މޯލްޑިވިއަންއަށް އިތުރު އެއާބަސް ބޯޓެއް ހޯދަން އަލުން އިއުލާނުކޮށްފި

މޯލްޑިވިއަންގެ އެއާބަސް އޭ-330: މޯލްޑިވިއަންއަށް އިތުރު އެއާބަސް ހޯދަން ވަނީ އިއުލާނުކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ގައުމީ އެއާލައިން، މޯލްޑިވިއަންއަށް އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އިއްޔެ އިއުލާނުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ވަނީ އެއާބަސް އޭ 330-200 މަރުކާގެ މަތިންދާބޯޓެއް ހޯދުމަށް އިއުލާނުކޮށްފައެވެ. މި މަތިންދާބޯޓު ހޯދަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މީގެ ކުރިން ފެބްރުއަރީ 6، 2025ގައި ވެސް އެއާބަސް ހޯދަން އިއުލާނުކުރިއެވެ. ނަމަވެސް އެ އިއުލާނު ބާތިލުކުރުމަށްފަހު މިވަނީ އަލުން މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފައެވެ.

މަތިންދާބޯޓު ހޯދުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

މަތިންދާބޯޓުގައި ހުންނަންޖެހޭ ބައެއް ޝަރުތުތަކުގެ ތެރޭގައި ބިޒްނެސް ކްލާހުގައި މަދުވެގެން 20 ސީޓު ހުންނަންޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ.

ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމުގެ ގޮތުން އިތުރު އެއާބަސްއެއް ހޯދަން އިއުލާނުކުރިއިރު، ޖެނުއަރީ 6، 2025ގައި މޯލްޑިވިއަންގެ އާ ވައިޑްބޮޑީ މަތިންދާބޯޓު ވަނީ ރާއްޖެ ގެނެސްފައެވެ. މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައީ އެއާބަސް އޭ-330 އެއާކްރާފްޓެކެވެ. މިއީ އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭ މަތިންދާބޯޓެކެވެ.

https://sun.mv/201053

މިއަހަރު އިތުރު ހަތް މަންޒިލަކަށް ދަތުރުތައް ފަށަން މޯލްޑިވިއަންއިން ނިންމާފައިވާއިރު، ޗައިނާގެ ތިން ސިޓީގެ އިތުރުން، ސައުތު އެފްރިކާގެ ޖޮހޭނަސްބާގާއި ޔޫރަޕްގެ ތިން ސިޓީއެއް ހިމެނެއެވެ. އޭގެ ތެރެއިން ޗައިނާގެ ޗެންގްޑޫއިން ވަނީ ޖެނުއަރީ 21، 2025ގައި ރާއްޖެއަށް ދަތުރުތައް ފަށައިފައެވެ.

މީގެ ކުރިން މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޭނުންކޮށްގެން ޗައިނާ އާއި ސައުތު އެފްރިކާއަށް ދަތުރުކުރިއެވެ. ނަމަވެސް، އޭރު ގެންގުޅުނީ ދިގު ދަތުރުތައް ކުރެވޭ ވަރުގެ ބޯޓުތަކަކަށް ނުވުމުން ދަތުރުތައް ކުރީ އެހެން މަންޒިލްތަކަށް ޓްރާންސިޓް ކޮށްގެންނެވެ.

މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު ހިމެނެއެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.

މޯލްޑިވިއަނުން މި ވަގުތު ދަތުރުކުރަނީ ރާއްޖޭގެ 16 މަންޒިލަކާއި އިންޑިއާގެ ތިން ސަރަހައްދަކާއި ބަންގްލަދޭޝަށެވެ.

ވައިޑްބޮޑީ މަތިންދާބޯޓު ގެނެސް، ދުރު މަންޒިލުތަކަށް ދަތުރުތައް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މީގެ ދެވަނަ ބޯޓު ރާއްޖެ ގެނެސް، މި އަހަރުގެ އޮކްޓޫބަރުގެ އުދުހުންތައް ފެށޭނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް