މިތުރާ ގަޔާވެލީ... 01

ފާރުގައި ހަރުކޮށްފައިވާ ގަޑިން ރޭގަނޑު ނުވައެއް ޖެހިކަން އިއުލާންކުރިއެވެ. މެންދުރުން ފެށިގެން ހުއްޓުމެއްނެތި ތުނިތުނިކޮށް ވާރޭ ވެހިލަވެހިލާ އޮތެވެ. ފަޒާގައިވަނީ ތެތް ފިނިކަމެވެ. އަސްކަނިން ފައިބަމުންދިޔަ ފެން، ހިމަ ރޮނގުތަކެއްހެން ގޮސް ބިންގަނޑު ތޮރުފަމުން ދިޔައެވެ. ކުދި ވިނަގަސްތަކުގެ ތެރެއިން ފުރޭނިގެން ދެމެމުންދިޔަ ފެންކޯރުތައް ނިމެމުން ދިޔައީ، ގޯތިތެރޭގައި ހައްދާފައިވާ އަނބުގަސް ހުރި ފުން ވަޅުގަނޑަށެވެ. ވަޅުގަނޑުގެ ތެރޭގައި ކެހެރިން ހަދާފައިވާ ކުޑަ މުސަޅެއް އޮތެވެ. އޭތި އޮތީ ކުލަ ވަކިނުވާ ވަރަށް ކިސަޑާއި އެކުވެފައެވެ.

އުމުރުން އަށް އަހަރުގެ ރޫބީ ހުރީ ދޮރުމަތީގައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ އަނބު ވަޅުގަނޑަށެވެ. މާޔޫސްވެފައިވާ އެކުއްޖާގެ މައުސޫމު ދެލޮލުގައި ކަރުނައިގެ އަސަރުވިއެވެ. އަނބު ވަޅުގަނޑުގެ ކައިރިއަށް ދާން ރޫބީގެ ހިތް ކިތަންމެ ފަހަރަކު އެދުނެވެ. އެހެނަސް، ދެފައި ހަރަކާތެއް ނުކުރިއެވެ. ރޫބީ ސިހުނީ އޭނާގެ ފަހަތުގައި މީހަކު ހުއްޓިލުމުންނެވެ.

"ދެން އެކަމާ ނުވިސްނާ!..." ރޫބީ ވިސްނަނީ ކޮން ކަމަކާއި ކަން ހަރީރާއަށް އެނގެއެވެ. "މިއަދުން ފެށިގެން މީ ރޫބީގެ އެއްޗެއް..." ފިނިވެފައިވާ ރޫބީގެ އަތުގެ ތެރެއަށް ހުދު ކުލައިގެ ކެހެރިން ހަދާފައިވާ ކުޑަ މުސަޅެއް ލައިދެމުން ހަރީރާ ބުންޏެވެ.

ރޫބީގެ ނަޒަރު ހުއްޓުނީ މުސަޅުގެ ކަރާއި ދިމާގައި ތަތްކޮށްފައިވާ މަޑު ފިޔާތޮށި ކުލައިގެ ކުޑަ ހިތަށެވެ. ހިތުގެ މެދުގައި ރަތްކުލައިގެ ދެ އަކުރު ލިޔެފައިވިއެވެ. ރޫބީގެ ތުންފަތަށް ވެރިވި ހިނިތުންވުން ފަނޑުވިއެވެ.

"އާރް.. ޓީ... އެކަމަކު، މީ..." ރޫބީ އެއްޗެއް ބުނަން އުޅުނެވެ.

"ދައްތައެއްނު މި ދިނީ... މިހާރު ތީ ރޫބީގެ އެއްޗެއް..." ރޫބީގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން ހަރީރާ ބުނެލިއެވެ. "ދައްތަ މި އަންނަނީ ކޮތަޅުތައް ހިފައިގެން... ކުޑަ ހިފައިގެން ނުކުންނާތި!"

ރޫބީގެ އެއް އަތުގައި ރަތްކުލައިގެ ކުޑައެއް އޮތެވެ. ހަރީރާ ދިން ކުޑަ މުސަޅު ގަޔާއި ކައިރިކޮށްލަމުން ރޫބީ ގެއިން ނުކުތެވެ. ރޫބީގެ ބުޅި އިސްތަށިގަނޑު ދެފަރާތުން ގަތާލާފައިވާއިރު، އިސްތަށިގަނޑުގެ ކޮޅު އައްސާފައި އޮތީ ރަތްކުލައިގެ ރިބަންކޮޅަކުންނެވެ. މަގުމަތީގައި ހެދިފައިވާ ފެންގަނޑު ދެފަރާތަށް ކަހަމުން ކަހަލަ ގޮތަކަށް އައިސް ގޭގެ ކުރިމައްޗަށް ހުއްޓައިލީ ޓެކްސީއެކެވެ. ރޫބީގެ އިންތިޒާރަށް ނިމުން އައެވެ.

"ދައްތާ ކާރު އައިއްސި.." ރޫބީގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

ގޭތެރެއިން ނުކުމުގެން އައި ހަރީރާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކާރަށް އެރިއެވެ. ހަރީރާގެ ފަހަތުން ކަހަލަ ގޮތަކަށް ރޫބީވެސް ކާރަށް އެރިއެވެ. މަޑު ދުވެއްޔެއްގައި، މާލޭގެ ބޮޑެތި މަގުތަކުން ދަތުރު ކުރަމުން ދިޔަ ކާރު ގޮސް ހުއްޓައިލީ ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. އޭރުވެސް ތުނިތުނިކޮށް ވާރޭ ވެހެމުންދިޔައެވެ. މަގުމަތީގައި މާބޮޑު އަލިކަމެއް ނެތެވެ. ރޫބީ އިނީ ބިއްލޫރިގަނޑުން ބޭރު ބަލާށެވެ.

"ދައްތަ މި ރޮށިކޮޅު ލާފަ އަންނަންދެން ކާރުން ނުފައިބާ މަޑުކުރޭ!" ރޫބީ ފައިބަން އުޅުމުން ހަރީރާ ބުނެލިއެވެ.

ހަރީރާ ދުވެފައި ގޮސް ރެސްޓޯރެންޓަށް ވަން މަންޒަރު ބަލަން އިން ރޫބީގެ ލޮލުގައި އަޅައިގަތީ އުއްމީދުކުރިފަދަ މަންޒަރެއް ނޫނެވެ. ދެމީހަކުވެގެން ދިހަ ވަރަކަށް އަހަރުގެ ކުޑަ ފިރިހެންކުއްޖަކު ދަމާފައި ގެންގޮސް ހަނި ގޯޅިއަކަށް ވެއްދީއެވެ. ރޫބީ ކާރުން ފައިބައިގެން އެދިމާއަށް ދުއްވައިގަތެވެ. އަނދިރި ގޯޅިއެކެވެ. ތުނިކޮށް ވެހެމުންދިޔަ ވާރޭއިން ރޫބީ ލައިގެން ހުރި އަންނައުނު ތެމެމުން ދިޔައެވެ. ފިރިހެންކުއްޖާ އޮތީ މަގުމަތީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ކައިރީގައެވެ. އެކަކު އެކުއްޖާގެ ދެއަތުގައި ހިފައިގެން ހުރިއިރު، ކައިރީގައި ވަޅި ހިފައިގެން ހުރި މީހާ މަސައްކަތް ކުރަމުން ދިޔައީ އެކުއްޖާގެ ގަޔަށް ވަޅި ހަރާލާށެވެ.

"އޭތް!" ރޫބީ އޭނާގެ އަތުގައި އޮތް ކުޑަ މަޅައިލިއެވެ. "މީހެކޭ!... މީހެކޭ!"

ދެމީހުން ރޫބީއާއި ދިމާއަށް ދުއްވައިގަތެވެ. ސަލާމަތްވާން ރޫބީ އޭނާގެ އަތުގައި އޮތް ކުޑަ އާއި މުސަޅު އެމީހުންނާއި ދިމާއަށް ހޫރައިލިއެވެ. ދެމީހުންގެ އަތުގައި ނުޖެހެން ރޫބީ ދުއްވައިގަތެވެ. ވަގުތަކީ ހަރީރާ އާއި ކާރު ޑްރައިވަރު ރޫބީއަށް ގޮވަމުން ގޯޅި ތެރެއަށް ވަން ވަގުތެވެ. ސަލާމަތް ނުވާނެކަން އެނގުމުން، ރޫބީގެ ފަހަތުންދިޔަ ދެމީހުން ދުވެ ފިލިއެވެ.

ރޫބީ ދުވެފައި ގޮސް ފިރިހެންކުއްޖާގެ ކައިރީގައި ހުއްޓުނެވެ. އެކުއްޖާ އަޅައިގެން އޮތް އައިނުގެ އެއް ފަރާތް އޮތީ ތެޅިފައެވެ. ލޯ ހުޅުވެނީ ކިރިޔާއެވެ. ނޭފަތުން އަންނަމުންދިޔަ ލޭތައް، ވާރެއާއި އެކުވެގެން މަގުމަތީގައި ހެދިފައިވާ ފެންގަނޑާއި އެކުވަމުން ދިޔައެވެ. ފިރިހެންކުއްޖާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ، ރޫބީގެ ފައިތިލައިގައިވާ ބޮޑު ލަކުނެވެ. ލޯ މެރެމުންދިޔަ ވަގުތު ރޫބީ ތިރިވެ، އެކުއްޖާ ނެގިކަން އޭނާއަށް އެނގުނެވެ. ދެލޯ ފުސްވެ، އޭނާއަށް ރޫބީގެ މޫނު ފެނުނީ ފުސްކޮށެވެ.

"މަރުނުވައްޗޭ! ޕްލީޒް.... މަރުނުވައްޗޭ!..." ރޫބީގެ ހަށިގަނޑު ބިރުން ތުރުތުރުއަޅައެވެ. އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ.

"އައިޝާ!..." ހަރީރާ ދުވެފައި ގޮސް ރޫބީ ނެގިއެވެ.

20 އަހަރު ފަސް

ނަވާރަ އަހަރު ފަހުން މާލޭގެ ފަސްގަނޑުގައި ފައި ޖެހުމުން، ރޫބީއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ހަރީރާ ނިޔާވުމުން ރޫބީ ރަށަށް ބަދަލުވީ، އޭނާ ބަލާނެ އިތުރު މީހަކު މާލޭގައި ނެތުމުންނެވެ. ރަށުގައި ހުރި މުސްކުޅި މާމަ ފިޔަވައި ރޫބީ ބަލާނެ އެކަކުވެސް އޭރު ދުނިޔޭގައި ނެތެވެ. ރޫބީއަކީ ބައްޕަ ކަށަވަރު ނުވާ ކުއްޖެއްކަމުން، ލިބުނީ ހަމައެކަނި މައެއްގެ ލޯތްބެވެ. އެވެސް ކުޑަ ދުވަސްކޮޅަކަށެވެ. ރޫބީގެ މަންމަ ނިޔާވިއިރު، އެއްބަނޑު ދައްތަ ހަރީރާއަށްވެސް ދަރިއަކު ލިބިއްޖެއެވެ. ހަރީރާ ރޫބީ ގެންގުޅުނީ އަމިއްލަ ދަރިއަކަށް ދޭނެހައި ލޯބި ދީގެންނެވެ. މާމަ ނިޔާވުމުން، ރޫބީ މާލެ އައުމަށް ދައުވަތު ދިނީ ހަރީރާގެ ދަރިފުޅު ނަޖާތުއެވެ.

ޓެކްސީ ހުއްޓުމުން ރޫބީ ކާރުން ފޭބިއެވެ. ދޮރާށި ހުރީ ކުޑަކޮށް ހުޅުވިފައެވެ. ދޮރު ބޮޑަށް ހުޅުވައިލުމުން ކީ، ކުރަކި އަޑެކެވެ. ގޯތިތެރެއިން ފެނުނީ ފަޅުކަމެވެ. ހިކި ފަތްތަކުން ބިންގަނޑުވެސް ނުފެނެއެވެ. ހަރީރާ ދުނިޔޭގައި ހުރިއިރު، ހެއްދި ބަގީޗާ ގަސްތަކެއް ނެތެވެ. އިމާރާތް ވަނީ ބާވެ، ވީރާނާވާން ކައިރިވެފައެވެ. ގޯތިތެރޭގެ އެކި ތަންތަނަށް ބަލަމުން ދިޔަ ރޫބީގެ ފިޔަވަޅުތައް ހުއްޓުނީ އަނބުގަސް ހައްދާފައިވާ ވަޅުގަނޑާއި ހަމައިންނެވެ. ވަޅުގަނޑު ފުރިފައިވީ ހިކި ފަތްތަކުންނެވެ. ގަހުގައި ދިރުމެއް ނެތެވެ. ބޮޑު އަނބުގަސް ހުރީ، މަރުވެގެން ހިކިފައެވެ.

"ޕޮއް..." ފަހަތުން މީހަކު ޖެހިގަތުމުން ރޫބީ ދިޔައީ ސިއްސައިގެންނެވެ.

"ނަޖާ!" ނަޖާތު ފެނުމުން، ރޫބީއަށް އުފަލުން ބައްދައިލެވުނެވެ.

"އޭރުވެސް ހީވިޔޭ މިގެއަށޭ އަންނާނީ... އަޅެ ގުޅާލިނަމަ، އެކަމަކު މީ މަގޭ މައްސަލަ.." ނަޖާތު އަމިއްލަ ބޮލުގައި އަތުން ޖަހައިލިއެވެ. "އުޅެންޖެހުނު ގޮތުން އެޑްރެސް ފޮނުވަން ހަނދާންނުވީ... ހިނގާ ދާން.. ޓެކްސީއެއްގަ މިއައީ"

"މިގެ..." ރޫބީ އެއްޗެއް ބުނަން އުޅުނެވެ.

"ގެ ވިއްކާލާފަ، އެހެން ގެއެއްގަ މިހާރު އުޅެނީ... މިތަން ގަން މީހުން ވަރަށް އަވަހަށް މަސައްކަތް ފަށާނެކަމަށް ވަނީ" ރޫބީ އަހަން އުޅުނީ ކީކޭކަން އެނގުމުން، ނަޖާތު ބުނެލިއެވެ.

********

ގޭތެރޭގައި ދެކޮޅަށް ހިނގަހިނގާ ހުރި ފަލާހާގެ މޫނުން ފެންނަމުންދިޔައީ ނުތަނަވަސްކަމެވެ. ދޭތެރެއަކުން ގެއިން ބޭރަށް ނުކުމެ، ބޭރު ބަލައިލައެވެ. ފަލާހާ އިންތިޒާރު ކުރަމުންދިޔައީ އޭނާގެ ދެ ދަރިން ގެއަށް އަންނާނެ ވަގުތަކަށެވެ.

"އަދިވެސް އެކުދިން ނާދޭ؟ ބައްޕަ މިހާރު ކޮން އިރެއް އިންތިޒާރު ކުރާތާ..." ނާޝިޒް ފޯނު ނެގިއެވެ. "ފަލާ ރޭގަ ނުބުނަންތަ މިއަދު ބައްޕަ އަންނަ ވާހަކައެއް؟"

ދެތިން ރިންގާއި އެކީ އިބާ ފޯނު ނެގިއެވެ. އިބާއަކީ ފަލާހާއާއި ނާޝިޒްގެ ތިބި ދެ ދަރިންގެ ތެރެއިން ހަގު ދަރިއެވެ. އުމުރުން ސަތާރަ އަހަރުގެ އިބާ އުޅެނީ އުމުރަށްވުރެ ދޮށީވެގެންނެވެ. ވަޒީފާއަށް ދެއެވެ. ކިޔަވައެވެ. އެހާ ޅައުމުރުގައި ވަޒީފާއަށް ދިޔުމަކީ ނާޝިޒް މާ ރުހޭ ކަމެއް ނޫނެވެ. ނާޝިޒްގެ އާއިލާއަކީ ފުދިގެން އުޅޭ ތަނަވަސް ބައެކެވެ. އަމިއްލަ ވިޔަފާރި ހިންގައެވެ. މާލޭގައި ބޮޑު ގެއަކާއި ބިމެއް އޮވެއެވެ. އިބާ ވަޒީފާއަށް ނުގޮސް ގޭގައި ހުރި ނަމަވެސް، އިބާއަށް ބޭނުން ވަރަކަށް ހަރަދުކުރަން ފައިސާ ލިބޭހައި އެ އާއިލާ ތަނަވަހެވެ. އެހެނަސް، އިބާ ކުރަން ބޭނުންވާ ކަމަކަށް ހުރަސްއަޅަން ބޭނުންނުވާތީ، ނާޝިޒް އެއްޗެއް ނުބުނެ ހުންނަނީއެވެ.

"ގެއަށް މި ވަންނަނީޔޯ..." ފޯނު ތިރިކޮށްލަމުން ނާޝިޒް ބުންޏެވެ.

"އިކާން ނުނަގާ ފޯނެއް..." ފަލާހާ ގުޅީ އެމީހުންގެ ދޮށީ ދަރިފުޅަށެވެ.

ގެއަށް ވަންއިރު، އިކާން ހުރީ ދާހިއްލާ ފޯވެފައެވެ. އެންމެން ސިޓިންގްރޫމުގައި ތިބި ތަން ފެނުމުން، އިކާންއަށް އަވަސް އަވަހަށް ފޯނު ބަލައިލެވުނެވެ. ފަލާހާ ގުޅާފައި އޮތްކަން އިކާންއަށް ނޭނގުނީއެވެ. އިކާން ފެނުމުން، އަސްލަމް ސޯފާއިން ތެދުވިއެވެ. އަސާގަނޑުގެ އެހީގައި، މަޑުމަޑުން އިކާން އާއި ދިމާއަށް ހިނގައިގަތެވެ. ބޫޓާއި އިސްޓާކީން ބާލާފައި އިކާންވެސް އަވަސް އަވަހަށް އަސްލަމްގެ ކައިރިއަށް ދިޔައެވެ.

އަސްލަމްގެ ނަޒަރު އިކާންގެ ފައިން ފެށިގެން މޫނަށް ހުއްޓުނެވެ. ރާއްޖެއިން ބޭރުގައި އުޅެފައި އައި އަސްލަމްއަށް އޭނާގެ ކާފަ ދަރިފުޅު ފެނުނީ ހަ އަހަރު ފަހުންނެވެ. ހަ އަހަރު ތެރޭގައި އިކާންއަށް އައިސްފައިވާ ބޮޑު ބަދަލު ފެނި އަސްލަމް ހުރީ ހައިރާންވެފައެވެ. އިކާން ބޮޑުވެ، ޒުވާނަކަށް ވެއްޖެއެވެ. އުމުރުން ތިރީސް އަހަރުގައިވެސް އިކާން ފެންނަނީ އުމުރަށްވުރެ ހަގުކޮށެވެ. ގުދުރަތީ ގޮތުން އިކާންއަށް ލިބިފައިވާ ފިރިހެންވަންތަ ހަށިގަނޑު އިތުރަށް ފުރިހަމަވެފައިވީ، ގަވާއިދުން ކަސްރަތުކޮށް ބަލަހައްޓާފައިވާތީއެވެ. އަސްލަމް އިކާންދެކެ އިންތިހާއަށް ލޯބިވެއެވެ. އިކާންގެ ކަންކަމަށް އޭނާއަށް އިސްކަންދެވެއެވެ. ފުރަތަމަ ކާފަ ދަރިފުޅަށްވުމުން ހެއްޔެވެ؟ ނޫނީ ފިރިހެން ދަރިއަކަށްވުމުން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބެއް ހުދު އަސްލަމަށްވެސް ނޭނގެއެވެ.

"ކާފާ!..." އިކާން އުޅުނީ އަސްލަމްގެ ގައިގައި ބައްދައިލާށެވެ. އަސްލަމް އަތުގެ އިޝާރާތުން ދުރުގައި ހުރުމަށް އެންގިއެވެ.

"މަންމަ ނުބުނޭތަ ކާފަ އަންނަ ވާހަކަ؟" އަސްލަމް ދެބުމަ ގޮށްޖަހައިލިއެވެ. އެހާ ދުވަސްކޮށްފައި އަސްލަމް އައުމުންވެސް ކާފަ ދަރިންގެ ފަރާތުން އެދެވޭ މަރުހަބާއެއް ނުކިޔުމުން އަސްލަމަށް ޝަކުވާ ކުރެވުނެވެ.

"ސޮރީ ކާފާ... މަންމަ ބުނި، އެކަމަކު، ޖިމްއަށް ގޮއްސަ މިއާދެވުނީ އަދި.." އިކާން ތަފްސީލް ދިނެވެ.

"ދެން އޮންނާނީ އަދަބު... ކާފަ މިކޮޅުގަ ހުއްޓާ މީހަކާ އިނުން" އަސްލަމް ފާޑަކަށް ހިނިތުންވެލަމުން ގޮސް ސޯފާގައި އިށީނެވެ.

ސޯފާގައި އިން އިބާ އިކާން އާއި ދިމާއަށް ދޫ ނެރެފައި ވައްތަރެއް ޖައްސައިލިއެވެ. އަސްލަމް ކުރަން ނިންމައިފި ކަމެއް ކޮށްފައި ނޫނީ ހުއްޓައިނުލާނެކަން އިބާއަށް އެނގެއެވެ. އިކާން ދެފަރާތަށް ބޯ ހޫރައިލިއެވެ. އިކާން ނުރުހޭ ގޮތަކަށް ކަމެއް ވެއްޖެނަމަ، އިބާއަށް މަޖާވެއެވެ. އިކާން ވަކި ކުއްޖަކާއި ނޫނީ ކައިވެނި ނުކުރާން ހުރިކަން އެންމެ ރަނގަޅަށް އެނގޭ މީހަކީ އިބާއެވެ. އިކާން އާއި ދިމާކޮށް ސަކަރާތްޖެހުމަކީ އިބާ އެންމެ ކުރާހިތުން ކުރާ އެއް ކަންތަކެވެ.

"އެކުއްޖަކާ ދިމާވީމަ ކައިވެނިވެސް ކުރާނަމޭ ކާފާ.." އިކާން އުޅުނީ އަސްލަމް ރުއްސާށެވެ.

"ކާފައަށް އެނގޭތަ، ދޮންބެ މެރީކުރަން އުޅެނީ އިމޭޖިނަރީ ގާލް..." އިބާގެ ޖުމުލަ ފުރިހަމަނުވަނީސް، އިކާން އިބާގެ އަނގަމަތީގައި އަތް އެޅިއެވެ.

"އެހާ ދުވަސް ވަންދެން ކާފަ ދުނިޔޭގަ ހުންނާނެކަމެއް އެނގޭތަ؟" އަސްލަމް އިނީ އިކާންގެ ދެލޮލަށް ބަލަހައްޓައިގެންނެވެ.

"ތިކަހަލަ ވާހަކަ ނުދައްކާ ކާފާ!" އިކާން އަވަސް އަވަހަށް ބުނެލިއެވެ.

"ދޭ ގޮސް ފެންވަރައިގެން އާދޭ! ބާކީ ވާހަކަ ދެއްކޭނީ އޭގެ ފަހުން..." އަސްލަމް އެދުނެވެ.

އިކާން ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވީ އިކާންއަށެވެ. ދޮރު ހުޅުވާލާ ވަގުތު އިކާންއަށް ވެދާނެ ގޮތަކާއިމެދު އެންމެ ބޮޑަށް ވިސްނުނީ ފަލާހާއަށެވެ. އޭނާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

"އެކުއްޖާ ފެންނައިރަށް ދޮންބެ ފެއިންޓް ވާނެ..." އިބާ ހީގަތެވެ.

ފަލާހާ އިބާގެ ކޮނޑުގައި ޖެހިގަނެފައި ހުއްޓުވިއެވެ. އަސްލަމަށް ގަދަރުކުރަން ފަލާހާ އޭނާގެ ދަރިންނަށް އަބަދުވެސް ބުނެދެއެވެ.

"ގުޑްލަކް ދޮންބޭ..." އިބާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

ކޮޓަރީގެ ދޮރު ހުޅުވައިލުމާއިއެކު، އިކާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އިކާންގެ ކަބަޑު ކައިރީގައި އަންހެންކުއްޖަކު ހުއްޓެވެ. ދޮރު ހުޅުވައިލި އަޑު އިވުމުން، އެކުއްޖަކު އިކާން އާއި ދިމާއަށް އެނބުރި ބަލައިލިއެވެ. އެއީ އޭގެ ކުރިން އިކާން ދެކުނު ކުއްޖެއް ނޫނެވެ. އިކާން ބާރަކަށް ދޮރުޖަހާފައި އެނބުރި އައިކޮޅަށް ހިނގައިގަތެވެ. އިކާންގެ މޫނުމަތި ހުރިގޮތުން އިބާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އޭނާ އަވަސް އަވަހަށް ފަލާހާގެ ފުރަގަހަށް ވަދެ ފިލިއެވެ.

********

"މިއޮތީ ޖޮބް ހަމަޖެހުނުކަމުގެ ލިޔުން..." ނަޖާތު ދިއްކޮށްލީ ކަރުދާސްގަނޑެކެވެ. "މާލެ އައިސް ހަފްތާއެއްވީނު ތިހެން އޮންނަތާ!... ޖޮބް ހޯދިގޮތެއް ބަލާނެކަމެއް ނެތް.... މާދަމާ ނުކުންނަންވީ!"

"ހާދަ އަވަހަށް..." ރޫބީގެ މޫނުން ފެނުނީ އުފާވެރިކަމެވެ.

"އަވަހެއް ލަހެއް ކިޔާނެކަމެއްނެތް... ރަނގަޅު ކޮމްޕެނީއަކުން ޖޮބްގަނޑެއް ލިބުންކަންވެސް ނަސީބެއްނު... ބަރާބަރު ގަޑިއަށް ދާތި!... ނާތުއަށް އެގަޑީ ނުދެވޭނެ ޑްރޮޕްކޮށްދޭކަށް... ހާސްނުވޭ! ހިނގާފަ ދާން މާ ދުރެއް ނުވާނެ! އެކަމަކު، ފުރަތަމަ ދުވަސްކޮޅު ޓެކްސީއެއްގަ ގޮސްލާ!" ޓެކްސީ ހޯދުމަށް ކަންތައްކުރަންޖެހޭ ގޮތް ނަޖާތު ކިޔައިދިނެވެ. ފަހުން ދޭގޮތަށް އެވަގުތަށް ބޭނުންވާނެ ވަރަށް ފައިސާވެސް ދިނެވެ.

ގަޑިޖެހުމުގެ ބައިގަޑިއިރު ކުރިން ރޫބީ ހުރީ ދޮރާށި ކައިރިއަށް ނުކުމެއެވެ. ނަޖާތު ބުނިގޮތަށް ކާރު ހޯދުމަށް ތައްޔާރުވެގެންނެވެ. ކުރިމަތިން އައި ކާރު ފެނުމުން، ރޫބީ އަތް އުފުލައިލިއެވެ. ހަނާ އަޅައިލިއެވެ. ނަޖާތު ބުނިގޮތަށް ކާރެއް ނުހުއްޓިއެވެ. މާލޭގައި ކާރު ހޯދުމަކީ ކިހާ އުނދަގޫ ކަމެއްކަން ނަޖާތު އޮތީ ބުނެދީފައެވެ. ދެވަނަ އުކުޅު ބޭނުންކުރަންޖެހުމުން، ރޫބީ ކުޑަކޮށް ޖެހިލުންވިއެވެ. ހިތްވަރުކޮށްފައި ކުއްލިއަކަށް ކާރުގެ ކުރިމައްޗަށް އެރިއެވެ. ކާރު ހުއްޓުމުން، ރޫބީ ދުވެފައި ގޮސް ދޮރު ހުޅުވަން އުޅުނެވެ. ދޮރު ނުހުޅުވުމުން، ރޫބީ ދެލޯ ޖަހައިގެން އެތެރެ ފެނޭތޯ ބަލަން ފެށިއެވެ.

"ދަންނަ ކުއްޖެއްތޯ؟" ޑްރައިވަރު ސުވާލުކުރީ ފަހަތު ޝީޓުގައި އިން އިކާންއަށެވެ.

އިކާންގެ ނަޒަރު އަތުގައި އޮތް ފޯނުން ވަކިކޮށް، ކުރިމަތީގައި ހުރި ޒުވާން އަންހެން ކުއްޖާގެ މޫނަށް ހުއްޓައިލިވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު