ހަނި ގޯޅިތައް ވެސް ތަރައްގީކޮށް، ފަސޭހަކޮށްދިނުމަކީ އަމާޒެއް: އާޒިމް

ސިޓީ ކައުންސިލްގެ މުއައްޒަފުން މާލޭގެ މަގުތައް ތަރައްގީކުރަނީ: ގޯޅިތައް ތަރައްޤީކޮށް ހިތްފަސޭހަ ތަނަކަށް މާލެ ހެދުމަކީ އަމާޒެއް ކަމަށް މޭޔަރު އާޒިމް ވިދާޅުވެއްޖެ -- ފޮޓޯ މާލެ ސިޓީ ކައުންސިލް

މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހަ ކޮށްދިނުމަށް، އެ ގޯޅިތައް ތަރައްގީ ކުރުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ކުރަމުން ދާކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ، މާފަންނު ނަލަހިޔާ ކަންމަތީ ޕޭމަންޓު އުސްކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތް ބެއްލެވުމަށްފަހުގައެވެ.

އާޒިމް ވިދާޅުވީ، މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުން، އެ ގޯޅިތަކުގެ ޙާލަތު ކައުންސިލްގެ ސަމާލުކަމަށް ގެނެސްދިނުމުން، އެ ގޯޅިތައް ތަރައްގީ ކުރުމުގެ މަސައްކަތް ކައުންސިލުން ކޮށްދޭނެ ކަމަށެވެ.

އެ ކަމުގައި ރައްޔިތުންގެ ފަރާތުން، މިހާރު ވެސް ލިބެމުންދާ އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާ ކަމަށް އާޒިމް ވަަނީ ވިދާވެފައެވެ.

އާޒިމް ވިދާޅުވީ، މާލޭގެ ބައެއް ގޯޅިތައް ހަލާކުވުމުން ވެސް މަރާމާތު ނުކޮށް އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވުމުން، އެ ގޯޅިތަކުގައި ދިރިއުޅޭ މީހުންނަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"ހަނި ގޯޅިތަކުގައި ރަނގަޅަށް ގާ އެތުރިފައިނުވާކަމާއި ހަނިގޯޅިތަކުގައި ބުޅަލުގެ ނަޖިސް ހުންނަ ކަމުގެ ޝަކުވާ ވެސް ރައްޔިތުންގެ ފަރާތުން ލިބޭ. އަދި އެ ގޯޅިތަކުގައި އަޑިގުޑަންތައް ހުރުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުއްވާ ބޭފުޅުންނަށް އަނިޔާވެ، ގެއްލުންތައް ލިބޭ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ ދަތިތަކާބެހޭ މައުލޫމާތު ސިޓީއެއް މެދުވެރިކޮށް ކައުންސިލާ ހިއްސާކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ތިޔަ ބޭފުޅުންގެ ފަރާތުން މި ފަދަ މައުލޫމާތު ލިބިއްޖެނަމަ، އެ މަގުތަކުގެ ޙާލަތު ރަނގަޅުކޮށް، ތިޔަ ބޭފުޅުންނަށް މިހާރު ދިމާވާދަތިތައް ޙައްލު ކުރުމުގެ މަސައްކަތްކުރާނެ ވާހަކަ ދަންނަވަން،'' އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކައުންސިލްގެ އަމާޒަކީ އެފަދަ ތުރާތަކުން ރައްޔިތުން ސަލާމަތްކޮށް ހިތް ފަސޭހަ މާހައުލަކަށް މާލެ ސިޓީ ހެދުން ކަމަށެވެ. އަދި މި ކަންކަން ހާސިލު ކުރުމަށް ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ގާ އެތުރުމާއި ތާރުއެޅުމުގެ މަސައްކަތްތައް އާންމުކޮށް ކުރިއަަށްގެންދެއެވެ. އެހެންނަމަވެސް ހަނި ގޯޅިތަކުގައި އުޅަނދު ދުއްވުމަށާއި، ހިނގާބިނގާވެ އުޅުމަށް ވެސް ދަތިވާވަރަށް ބައެއް މަގުތައް ހަލާކުވެފައިވާ ކަމުގެ ޝަކުވާ އާންމުން ކުރެއެވެ.

comment ކޮމެންޓް