އަކްޝޭގެ ފިލްމަކަށް ހަޖޫ ޖެހުމުން އެކްޓަރުގެ ވަރުގަދަ ރައްދު ޖަޔާއަށް

ކުރީގެ ފިލްމީ ތަރި ޖަޔާ ބައްޗަން އަދި އަކްޝޭ ކުމާރު--ފޮޓޯ/ކޮއިމޮއި

ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރުގެ ފިލްމު "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"އަށް އިންޑިއާގެ ކުރީގެ ފިލްމީ ތަރި ޖަޔާ ބައްޗަން ހަޖޫ ޖެހުމުން އެކަމާ ގުޅިގެން ޖަޔާއަށް އަކްޝޭ ރައްދު ދީފިއެވެ.

މި މަހުގެ 18 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރާ އަކްޝޭގެ ފިލްމު "ކޭސަރީ ޗެޕްޓާ 2"ގެ ޕްރޮމޯޝަނަލް ހަފުލާއެއްގައި ނޫސްވެރިއަކު ވަނީ ޖަޔާގެ ފަރާތުން އަކްޝޭގެ 2017 ވަނަ އަހަރުގެ ފިލްމަށް ފާޑުކިޔާފައި ވާތީ އެކަމާ ގުޅިގެން އަކްޝޭ ދެކޭގޮތް އަހާފައެވެ.

އިންޑިއާ ޓީވީއަށް ޖަޔާ ދިން އިންޓަވިއުއެއްގައި ޖަޔާ ވަނީ އަކްޝޭގެ ފިލްމަށް ދީފައިވާ ނަމާ ގުޅޭގޮތުން ވެސް ފާޑުކިޔާފައެވެ. އެއީ ފިލްމަކަށް ދިނުމަށް އެކަށީގެންވާ ނަމެއް ނޫން ކަމަށާއި އެކަހަލަ ނަމެއް ދީފައިވާ ފިލްމެއް ބެލުމުގެ ޝައުގުވެރިކަމެއް ޖަޔާގެ ނެތް ކަމަށް އެ އިންޓަވިއުގައި ވަނީ ބުނެފައެވެ.

ބަތަލާ ބޫމީ އަދި އަކްޝޭ ފިލްމު "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"ގެ މަންޒަރެއްގައި--ފޮޓޯ/ކޮއިމޮއި

ޖަޔާއަށް ރައްދު ދިނުމުގެ ގޮތުން އަކްޝޭ ބުނެފައިވަނީ އެއީ އިންޑިއާގައި އާއްމުންގެ ހޭލުންތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ މައުޟޫއަކަށް ބިނާކުރި ފިލްމެއް ކަމަށެވެ.

އެ ފިލްމު ކަމުނުގޮސްގެން އެކަމާ ވާހަކަ ދައްކާނީ ވަރަށް ފީކަޅާ ވިސްނުމެއް ގެންގުޅޭ މީހުން ކަމަށް އަކްޝޭ ވަނީ "ކޭސަރީ ޗެޕްޓާ 2"ގެ ޕްރޮމޯޝަންގައި ބުނެފައެވެ.

މިހާތަނަށް އަކްޝޭގެ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"އަށް އެއްވެސް މީހަކު ފާޑު ކިޔާފައި ނުވާ ކަމަށާއި އަކްޝޭގެ "ޕެޑްމޭން" ފަދަ ފިލްމުތަކަކީ އާއްމުންނަށް ނުހަނު ބޭނުންތެރި ފިލާވަޅުތަކެއް ގެނެސްދިން ފިލްމުތަކެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ބަތަލާ ބޫމީ ޕެޑްނެކާރު މުހިއްމު ރޯލް ކުޅެފައިވާ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"އަކީ ކައިވެންޏަށްފަހު އަންހެން ކުއްޖަކު ގެއަށް ގެންނައިރު އެ ގޭގައި ފާޚާނާ ކުރާނެ ތަނެއް ވަކިން ނެތުމުން ގޭގައި ރަނގަޅު ފެންވަރުގެ ފާޚާނާއެއް ހެދުމަށް އަންހެން ކުއްޖާ ޑިމާންޑުކޮށް އެއީ ކިހާ މުހިއްމު ކަމެއްކަން އެ އަވަށުގެ މީހުންނަށް އަންގައިދިނުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.

ޖަޔާ ބައްޗަން އަކީ އިންޑިއާގައި ނެރޭ ވަރަށް ގިނަ ފިލްމުތަކަށާއި ފިލްމުތަކުގެ އެކްޓަރުންނަށް ފާޅުގައި ފާޑުކިޔާ ފިލްމީ ތަރިއެކެވެ. އެގޮތުން ފިލްމު "ރާމް ލީލާ"ގައި ރަންވީރު ސިންގް ނަށާފައިވާ ލަވައަކާ ގުޅޭގޮތުން ޖަޔާ ބުނެފައި ވަނީ، އެފަދަ ޝަޚްސިއްޔަތެއް ހުރި މީހަކާ ބައްޗަން އާއިލާގެ އަންހެން ކުއްޖަކު ކައިވެނި ކުރުވަން އޭނާ ދެކޮޅު ކަމަށެވެ.

comment ކޮމެންޓް