް ނިންމާފައި ވާނީ ވަރަށް ރަނގަޅު ފެންވަރުގައި ކަމަށާއި، މި ޕްރޮޖެކްޓަށް ވެސް އެ ކުންފުނީގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުންގެ ޓީމެއް ނަގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ބީޔޫސީޖީން ވީއައިއޭގައި ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި:
- ކޯޑް-އެފް ރަންވޭ،
- ނޫވިލު ސީޕްލޭން ޓަރމިނަލް،
- ވީ.އައި.ޕީ / ސީ.އައި.ޕީ ޓަރމިނަލް،
- ކަރގޯ ޓަރމިނަލް އަދި
- ފިއުލް ފަރމް ހިމެނެއެވެ.

ވީއައިއޭގެ ޓެކްސީވޭ-ޗާލީ އަލުން ބިނާކުރަން ފެށި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްއޭސީއެލް
ޓެކްސީވޭ-ޗާލީއަކީ ވީއައިއޭގައި ބިނާކުރެވުނު އެންމެ ފުރަތަމަ ރަންވޭއެވެ. މި ރަންވޭ 1981 ވަނަ އަހަރު ވައިޑް ބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް ވަނީ ތަރައްގީ ކުރެވިފައެވެ. އެއަށްފަހު ރަންވޭ ދިގުކޮށް، އެތައް ފަހަރެއްގެ މަތިން މަރާމާތު ކުރެވިފައިވެއެވެ.
ވަކިން ޚާއްސަކޮށް 2004ގެ ސުނާމީއަށް ފަހު ރަންވޭއަށް ވަރަށް ބޮޑަށް ގެއްލުންވެ އަބަދު މަރާމާތު ކުރަންޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. އަދި އެތައް ދުވަހެއްގެ ޚިދުމަތަށް ފަހު އަލުން ބިނާކުރެވިގެން ދަނީ ދިވެހި ގައުމުގެ ތަރައްގީގެ ވަރަށް ގިނަ ސަފްހާތައް ދެކެފައިވާ މުހިއްމު ބިނާއެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.