މިސައިލް ފޮނުވުމުގެ ގާބިލުކަންހުރި މަނަވަރެއް (މިސައިލް ބޯޓެއް) ދިވެހި ސިފައިންގެ ޚިދުމަތަށް ތައާރަފު ކުރަނީ، އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަން ދަމަހައްޓައި، މެންބަރު ގައުމެއްގެ ހައިސިއްޔަތުން އޮތް ދައުރު އަދާކުރުމުގައި ޒިންމާދާރު ބަޔަކަށްވުމަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ތުރުކީވިލާތުގެ ނޫހެއް ކަމަށްވާ 'ޓާކިޔޭ ޓުޑޭ'ގައި ބުނެފައިވަނީ TCG ވޮލްކަން (P-343)ގެ މިސައިލް ބޯޓެއް އެ ގައުމުން ރާއްޖެއަށް ހަދިޔާކުރަން އުޅޭ ކަމަށެވެ.
އެ ގައުމުގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ އެ ނޫހުން ބުނީ، އެ ބޯޓު ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއާ ތުރުކީވިލާތާ ދެމެދު ގާއިމުކޮށްފައިވާ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
އެއީ ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ވަސީލަތް ފޯރުކޮށްދިނުމާއި އަސްކަރީ ތަމްރީނު ދިނުމާގުޅޭ އެއްބަސްވުމެކެވެ.
މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން، ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލްކަން ހުރި ބައަކަށް ސިފައިން ހެދުމާއި، ކޯސްޓްގާޑުގެ ގާބިލްކަން ދެގުނަ ކުރުމަކީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަނޑުދަނޑިއެއް ކަމަށެވެ.
ސިފައިން ގާބިލްކަން އިތުރު ކުރުމަށް ނެގުނު މި ފިޔަވަޅަކީ، ރައީސްގެ ލަނޑުދަނޑިއަށް ވާސިލުވުުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެ ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނީ، މިއީ ރަހުމަތްތެރި ގައުމަތަކާ ގުޅުންބަދަހި ކުރުމުގެ ނަތީޖާ ކަމަށެވެ.
މި އުޅަނދު ރާއްޖެ ގެނެސް، އޮޕަރޭޓު ކުރަން ތައްޔާރުވުމުގެ ގޮތުން، ތުރުކީވިލާތުގައި ދިވެހި ސިފައިން ތަމްރީނުވަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އަދި ސިފައިންގެ ޚިދުމަތަށް އިތުރު ކުރެވޭ މި ގާބިލް ކަމަކީ، ގާނޫނު އަސާސީއާއި ސިފައިންގެ ގާނޫނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަނީ ބުނެފައެވެ.
ޓީސީޖީ ވޮލްކަން (P-343)އަކީ 1981ވަނަ އަހަރު ތުރުކީވިލާތުން ބޭނުންކުރަން ފެށި އަސްކަރީ އުޅަނދެކެވެ. އޭގެ ފަހުން 2024ވަނަ އަހަރު އެ ބޯޓު ބޭނުންކުރަން ފެށީ ތަމްރީނުތަކަށެވެ.
ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތަށް ތުރުކީވިލާތުން ވަނީ ދެ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) މިދިޔަ އަހަރު ގެނެސްފައެވެ. އެއާއެކު ވަނީ ސިފައިންގެ އެއާކޯގެ ޚިދުމަތް ވެސް ގާއިމްކޮށްފައެވެ.
ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ވެސް ތުރުކީވިލާތަށެވެ.