ޔުއޭފާ ޔޫރޮޕާ ލީގުގެ ކްއާޓާ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާއި އޮލިމްޕިކް ލިއޯން ބައްދަލުކުރި ފުރަތަމަ ލެގު އެއްވަރު ވެއްޖެއެވެ.
ލިއޯންގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިއޯންއިންނެވެ. ނަމަވެސް ޔުނައިޓެޑުން ވެސް ވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުގެ ކުރީކޮޅު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައި ވަރަށް ހަމަހަމަ ކުޅުމެކެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ލިއޯންއެވެ. މެޗުގެ 25 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުން އެ ޓީމަށް ކާމިޔާބު ކޮށްދިނީ ތިއާގޯ އަލްމާޑާއެވެ. ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ބޭރުން ވައާތް ފަރާތުން ލިބުނު މި ހިލޭ ޖެހުން އަލްމާޑާ ޖެހުމުން ގޯލް ކުރިމަތިން ހުރަސްކޮށް ގޯލަށް ވަދެފައިވަނީ އެއްވެސް ކުޅުންތެރިއެއްގެ ގާތްގައި ނުޖެހިއެވެ. އަދި ބޯޅަ ގޯލް ކުރިމަތިން ހުރަސް ކުރިއިރު ބައެއް ކުޅުންތެރިން އެ ބޯޅައަށް ހަރަކާތް ކޮށްފައިވުމުން ޔުނައިޓެޑްގެ ކީޕާ އަންޑްރޭ އޮނާނާއަށް ވެސް ހުރީ އޮޅިފައެވެ. އަދި އޭނާ ބޯޅައަށް މޫވް ކުރެވުންލެއް ތަންކޮޅެއް ލަސްވީއެވެ.
މި ނަތީޖާގައި އޮވެ ފުރަތަަމަ ހާފު ނިމެން ދަނިކޮށް ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ލެނީ ޔޯރޯއެވެ. މިއީ އޭނާ ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
މި މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި ދަނިކޮށް ޔުނައިޓެޑުން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 88 ވަނަ މިނެޓުގައި ޖޯޝުއާ ޒާކްޒީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑާއެކު މި މެޗުން ޔުނައިޓެޑް މޮޅުވާނެކަމަށް ހީވެގެންދިޔައެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ޔުނައިޓެޑުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރި ފަދައިން މެޗުގެ އިތުރު ވަގުުތުގެ ފަސް ވަނަ މިނެޓުގައި މިފަހަރު ފެނިގެންދިޔައީ ލިއޯންއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރި ތަނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރަޔާން ޗާކީއެވެ.
މި ދެ ޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގު މި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުރޭ ކުޅުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑްގެ ދަނޑުގައެވެ.
މި މުބާރާތުގައި އެޓްލެޓިކް ބިލްބާއޯ އާއި ރޭންޖާސް ބައްދަލުކުރި ކްއާޓާ ފައިނަލްގެ ފުރަތަމަ ލެގު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.
ރޭންޖާސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓުގައި ރޭންޖާސްގެ ރޮބިން ޕްރޮޕާ އެންމެ ފަހު ކުޅުންތެރިޔާއަށް ވެހުރެ ބިލްބާއޯގެ އިނާކީ ވިލިއަމްސްއަށް ފައުލް ކުރުމާއި ގުޅިގެން އޭނާއަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ބޮޑު ބައި ރޭންޖާސްއިން ކުޅެފައިވަނީ ވެސް އެއް ކުޅުންތެރިއެއް މަދުކޮށެވެ. މި އާއެކު ވެސް ރޭންޖާސްއިން ވަނީ ބިލްބާއޯގެ ހަމާލާއަށް ދިފާއުކޮށްފައެވެ. އަދި މި މެޗު ނިމެން ގާތް ވެފައިވަނިކޮށް ބިލްބާއޯއަށް ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް ރޭންޖާސްގެ ކީޕާ ލިއަމް ކެލި ވަނީ މި ޕެނަލްޓީވެސް ދިފާއުކޮށްފައެވެ.
މި ދެ ޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބިލްބާއޯގެ ދަނޑުގައެވެ.