ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ސަރުކާރުގެ ޓެކްސީ ލައިން ފެށޭނެ: މިނިސްޓަރު އަމީން

މަޖީދީމަގުން ޓެކްސީ އެށް ދަތުރުކުރަނީ: ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ސަރުކާރުގެ ޓެކްސީ ލައިން ފެށޭނެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާތެރޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025ގައެވެ.

ޕީއެސްއެމް 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޭ މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިނަށް ބޭނުންވާ ޓެކްސީ ފޯރުކޮށްދޭނެ ބަޔަކު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ޓެކްސީ ލައިނަށް ބޭނުންވާ އެޕްލިކޭޝަން ހެދުމުގެ މަސައްކަތާއި ޓެކްސީތައް ޗާޖު ކުރާނެ ޗާޖިން ސްޓޭޝަންތައް ހެދުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ކުރަމުން އަންނަ ކަމަށް އަމީން ވިދާޅުވިއެވެ.

އަދި އުންމީދަކީ މަސައްކަތް ނިންމައި، ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި އެ ޚިދުމަތް ފެށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"...އުއްމީދަކީ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި މި [ޓެކްސީ ލައިންގެ] ޚިދުމަތް ތައާރަފުވެގެންދާނެ ކަމަށް،" އަމީން ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އަމީން ވަނީ ސަރުކާރުން ޓެކްސީ ލައިންގެ ޚިދުމަތް ފެށުމާއެކު ލިބޭނެ ފައިދާތައް ވެސް ހިއްސާކުރައްވައިފައެވެ.

އެގޮތުން ޓެކްސީގެ ޚިދުމަތް ދޭ މީހުން އަމިއްލަ ކާރުގައި ނުވަތަ ކުއްޔަށް ކާރު ނަގައިގެން ޚިދުމަތް ދޭއިރު މެއިންޓަންސް ފަދަ ކަންކަމަށް ބޮޑެތި ޚަރަދުކުރަން ޖެހުނު ނަމަވެސް ސަރުކާރުގެ ޓެކްސީ ލައިނާ ގުޅުމުން އެފަދަ ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ. ހަމައެއާއެކު އަދާކުރާ ވަޒީފާގެ އިތުރަށް ހުސްވަގުތުތަކުގައި ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ލިބޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޓެކްސީގެ ޚިދުމަތް ދިނުމުގައި އެއްވެސް ކޮންޓްރޯލެއް ނެތުމުން ޓެކްސީގެ ޚިދުމަތްދޭ އުޅަނދުތަކުގެ ފެންވަރު ދަށްވުން ފަދަ މައްސަލަތައް ދިމާވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ޓެކްސީ ލައިންގެ ބޭނުމަކީ އެފަދަ މައްސަލަތައް ހައްލުކުރުމަށް ބާރު އެޅުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށް އަމީން ވިދާޅުވިއެވެ.

ސަރުކާރުން ފަށަން ނިންމި ޓެކްސީ ޚިދުމަތުގައި ބޭނުންކުރާ ކާރެއް -- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ

އަމީން ވިދާޅުވީ އާންމުން ބޭނުންވާ ފެންވަރަށް ޓެކްސީގެ ޚިދުމަތް ދެވޭ ކަމަށްވާނަމަ މާދަމާ ވެސް ސަރުކާރަށް ޓެކްސީ ލައިން ހުއްޓާލެވޭނެ ކަމަށެވެ. ނަމަވެސް އާންމުން ބޭނުންވާ ފެންވަރަށް އެ ޚިދުމަތް ރާއްޖޭގައި ނުދެވޭ ކަމަށާއި ސަރުކާރުގެ ޓެކްސީ ލައިނާއެކު ވަރަށް ގިނަ ކަންކަން ހައްލުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ތައާރަފްކުރި މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީ ލައިނެއް ކަމަށް ވެސް އެމްޓީސީސީން މީގެ ކުރިން ބުންޏެވެ. ސައުވީސްގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތާރަފްކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް އޮވެއެވެ. އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މި ޚިދުމަތަށް ނަގާނީ މިހާރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީގައި ކަނޑައަޅާފައިވާ ގައިޑްލައިނުގައިވާ އަގުތައް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޓެކްސީގެ ޚިދުމަތް ހޯދުމަށް ހަތް ދުވަސް ކުރީން ބުކްކުރެވޭނެއެވެ. މީގެ އިތުރުން މި ޚިދުމަތަށް އިތުރު އަގެއް ވެސް ދައްކާކަށް ނުޖެހޭނެއެވެ.

މިފަހުން ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގައި ހައިވޭގެ ޓްރެފިކު ބްލޮކްކޮށްފައި: އެ މައްސަލައިގައި 22 ޓެކްސީ ޓޯކުރި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ވެސް އަމިއްލަ ޓެކްސީ ސެންޓަރުތަކުން ޚިދުމަތް ދެމުން އަންނަނީ ވަރަށް ޒަމާނީ އެޕްލިކޭޝަންތައް ބޭނުންކޮށްގެންނެވެ. ސަރުކާރުން ޓެކްސީ ޚިދުމަތް ފަށާތީ އެ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި ޓެކްސީ ޑްރައިވަރުން ވަނީ މާލޭގައި އެކަމުގެ އިހުތިޖާޖުތައް ވެސް ކޮށްފައެވެ.

ވަކިން ޚާއްސަކޮށް ސަރުކާރުން ޓެކްސީ ޚިދުމަތް ދޭންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި އެއީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ޔާމީން ވިދާޅުވީ، ޓެކްސީ ދުއްވާ މީހުންނަކީ ވަރަށް ބުރަކޮށް، ވަރަށް ގިނަ ވަގުތު މަސައްކަތުގައި އުޅޭ ބައެއް ކަމަށެވެ. އެކަން ކުރަނީ ހަމައެކަނި ފުލްޓައިމްކޮށް ޓެކްސީކުރާ މީހުން ނޫން ކަމަށާއި ދިރިއުޅުން ދަތިކަމުން ވަޒީފާތަކުގައި އުޅޭ ބައެއް މީހުން ވެސް މިހާރު ޓެކްސީކުރާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޓެކްސީ ޑްރައިވަރުންތަކެއް އިހުތިޖާޖުކުރުމުން އެ މީހުން ހައްޔަރުކޮށް، އޭގެ ތެރެއިން ބައެއް މީހުންނަށް ދައުވާކުރުމުން ވެސް ޔާމީން ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ޓެކްސީ ކުރަންޖެހޭ ސަބަބެއް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނަށް ވެސް ވިދާޅުވެނުދެއްވޭ ކަމަށެވެ.

comment ކޮމެންޓް