މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަމުން ދަނިކޮށް "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ, އަލީ މުޝްފިޤު ޝަރީފުގެ މަރު ސާބިތުކޮށް އަންނަ ހުކުރު ނަމާދަށް ފަހު ކަށުނަމާދު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް, އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އަދިވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ, މުޝްފިގު, ނިޔާވެއްޖެ ކަމަށް ނިންމައި, އޭނާގެ މައްޗަށް މިއަދުގެ ހުކުރު ނަމާދަށް ފަހު ޣައިބަށް ކަށުނަމާދު ކުރަން އޭނާގެ އުފަން ރަށް, ލ. މާވަށުން އިއްޔެ ވަނީ ނިންމައިފައެވެ.
ނަމަވެސް ރޭ މިނިސްޓަރު ޝަހީމް ވިދާޅުވީ ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު ގެއްލިފައިވާކަމަށް ޝަރީއަތުން ކަނޑައެޅުމުން ކަމަށެވެ. އަދި ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާއާ މެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިއަސް ގާޒީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކިވަޑައިގަންނަވާކަމަށް ރޭ ޝަހީމް ވިދާޅުވިއެވެ.
އެހެންކަމުން މިއަދު މާވަށުގައި ކުރަން ނިންމާފައި އޮތް މުޝްފިޤުގެ ކަށުނަމާދު ވަނީ ކެންސަލް ކޮށްފައެވެ.
ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މުޝްފިޤުގެ އާއިލާއާ ވާހަކަ ދައްކާފައިވާ ކަމަށާއި އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އިންޝާ ﷲ މުޝްފިޤުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާނަން. މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެއް. އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއް." ޝަހީމް ވިދާޅުވިއެވެ.
"އޭނާ ގެއްލުނު ހާދިސާއަކީ އެ ޢާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެއް. މާތް ﷲ ގެ ރަޙުމަތް ތަނަވަސް ވެގެން ވޭ."
މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރާއިރު އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލިކަން އަދި ސިފައިން ހާމައެއް ނުކުރެއެވެ.