މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަމުން ދަނިކޮށް "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ, އަލީ މުޝްފިޤު ޝަރީފުގެ މަރު ސާބިތުކުރަން ތައްޔާރުވަމުންދާއިރު، އޭނާ ހޯދުން ހުއްޓާނުލާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
އަދިވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ މުޝްފިގު, ނިޔާވެއްޖެ ކަމަށް ނިންމައި, އޭނާގެ މައްޗަށް މިއަދުގެ ހުކުރު ނަމާދަށް ފަހު ޣައިބަށް ކަށުނަމާދު ކުރަން އޭނާގެ އުފަން ރަށް, ލ. މާވަށުން އިއްޔެ ވަނީ ނިންމައިފައެވެ.
ނަމަވެސް ރޭ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު ގެއްލިފައިވާކަމަށް ޝަރީއަތުން ކަނޑައެޅުމުން ކަމަށެވެ. އަދި ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާއާ މެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިއަސް ގާޒީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކިވަޑައިގަންނަވާކަމަށް ރޭ ޝަހީމް ވިދާޅުވިއެވެ.
އެހެންކަމުން މިއަދު މާވަށުގައި ކުރަން ނިންމާފައި އޮތް މުޝްފިޤުގެ ކަށުނަމާދު ވަނީ ކެންސަލް ކޮށްފައެވެ.
އެއާއެކު ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މުޝްފިޤުގެ އާއިލާއާ ވާހަކަ ދައްކާފައިވާ ކަމަށާއި އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ސަން" އިން ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މުޝްފިގު ހޯދުން އަދިވެސް ހުއްޓާނުލާ ކުރިއަށްދާ ކަމަށެވެ. އެގޮތުން ބަލަންޖެހޭ ސަރަހައްދުތައް އަދިވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޯޓުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ އެ ރޭގެ 21:07 ހާއިރުއެވެ. އެއާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސްފައެވެ. އެ ބޯޓުގައި ރޯވި އިރު އޮތީ ތ. ކަނޑޫދޫ ކައިރީގައެވެ.
ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓު" ގައި 18 މީހުން ތިއްބެވެ. އޭގެތެރެއިން ސަލާމަތްވީ 17 މީހުންނެވެ.
އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑުން ދަނީ އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. މީގެ އިތުރުން ޒުވާނާ ހޯދުމުގެ މަސައްކަތުގައި ޑްރޯން ދަނީ ބޭނުންކުރަމުންނެވެ.
ޑްރޯންގެ އިތުރުން, އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން ޢަލީ މުޝްފިޤް ޝަރީފް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.