އައިޔޫއެމް "ސަނާބިލް" އިމާރާތުގެ މަސައްކަތް ފަށައިފި

އައިޔޫއެމް ސަނާބިލް މަޝްރޫއުގެ ބިންގާ އެޅުން: ފޮޓޯ/ ރައީސް އޮފީސް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ 'ސަނާބިލް' އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަމަށް ޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި، ސަނާބިލް އިމާރާތުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އައިޔޫއެމްގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރެވެ.

އައިޔޫއެމް ސަނާބިލް މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

'ސަނާބިލް' އިމާރާތަކީ އަށް ފަންގިފިލާއަށް އިމާރާތްކުރާ، ޒަމާނީ ފެސިލިޓީތައް ހިމެނޭ އިމާރާތެކެވެ. މި އިމާރާތުގައި އޮޑިޓޯރިއަމާއި ހޯލާއި ލެބޯޓްރީތަކާއި ކްލާސްރޫމްތައް އަދި އޮފީސް ޖާގަތައް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ ސަނާބިލްގެ މަގުސަދަކީ އައިޔޫއެމަށް ފައިނޭންސް ހޯދުން ކަމުގައިވީ ނަމަވެސް، އެ އިމާރާތް ޔުނިވާސިޓީގެ ބޭނުމަށް ވެސް ބޭނުންކުރެވޭނެ ކަމަށް ދެކޭ ކަމަށެވެ. އެއާއެކު އައިޔޫއެމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެކަން އަލީ ޒާހިރު ފާހަގަ ކުރެއްވިއެވެ.

މިސަރުކާރު ވެރިކަމަށް އައުމުން ސަނާބިލް މަޝްރޫއުގެ މަސައްކަތްތައް ހަލުވިވެފައި ވާކަން ފާހަގަކުރައްވާ އޭނާ ވަނީ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެ މަޝްރޫއަކީ ވަރަށް ގިނަ ބައެއްގެ ދުވަސްވީ އުންމީދެއް ކަމަށާއި، އެހެން ކަމުން އެ ކަމުގައި އެއްބާރުލުން ދެއްވައި، މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް ޑރ. އަލީ ޒާހިރުވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އައިޔޫއެމް ސަނާބިލް މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އިސްލާމިކް ފައިނޭންސް މޮޑެލްގެ ދަށުން ސުކޫކް ވިއްކައިގެން ބިނާ ކުރެވޭ މި އިމާރާތަށް އިންވެސްޓުކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކުންނެވެ. ސަނާބިލް ސުކޫކަށް އެއްފަހަރާ ސަބްސްކްރައިބް ކުރުމާއެކު، ބީއެމްއެލް އިސްލާމިކް ވެފައިިވަނީ އިދާރާއަކުން ދޫކުރި އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމަންޓަކަށް އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަރީފް ވިދާޅުވީ ސަނާބިލް އިމާރާތަކީ މުސްތަގުބަލުގައި އިލްމީ، އަދި އިސްލާމީ ވަހުދަތުގެ މައްޗަށް ބިނާވެފައިވާ، ތެދުވެރި ލީޑަރުން އުފައްދާނެ މަރުކަޒަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ އައިޔޫއެމްގެ ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން، ބީއެމްއެލުން އިންވެސްޓުކޮށްފައި ވަނީ، އިލްމީ، އަޚުލާގީ އަދި އިގުތިސާދީ ގޮތުން ވަރުގަދަ ރާއްޖެއެއް ބިނާކުރުމުގައި އެހީތެރިވެ ދިނުމަށް ކަމަށެވެ.

މިއީ 2004ވަނަ އަހަރު ކުއްލިޔަތުއް ދިރާސަތުލް އިސްލާމިއްޔާ ވުޖޫދުވި ފަހުން، އައިޔޫއެމަށް ނިސްބަތްވެގެން ބިނާކުރެވޭ ފުރަތަމަ އިމާރާތެވެ.

އަދި އިސްލާމިކް ފައިނޭންސް މޮޑެލްގެ ދަށުން ސުކޫކް ވިއްކައިގެން ރާއްޖޭގައި ކުރެވޭ އެންމެ ފުރަތަމަ ބިނާ ވެސްމެއެވެ. އެ ބިން އައިޔޫއެމަށް ރެޖިސްޓްރީކޮށްފައިވަނީ 11 ޖުލައި 2019ގައެވެ.

comment ކޮމެންޓް