ގދ. ފިޔޯރީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ.
ފިޔޯރީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ޢަމަލީ ގޮތުން ފައްޓަވައި ދެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުالله މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔަޑް) އަޙުމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި މަޝްރޫޢުގެ ދަށުން 35,184 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އާ ބަނދަރު ފުންކުރުމާއި، ބަނދަރަށް ވަންނަ 28,872 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުންކުރުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 2901 އަކަ މީޓަރުގެ ސަރަހައްދެއްގެ ބެކްފިލް ކުރުމުގެ އިތުރުން 82 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
އަދި 260 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 17 މަގު ބައްތި ހަރުކުރުމާއި، 4 ނެރު ބައްތި ހަރުކުރުމާއި، 66 މޫރިން ރިންގްސް ހަރުކުރުމުގެ މަސައްކަތް މި މަސައްކަތުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
އެމްޓީސީސީއިން ބުނީ މި މަޝްރޫޢަކީ 38.91 މިލިއަން ރުފިޔާގެ މަޝްރޫއެއެއް ކަމަށެވެ.

ފިޔޯރީ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި -- ފޮޓޯ/ އެމްޓީސީސީ
ފިޔޯރީއަކީ އާބާދީގައި 740 މީހުން ދިރިއުޅޭ، 80 ހެކްޓަރުގެ ތަނަވަސް ބިމެއް އޮތުމުގެ އިތުރުން ގުދުރަތީ ރީތި ސިފަތަކެއް ލިބިފައިވާ، ރަށާ އިންވެގެން އެއްފަޅެއްގައި 10 ވަރަކަށް ފަޅުރަށް އޮންނަ ރަށެއްކަން އެމްޓީސީސީން ފާހަގަކުރެއެވެ.
އެ ރަށުގައި ރަނގަޅު ފެންވަރަކަށް ދަނޑުވެރިކަން ކުރާއިރު، ރަށަށް ލަފާފުރުމަށްޓަކައި ބޭނުންކުރަނީ ޖެޓީއެކެވެ. ނަމަވެސް އެ ޖެޓީއަކީ އަތޮޅުގެ އެތެރެވަރިއާ ދިމާލަށް ހުޅުވިފައިވާ ބޮޑު ފަޅެއްގެތެރޭގައި އޮންނަ އަމާން ތަނަކަށްވުމާއެކު ލަފާފުރުމުގައި ގުދުރަތީގޮތުން އެރަށަށް ވަނީ ފަސޭހަތަކެއް ލިބިފައި ކަމަށް އެ ކުންފުނިން ބުނެއެވެ.