މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި، ފިލިޕީންސްގައި ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރަކު ޒަޚަމްވެއްޖެ

ފިލިޕީންސްގެ އެއާވޯކްސް އޭވިއޭޝަން އެކެޑަމީގެ ބޯޓެއް: އެ އެކެޑަމީގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރެއްގެ ބޮލުގައި ބޯޓުގެ ބުރަފަތިން ޖެހި ވަނީ ޒަޚަމްވެފައި -- ފޮޓޯ/ ޖެޓް ފޮޓޯސް

ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރެއްގެ ގައިގައި، މަތިންދާބޯޓެއްގެ ބުރަފަތިން ޖެހި މިއަދު ޒަޚަމްވެއްޖެއެވެ.

ފިލިޕީންސްގައި ހިނގި ހާދިސާގައި ޒަޚަމްވެފައިވަނީ ހދ. ހަނިމާދުއަށް ނިސްބަތްވާ އަބްދުލް މާނިއުއަށެވެ. އޭނާ ތައުލީމު ހާސިލުކުރަމުން އަންނަނީ އެ ގައުމުގެ އެއާވޯކްސް އޭވިއޭޝަން އެކެޑަމީގައެވެ.

އެ ހާދިސާގެ މައުލޫމާތު އެނގޭ ދަރިވަރަކު "ސަން"އަށް ބުނީ، މާނިއު މިއަދު ހެނދުނު އުދުހުން ފަރިތަކުރުމަށްފަހު ބޯޓު ޖެއްސި ވަގުތު ހޮޑުލަވައި، ބޯ އަނބުރާތީ ބޯޓުން ފޭބި ކަމަށެވެ. ނަމަވެސް އެ ވަގުތު އިންޖީން އެއްކޮށް ނުނިވޭ ކަމަށާއި، ފޭބި ވަގުތު ބުރަފަތީގައި ޖެހި ޒަޚަމްވީ ކަމަށް އެ ދަރިވަރު ކިޔައިދިނެވެ.

މާނިއުގެ އަތާއި މޫނާއި ފަޔަށް ވެސް އަނިޔާވެފައިވާ ކަމަށާއި، މިހާރު ސާޖަރީ ވެސް ހަދަމުން އަންނަ ކަމަށް އެ ދަރިވަރު ބުންޏެވެ.

ފިލިޕީންސްއަކީ ގިނަ އަދަދެއްގެ ދިވެހީން ޕައިލެޓުކަން ކިޔެވުމަށް ދާ ގައުމެކެވެ. އެގޮތުން އެ ގައުމުގެ އެކި އެކެޑަމީތަކުގައި މިހާރު ވެސް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޕައިލެޓުކަން ކިޔަވަމުންދެއެވެ.

comment ކޮމެންޓް