ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް އެފްސީ ބާސެލޯނާއިން ލެގާނޭސް ބަލިކޮށް، ބަލިނުވެ 24 މެޗު ހަމަކޮށްފިއެވެ.
ލެގާނޭސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
ބާސާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި ނަމަވެސް ބާސާގެ ފަރާތުން މާ މޮޅު ކުޅުމެްއ ނުފެނެއެވެ. މެޗުން މޮޅުވި ލަނޑަކީވެސް ލެގާނޭސްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ބާސާއިން މެޗަށް ނެރެފައިވަނީ އެންމެ ފަހުން ޔުއޭފާ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ބައްދަލުކޮށް 4-0 އިން މޮޅުވި ޓީމަށް ދެ ބަދަލެއް ގެނެސްގެންނެވެ. ނަމަވެސް، މެޗުގައި ބާސާގެ ފަރާތުން އެ މެޗުގައި ފެނުނު މޮޅު ކުޅުމެއް ނުފެނެއެވެ. އޭގެ ބަދަލުގައި މެޗުގައި ނުރައްކާތެރި ގިނަ ހަމަލާ އުފެއްދިތަން ފެނުނީ ލެގާނޭސްގެ ފަރާތުންނެވެ.
ފުރަތަމަ ހާފުގައި ވެސް ލެގާނޭސްއަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ބާސާއަށް ކިރިއާ ވެސް ރަނގަޅު ކުޅުމެއް ކުޅެވެން ފެށީ ލީޑު ނެގުނު ފަހުންނެވެ. މެޗުގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިން މިނެޓު ކާމިޔާބުވިއިރު މި ލަނޑަކީ ލެގާގޭސްގެ ހޯގޭ ސައެންޒްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ މުހިންމު އެއް ޑިފެންޑަރު ކަމަށްވާ އަލެހަންޑްރޯ ބާލްޑޭއަށް އަނިޔާވެގެން ބާލަން ޖެހުނެވެ.
މި ކާމިޔާބީއާ އެކު ބާސާ މިހާރު އޮތީ 70 ޕޮއިންޓާ އެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެމެދުގައިވާ ފަރަގު މިހާރުވަނީ ހަތް ޕޮއިންޓަށް އިތުރުވެފައެވެ. މެޗުން ބަލިވި، ލެގާނޭސް އޮތީ 28 ޕޮއިންޓާ އެކު 19 ވަނައިގައެވެ.
މުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކުގެ ނަތީޖާއަށް ބަލާލާއިރު ރެއާލް މަޔޯކާއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު 2-0 އިން މަޔޯކާ ކާމިޔާބުކޮށްފައިވާއިރު ލާސް ޕާލްމާސްއާއި ގެޓާފޭ ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކޮށްފައިވަނީ ލާސް ޕާލްމާސްއެވެ. އަދި، އެސްޕަންޔޯލްއާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ އެސްޕަންޔޯލްއިންނެވެ.