އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް, މުހަންމަދު ސަލާހް އެ ކްލަބްގައި އިތުރު ދެ އަހަރު މަޑު ކުރަން ނިންމާ އާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އުމުރުން 32 އަހަރުގެ ސަލާހް ލިވަޕޫލާއެކު ކުރިން ހަދާފައިވާ އެއްބަސްވުން މި ސީޒަނާއެކު ނިމުމަކަށް އަންނާނެއެވެ. ސީޒަން ދެބައިވެގެން ދިޔައިރު ވެސް ދެ ފަރާތުގެ މެދުގައި އެއްބަސްވުމަކަށް ނާދެވި އޮތުމުން ފަހަރުގައި މި އަންނަ ސީޒަންގައި އޭނާ ލިވަޕޫލުން ނުފެނިދާނެކަމުގެ ބިރު ކުރިން އޮތީ ހީވެފައެވެ. އަދި ސަލާހް މީގެކުރިން އެކިފަހަރު މަތިންވަނީ އެއްބަސްވުމުގެ ކަންތަކުގައި މާބޮޑު ކުރިއެރުމެއް ލިބެމުން ނުދާކަން ހާމަކޮށްފައެވެ.
ސަލާހް ވަނީ ލިވަޕޫލަށް މިހާތަނަށް ކުޅުނު 393 މެޗުގައި 243 ލަނޑު ކާމިޔާބު ކޮށްދީ 109 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އަދި މިއާ އެއްބަސްވުމުގެ ސަބަބުން މި އަދަދުތައް އިތުރަށް ބޮޑު ކުރުމުގެ ފުރުސަތު މި ވަނީ އޭނާއަށް ހުޅުވިގެން ގޮސްފައެވެ.
މި އާ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ސަލާހް ވަނީ އޭނާ ވަރަށް އުފާވެފައިވާކަން ހާމަކޮށްފައެވެ. އަދި ލިވަޕޫލްގައި މިހާރު ވަރަށް ވަރުގަދަ ޓީމެއް އެބައޮތް ކަމަށްވެސް އޭނާ ބުންޏެވެ.
ސަލާހް ހާމަކުރިގޮތުގައި ލިވަޕޫލްގައި ކުރިންވެސް އޮތީ ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް މިފަހަރު އޭނާ އެއްބަސްވުން އާކުރީ ކުރިއަށް އޮތް ތަނުގައި އެ ޓީމަށް އިތުރު މުބާރާތްތަކެއް ކާމިޔާބުކޮށްދީ, ހިތްހަމަ ޖެހިގެން ފުޓްބޯޅަ ކުޅުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލް ކުރެވޭތީ ކަމަށެވެ.
ސަލާހް ވަނީ ލިވަޕޫލްގައި އަށް އަހަރު ހޭދަކޮށްފައެވެ. އާ އެއްބަސްވުމާއެކު 10 އަހަރަށް ހުރެވޭނެއެވެ. އަދި ލިވަޕޫލްގައި އޭނާ ދިރިއުޅެމުންދަނީ ވަރަށް ހިތްހަމަޖެހި އުފަލުގައި ކަމަށާއި އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮށްފައިވަނީ ލިވަޕޫލްގައި ކަމަށް ސަލާހް ބުންޏެވެ.
ސަލާހުގެ އާ ކޮންޓްރެކްޓްގައި އެއްބަސްވި އަގުގެ ތަފްސީލު އަދި ހާމައެއް ނުކުރެއެވެ. މިހާތަނަށް ލިވަޕޫލުން އައީ އޭނާއަށް ހަފުތާއަކު 442,097 ޑޮލަރުގެ މުސާރައެއް ދެމުންނެވެ. އެއީ 18.2 މިލިއަން ޑޮލަރެވެ.
ސަލާހް މި ސީޒަންގައި މިހާތަނަށް ވަނީ 32 ލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދީފައެވެ. މީގެ ތެރެއިން 27 ލަނޑު ކާމިޔާބު ކޮށްފައިވަނީ އިންގްލިޝް ޕްރިމިއާ ލީގުގައެވެ. އަދި މި ސީޒަންގައި ސަލާހްގެ އެހިތެރިކަމާއެކު ލިވަޕޫލުން މަސައްކަތް ކުރަމުންދަނީ 20 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމަށެވެ.
ލިވަޕޫލަށް ތާވަލްގެ އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑެއް ލިބިފައިވުމުން އެ ޓީމަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ދެހާސް ސަތާރަ ވަނަ އަހަރު އިޓާލިއަން ސެރީއާގެ އޭއެސް ރޯމާއިން ލިވަޕޫލަށް ބަދަލުވި ސަލާހް މިހާތަނަށް ވަނީ ލިވަޕޫލާއެކު ޔުއޭފާ ޗެމްޕިއަންސް ލީގުގެ އިތުރުން ޕްރިމިއާ ލީގު، އެފް އޭ ކަޕް، ލީގު ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް, ކާމިޔާބު ކޮށްފައެވެ.
ސަލާހަކީ މި ސީޒަނާއެކު ކޮންޓްރެޓް ހަމަވާ ލިވަޕޫލްގެ މުހިންމު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވި ކުޅުންތެރިއެކެވެ. އަނެއް ދެ ކުޅުންތެރިންނަނީ ކެޕްޓަން ވާޖިލް ވެން ޑައިކް އާއި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑްއެވެ. މީގެތެރެއިން ވެން ޑައިކްގެ އެއްބަސްވުމުގެ ވާހަކަަތައް ކުރިއަށްދާކަން ހާމަވެފައިވާއިރު އެލެގްޒެންޑާ އާނޯލްޑް ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް ވަނީ އަރައިފައެވެ.